Wednesday, December 7, 2011

Majalakah kuri dhathuru



ސަމާސާ އަދަބު:
މަޖަލަށް ކުރި ދަތުރު . . .

 ލިޔުނީ: މުޙައްމަދު ޝާހީން 


                ކޮންމެ އަހަރެއްގެވެސް ބޮޑުބަންދު ޗުއްޓީއަކީ މަސައްކަތުގެ ބުރަ މާޙައުލުގައި ހޭބޯނާރާ، އަވަދިނެތި މަސައްކަތް ކުރުމަށްފަހު ލިބޭ އުފާވެރިކަމުގެ ދުވަސްތަކެކެވެ. ރައްޓެހި ރަޙުމަތްތެރިން އެއްތަންވެ، ސަޅިބައިސާ ކެނޑުމުންނާއި، ތަފާތު ކެއުންތަކަށް އިންސާފުކުރުމުން އުފާލިބިގަންނަ ދުވަސްވަރެއްވެސް މެއެވެ. ސިކުނޑި ތާޒާ ކޮށްލާ ހަމަޖެހިލުމަށްޓަކާ މިދުވަސްވަރު އެކިމީހުން އެކިކަހަލަ ކަންތައްތައް ރާވާ ހަދައެވެ.
               ކޮންމެ އަކަސް މިދިޔަ އަހަރުގެ ބޮޑުބަންދު ޗުއްޓީގެ މިދެންނެވުނު ދުވަސްވަރު އައުމާއެކު، ކުރިން މިދެންނެވުނުފަދަ ޕްލޭންތައް ރާވަން ފަށައިފީމެވެ. އެކުވެރި 


ރަޙުމަތްތެރިންނާ އެކުގައެވެ. މިބަންދުގައި ކުރަން އެންމެ ރަނގަޅު ކަމެއްކަމަށް ގިނަ ބަޔަކަށް ފެނުނީ، އަހަރެން ދިން ހިޔާލާ އެއްގޮތަށް ފަޅުރަށެއްގައި އެއްރޭ ހޭދަކުރާގޮތަށް ދަތުރެއް ދިއުމެވެ.
             ދަތުރަށް ޕްލޭން ކުރިގޮތާ އެއްގޮތަށް ހުކުރު ނަމާދުން ފޭބިގޮތަށް ފުރައިފީމެވެ. އަންހެންވެރިން ނެތެއް ކަމަކު ކީގަޑިޔަށް ފުރޭގޮތެއް ނުވިއެވެ. ދަތުރުގެ ބައިވެރިންނަކީ އެއް އުމުރެއްގެ ސިޔާސަ 18 ވަރަކަށް ފިރިހެން ކުދިން ކަމަށްވުމާއެކު، ދޯނިމަތީގައި ސަކަރާތްޖެހުމާ، އެކަކު އަނެކަކަށް ޖެއްސުންކުރުމާއެކު، ތަފާތު އެކިއެކި ކުޅިވަރުތައް ފެށިއްޖެއެވެ. ލަވަބާޒީ އާއި ތާސްބައި ކުޅުމާ، ރާޒުވާ ކުޅުން ރަނގަޅަށް ވަކިހިއްޕާލައިފިއެވެ. ހުންގާނުގައި ހުރިސޮރު ހަމަ އަނގައިންވެސް ނުބުނެ ކުރިއަށް ނަޒަރު ހުއްޓާލައިގެން ޖެހި ބުދެއްހެން ހުރިއިރު، ފިލާގަނޑުގެ ދެފަރާތުގައި ދެކުއްޖަކު ނަނު ދޫކޮށްގެން ތިއްބެވެ.
             ރޭގަނޑު ގަޑީ މަޑުކުރުމަށް ހަމަޖެހިފައިވާ ފަޅުރަށާ ހަމައަށް ފޯރިއިރު އަސުރުން ތިރިވެދާނެއެވެ. ފަޅުކައިރިއަށް ގާތްވުމާއެކު، މާސްކު އަޅާ ފިންސް ލައްވާލައިގެން 8 ކުދިން ތޮށިކައިރިން ކަނޑަށް ފައިބައިފިއެވެ. މިމީހުން ފޭބީ މަސްމެރުމަށް ދަގަނޑު ހިފައިގެންނެވެ. ދޯނީގައި އަހަރެންނާއެކު ތިބި ކުދިންކޮޅާއެކު ފަޅަށްވަދެ ދޯނި ރަނގަޅަށް ހައްޔަރު ކޮށްފާ، ރަށަށް ފައިބައިފީމެވެ. އަހަރެމެންގެ ފުރަތަމަ މަސައްކަތަކަށްވީ ލިބެން އުޅޭ މަސްކޮޅަށް ރަނގަޅު ގޮތެއް ހަދާލައި، ރޭގަނޑުގެ ނާސްތާއަށް ނޫޑްސް ކެއްކުމަށް އަލިފާން އަންދާނޭ ދަރުހޯދުމެވެ. މިކަމެއް ކުރާންޖެހުނީ ގޭސްފުޅިއާ ގޭސް އުނދުން ހޯދަން ހަވާލުވި ގްރޫޕުން ފަރުވާ ކުޑަކޮށްލުމުންނެވެ.
              ދަތުރުގެ ފޯރިހިފީ، މަސްމަރަން ފޭބި ކުދިންކޮޅު ރަށަށް އެރުމުންނެވެ. ފުދޭވަރަށް މަސްމަރާފައި ހުއްޓެވެ. މަސް މަރަން ފޭބި ކުދިންތައް އިތުރު ކަމަކާ ގާތްނުވާނޭ ކަމަށްބުނެ އެތާހުރި ވަޅަކުން ގަޔަށް ހެޔޮފެން އަޅަން ފެށުމުން، ދެންތިބި ކުދިންތައް މަސްކަނޑާ، ކެއުން ތައްޔާރުކުރުމައިގެން މަސްޢޫލު ވެއްޖެއެވެ. ގަޔަށް ހެޔޮފެން އަޅަންތިބި ކުދިންތައް އެކަމެއް ނިމުނު ކަމަށްވީ، ކެއުން ތައްޔާރުވާހާ އިރަށެވެ. ދެން ދިޔައީ ކެއުމަށް އިންސާފުކުރުމުގެ ވަގުތެވެ.
              ކެއުމުގެ ކަންތައް ނިމުމާއެކު އެންމެން ވެގެން ބިމުގައި ބޮޑު ސަތަރިގަނޑެއް ފަތުރައި، ހަތަރު ކަނަށް ހަތަރު ދަނޑި ހަރުކޮށް އެހިސާބުގެ މަތިވެސް ސަތަރިގަނޑަކުން ހިޔާކޮށްފީމެވެ. އަދި ގެނައި ސަތަރިތަކުގެ އެހީގައި ވަށައިގެން ބައްދާ، ކުޑަވަރެއްގެ ގެއެއް ހަދާލައިފީމެވެ. ގޭގެދޮރު ބެހެއްޓީ އަތިރިޔާވީ ދިމާލަށެވެ. މިކަމުން އަވަދިވީތަނާ އަހަރެމެންގެ ތެރޭގައި އެންމެ ހަރުކޮށްހުރި މީހާ ވާހަކަ ކިޔައިދޭން ފަށައިފިއެވެ. މިވާހަކަ އަޑުއެހުމަށް އެންމެން ހިމޭންވެ މިބޭބެގެ ކައިރިއަށް ޖަމާވެ އިށީންދެއްޖެއެވެ. މިބޭބެ ކިޔައިދޭންފެށީ، އަސްތާ ސަހަލު ވާހަކައެއް ނޫނެކެވެ. އަހިސް މިތިބި ފަޅުރަށާ ގުޅުވައިގެން ބިރުން ފިއްކަނޑައިގެން ދާވަރުގެ ވާހަކަ ތަކެކެވެ. މިވާހަކަތައް ކިޔައިދިނުމުގައި އެގެންގުޅުނު ގޮތަކުން މިއީ ހުސްބުޙުތާނު ދޮގުކަން އެނގޭވަރުގެ މަދު ކުއްޖަކު ނޫނީ ނެތެވެ. ވާހަކަ ނިމުނު އިރު އެއްބަޔަކު ހަމަ ރަނގަޅަށްވެސް ބިރު ގަނެއްޖެއެވެ.
              ފަޅުތެރޭގައި ދާޖަހަންދާން ތައްޔާރުކުރުމުން މިކަމުގައި ބައިވެރިނުވާން އެއްބަޔަކު ނިންމައިފިއެވެ. އެއީ ކުރިން ކިޔައިދިން ވާހަކައިން ހިތައް ބިރުވެރިކަން ވެރިކުރުވި ވަރުންނެވެ. ދާޖެހުމުގައި ބައިވެރިވާނޭ މީހުން މަދުވުމުން އެކަން މުޅިން ވައިވެއްޖެއެވެ. މިކަމާ އެއްބަޔަކު ވަރަށްބޮޑަށް ހިންހަމަ ނުޖެހިއްޖެވެސް މެއެވެ. ކަން މިހެންވުމުން އަހަރެންވެސް ސަތަރީގެ ގޭތެރެއަށްވަދެ ދޮރުން ބޭރު ފެންނާނޭހެން އޮށޯއްވެ ނިދައިފީމެވެ.
              ސަހަރޯއެވެ. ކަމަކު ދާކަށްނެތެވެ. މުޅި ފަޅުމިވަނީ ދިއްލާ އަޅާލާފައެވެ. އެކީ އެކަށްޗަކަށް ރެދަން ލާފައެވެ. ގޮނޑުދޮށުގައި ދަމަށްތިބި ކުދިންކޮޅުތިބީ ނިންޖާ ޖެހިފައެވެ. މާކަ ގިނައިރެއްނުވެ ފެންގަނޑު ކަފާފައި އެހެރަ އަންނަނީ ހުތުރު ސިފައަކަށްހުރި ބޮޑު ފުރޭތައެކެވެ. އަރައިގެން އެއައިގޮތަށް އަހިސް އަހަރެމެން ނިދަންތިބި ގެއަށްވަދެއްޖެއެވެ. އެކި ދިމާލަށް ނަޒަރު ހިންގާލާފައި އެއައިގޮތަށް އަހިސް އަހަރެންގެ ކައިރީގައި ނިދާފައި އޮތް ސޮރުގެ ކަދުރާގައި ހިފައިފިއެވެ. އެއާއެކު އަތުގެ ތޫނު ވަކިތަކުން އެޅުނު ޒަހަމްތަކުން އަހަރެންގެ މުޅިމޫނަށް ލޭ ބުރައިގެން ދިޔައެވެ.
              ބިރުން ސިއްސައިގެން ގޮސް ކުއްލިއަކަށް ހޭލެވުނީ މަތިން އަހިސް ސަތަރިގަނޑުގައި ޖެހުނު ކޮތަޅެއް ފެޅި އޭގެން ފޭބި ފެންތިކިތައް ސީދާ އަހަރެންގެ މޫނަށް ފައިބަނިކޮށެވެ. ދެން ވާނޭގޮތް ވިސްނަވާށެވެ. ފެނުނު ހުވަފެނުގެ އަސަރު ކުރާނޭ މިންވަރު ތަސައްވަރު ކުރައްވަވާށެވެ. ކުއްލިއަކަށް ހަށި ފޮޅާލާ ތެދުވެ ބަލައިލިއިރު ދޮރުމަތީގައި މިހުރީ ބޮޑު ކަޅު އެއްޗެކެވެ. ހަނދު އަރަމުން އައިގަޑީގައި އަތިރި މައްޗަށް ފޯރުވަމުން ދިޔައަލިކަމުން ދޮރުގައި އެހުރީ އަހަރެމެންގެ ތެރެއިން މީހެއްކަން ހަމަ ކުޑަކޮށްވެސް ތަސައްވަރު ކުރެވިދާނެތޯއެވެ. އެތައްކަމެއް އިއްތިފާޤުން ނަމަވެސް ދިމާކުރިގޮތުން ހަޅޭފަޅޭ ޖަހައިގެންފައި ދުއްވައިގަނެވިއްޖެއެވެ. ކައިރީގައި ތިބި މީހުންނަށް ހޭލެވި އަހަރެންގެ ފަހަތުން ދުއްވައިގެންފިއެވެ. މަޑުކުރާށޭ ގޮވަމުންނެވެ. ފަހަތުން އެސޮރު އެއަންނީ އަހަރެން އަތުލާ ކާށޭ ހީވާއިރު މަޑުކުރެވޭނެ ތޯއެވެ. އަހަރެން މައިތިރިވީ ރުކެއްގައި މީހާ ރަނގަޅަށް ތަތްވުމުންނެވެ. އެއާއެކު ހަބަރު ހުސްވެ މީހާ ދެމިއްޖެއެވެ.
              ހޭވެރިކަން ވީއިރު ދުވާލުގެ އަލިކަން ދުނިޔެއަށް ފޯރައިފިއެވެ. ގައިގެ އެކިތަންތަނަށް ތަދުވާވަރުން ހިރިލަންވެސް ނުކެރުނެވެ. ކަންހިނގިގޮތް ރައްޓެއްސެއް ކިޔައިދިނުމުން ހިނި އަހިސްފައި އެހެންމީހުންނަށް ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. މަސްލަޙަތު މިވަނީ ގޯސްވެފައެވެ. ރޭގައި ވަކި ގުރޫޕެއް ހަދައިގެން މީހުން ބިރުގެންނެވުމަށް ގަނޑެއް ގަންބަޔަކާ ދެންތިބި މީހުންނާ މޫނާ މޫނު ދިމައެއް ނުވެއެވެ. އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެ އިށީންދެގެން އެބަތިބެއެވެ. އަހަރެންވެސް އެގޮތުގައި އިދެއްޖައީމުއެވެ.
              މެންދުރަށް އަޅާލިއިރު ހައިހޫނުކަމުގެ ސަބަބުން ކެއްނުވެ ރުޅި މައިތިރިވީ ތޯއްޗެކެވެ. ރޭގައި މީހުން ބިރުގެންނެވުމަށް އުޅުނު ގުރޫޕްގެ ދެކުއްޖަކު ވެގެން ކައްކަން އުޅެގެންދިއެވެ. ކައްކާ ނިމުމަކާ ގާތްވެފައިވަނިކޮށް އަހަރެމެންގެ ތެރޭގައި އިން ކުއްޖަކު ކުއްލިއަކަށް ތެދުވެގެންގޮސް ތެއްޔަށް ވެލިއަޅާފައިފިއެވެ. އަނެއްކާވެސް މައްސަލައެކެވެ. އެހެން ނަމަވެސް އެކަކުވެސް އެއްޗެކޭ ނުބުނެ ކުރިން ތިބި ގޮތަށް ތިބެއްޖެއެވެ. އައި ދޯނި އަހަރެމެން ގުޅުމުން އަންނަ ގޮތަށް ރަށަށް ފުރުވާލާފައި ވުމާއެކު، ރަށަށް ގުޅައިފީމެވެ. އިތުރަށް ދަތުރު މަޖާނުވަނީސް ރަށަށް ދެވޭތޯ ބެލުން ބުއްދިވެރިކަމަށް ވިސްނިގެންނެވެ. ކޮންމެ އަކަސް މަޖާ ކޮށްލުމަށް ރޭވި މިދަތުރު ނިމިގެން ދިޔައީ ހިތްދަތި ދަތުރަކަށެވެ. ރުޅި އިސްކުރުމާ މަޖާކުރުމުގައި ހައްދުފަހަނަ އަޅާ ދިއުމުގެ ނަތީޖާ ރަނގަޅަށް ފެނިގެންނެވެ.
=============================== ނިމުނީ ===============================   

No comments:

Post a Comment

Comment