Saturday, March 15, 2014

ތަފާތެއްވެޔޭ . . . ( ދެވަނަ ބައި )

 ތަފާތެއްވެޔޭ . . .( ދެވަނަ ބައި 



ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ) / ބޮކަރުމާގެ، އދ. ކުނބުރުދޫ



          "އެއްވެސް ކަމެއް ނުވޭ.. މިހާރު ފޫޓެއްހާތަން ފުނަށް ކޮނެވިއްޖެވިއްޔާ ގައިމު. ކޮންއެއްޗެއް އޮވެގެންތަ މިތަން ތިކޮންނަންބުނީ.."
ކުރަމުންދިޔަ މަސައްކަތުން އެއްވެސް ނަތީޖާއެއް ނުފެނި ވަގުތު ދިގުލަން ފެށުމުން ނާއިލްއަށް އަނގަމަޑުންލައިގެނެއް ނުހުރެވުނެވެ. އެހެނަސް އޭނާ ދެއްކިވާހަކައަށް ހާމިދު އެއްވެސް ރައްދެއް ނުދިނުމުން އޭނާ އަނެއްކާވެސް ކޮންނަން ފެށިއެވެ. މާކަ ގިނައިރުތަކެއްނުވެ، އަތުން ކަހާލައި ނެގި ފަސްމުށާއެކު ވަޅުގަނޑުގައިވާ ފަސްގަނޑަށް ކުޑަލޮޅުމެއް އަތުވެއްޖެއެވެ. އެވަގުތު ނާއިލްއަށް ތެޅިގަނެވުނެވެ.

        "މަޑުކުރޭ.. މަބޭނުމެއްނޫން ކަލޭގެ ހަދާ ގޯހަކުން، މަކޮށްދޭ މަސައްކަތެއް ބޭކާރުވެ، އަހަރުން ދެމީހުންނަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭކަށް"
ހާމިދުގެ އަޑާއެކު، ކޮންނަމުން ދިޔަ ވަޅުގަނޑާ ދިމާއަށް ގެންގޮސް ގެންގޮސްހުރި ނާއިލްގެ އަތް ހުއްޓުނެވެ. އަދި އެނބުރި ހާމިދަށް ބަލައިލިއެވެ.
"އުނހޫ.. މިގަޑީ އިތުރު ސުވާލެއް ކުރަން ނުހަދާތި. މިޓޯޗްގަ ހިފަހައްޓާ.."
ނާއިލް އިތުރު އެއްޗެކޭ ނުބުނެ ހާމިދުގެ އަތުގައި އޮތް ޓޯޗްގައި ހިފިއެވެ. އަދި އޭނާ ދެންމެ ކޮންނަމުންދިޔަ ވަޅުގަނޑަށް އަލިކޮށްލިއެވެ. އޭރު އެވަޅުގަނޑުގައިވާ ވެލިގަނޑަށް ވަރަށް ބޮޑަށް ލޮޅުން އަރަމުން ދިޔައެވެ. ހަމަ ޔަގީނުންވެސް ކޮންމެވެސް ދިރުމެއް އެފަސްގަނޑުގެ ދަށުގައި އެބަވެއެވެ.
        ނާއިލް ޓޯޗްގައި ހިފުމާއެކު ބަލާކަށް ނުހުރެ، ހާމިދު ކަނާއަތް ކުރިއަށް ދަމާލައި ރަނގަޅަށް މުއް ހުޅުވާ ލުމާއެކު، ވަޅުގަނޑުގައިވާ ފަސްގަނޑުގެ ތެރެއަށް އަތްކޮށްޕާލިއެވެ. ހަމަ އެބާރު މިނުގައި އެއްޗެއްގައި ހިފާ ދަމައިގަންނަފަދަ ގޮތަކަށް ފަސްގަނޑުގެ ތެރެއިން ހަލުވިކަމާއެކު އަތް ދަމައިގަތެވެ. އެއާއެކު ވިދާލި ވިދުވަރެއްގެ އަލިކަމުގެ ތެރެއިން ފުރޭނިގެން އައި އަލިފާން ކޮޅު އަމާޒުވީ މަހާނަ ކައިރީގައި ކޮނެފައިވާ ވަޅަށެވެ. މިފަހަރު ނާއިލް އެކޭ އެއްފަދައިން ހާމިދަށްވެސް ސިހުންލިބުނެވެ. ދެންމެ ކުޑަވަގުތުކޮޅެއް ލަސްވި ނަމަވެސް، މިހާރު ވައްރޮނގަކަށް ވަޅުގަނޑުގައި ހިފާފައިއެވާ އަލިފާނުގެ ޝިކާރައަކަށް ވީހީ ހާމިދުގެ އަތް ކަމާމެދު ޝައްކެއްނެތެވެ.
        ނާއިލްއަށް ހާމިދުގެ އަތަށް ބަލައިލެވުނީ އަލިފާން ކަނިވަމުންގޮސް އެއްކޮށް ނިވުމުންނެވެ. އޭރު ހާމިދު ހިނިތުންވެފައި އޭނާގެ އަތުގައިވާ އެއްޗަކަށް ބަލަންހުއްޓެވެ. ނާއިލް ހާމިދުގެ އަތަށް ރަނގަޅަށް އަލިކޮށް ބަލައިލިއެވެ. އޭނާއަށް ލިބުނު ހައިރާން ކަމާއެކު، ބިރާއި ފަކުރު ގަތުމުގެ އިހުސާސް ކުރެވުނެވެ. ހާމިދުގެ އަތުން ހިފަހައްޓާލައިގެން އެހުރީ ހަރުފަ އެއް ނޫނީ ނަންނުގަތި ފާޑުގެ އެއްޗެއްގައެވެ. އެސޮރުގެ ދިގުމިނުގައި ފޫޓެއްވަރު ހުންނާނެއެވެ. މުޅިގައިން ފާޑެއްގެ ލޮނދިގަނޑެއް ފައިބަމުންދިޔައިރު، ހަރުފައެއް ހަރަކާތް ކުރާފަދައިން ހަރަކާތްކުރަމުން ގެންދިޔައެވެ. އެސޮރުގެ ދެލޯ ރަތް ބޮއްކެއްހެން ދިއްލިފައިވާއިރު ކާއެއްޗަކަށް ދަހިވެފައިވާކަން ދޭހަކޮށްދޭފަދަ ގޮތަކަށް އަނގަ ތަންމިނަށް ހުޅުވައިގެން އޮތެވެ.
         "ނާއިލް. އަވަހަށް ގެއަށްދާން އުޅެމާ. މިރޭގެ މަސައްކަތް މިއޮތީ ފުރިހަމަވެފައި. ގެއަށް ނުދެވި މިތަނުގައި ލަސްކޮށްފިއްޔާ، ދެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ"
ހާމިދުގެ މިބަހާއެކު ދެމީހުން އެކުގައި ގަބުރުސްތާނުން ނުކުންނަން ހިނގައިގަތެވެ. އެދެމީހުންނަށް ގަބުރުސްތާނުން ނުކުމެވުނުއިރު ކޮނެފައިދިޔަ ވަޅުގަނޑަށްވަނީ ފަސްލެވި ފޮރުވިފައެވެ. ވަޅުގަނޑު ކޮނުނީ ނާއިލް ކަމަށްވިޔަސް އެވަޅުގަނޑަށް އެދެމީހުންކުރެ މީހަކު ފަސްނާޅާކަން ކަށަވަރެވެ. ވީއިރު މިރޭގެ މި މަސައްކަތާއެކު ހާމިދާއި ނާއިލްއަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ނުޖެހޭނެ ބާވައެވެ؟...
         "ނާއިލް. މިތަވީދު އުނަގަނޑުގައި އަޅައިގެން ދެން އަވަހަށް ގެއަށްދޭ. މިރޭ ދެން ގެއިން ނުނިކުންނާތި. މިކަމުގެ އަސްލު މަސައްކަތް ފެށޭނީ މާދަންރޭ. ނާއިލް ހޯދަންވީ ތަކެތި މާދަމާ ބައްދަލުވީމާ ބުނާނަން"
ހާމިދު ނާއިލަށް އިރުޝާދު ދެމުން ގެންދިޔައީ ހާމިދުގެ ކަންވެރިކަމަށް ހާއްސަ ކޮޓަރީގައެވެ. ހާމިދަކީ ބޮޑު މުއްސަންޖަކަށް ވެފައި، އޭނާގެ ގެއާއި ކޮޓަރިތަކުންވެސް ފެންނަނީ އެންމެ ޒަމާނީ ކުލަވަރެވެ. މޮޅުފަރުނީޗަރުގެ ފެންވަރާއި ފަންވަރެވެ. އެހެނަސް މިކޮޓަރި ފިޔަވައެވެ. ކޮޓަރީގެ ވަށާ ފާރުގައިވަނީ ކަޅުކުލައިގެ ފޮތިދަމާ ނިވާކޮށްފައެވެ. އެއްވެސް ކުޑަދޮރެއް ހުރިހެނެއް ހިއެއް ނުވެއެވެ. ކޮޓަރީގައި ފަރުނީޗަރަކަށް ހުރީ މޭޒަކާއި 3 ގޮނޑިއެވެ. ދެން އޭނާގެ ފޮތްތައް ލާފައިވާ ދެތިން ފޮތް ހަރުގަނޑެވެ.
        ހަމަހިމޭން މިދަންވަރުގައި ނާމާންކަމުގެ އިންތިޙާ ދަރަޖައިގެ އިޙުސާސް ކުރަމުން، ނާއިލްއަށް ގޯތިތެރެއަށް ވަދެވުމާއެކު ދުވެފައިގޮސް ގެއަށް ވަނެވެ. އަދި ދޮރުލައްޕާ ތަޅުލިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ. މުޅިމީހާވަނީ ދާހިއްލާ ފޯވެފައެވެ.
        އަލަމާރިން އައިސް ފެންފުޅިއެއްނަގާ ކަރުހިއްކުން ފިލުވާލުމަށްފަހު ނާއިލް އެދުގައި އޮށޯއްވެލިއެވެ. ވެފައިވާ ވަރުބައްޔާއެކު، އޭނާއަށް ފިކުރުތަކުން ދުރުވެވި ނިދޭކަށް މާކަ ގިނައިރެއް ނުނެގިއެވެ. އަރާމު ފޮނިނިދީގެ ތެރެއަށް އޭނާ ޣަރަގުވެއްޖެއެވެ. އެހެނަސް މިއަރާމު ނިދިން ނާއިލްއަށް ގިނަ ވަގުތަކު ފޮނިކަން ލިބިދާނެ ކަމާމެދު މިރޭ ޝައްކެވެ.
        ނިދީގެ ތެރެއިން ނާއިލް ހުވަފެނީ އާލަމަކަށް ދަތުރުކޮށްފިއެވެ. އޭނާ އޭނާގެ ކޮއްކޮއާއެކު ނުހަނު އަމާން ކަމާއެކު، ރީތި މާބަގީޗާއެއްގައި އުފާވެރި ވަގުތުތައް ގުނަމުންދަނީއެވެ. އެއުފާވެރިކަން ނިމުމަކަށް ގެނުވީ ކުއްލިއަކަށް މާދުރުން އައި ގޮތްނޭނގޭ ޒުވާނެކެވެ. އެޒުވާނާ އޭނާގެ ކޮއްކޮ، އޭނާއާ ވަކިކޮށް އެއަނިޔާވެރި މުށުތެރޭގައި އަނިޔާވެރިކަމުގެ އިންތިޙާ އިޙުސާސްކުރަން ޖައްސައިފިއެވެ. ނާއިލްއަށް އޭނާގެ ކޮއްކޮ ސަލާމަތް ކުރަން ކުރެވުނު ކަމެއް ނެތެވެ. ކޮއްކޮ ސަލާމަށް ކުރަން ދިއްކޮށްލި އަތުގައި ބާރެއްނެތެވެ. އޭރު ނާއިލްގެ ކޮއްކޮގެ ރުއިމާއި ގިސްލުމުގެ އަޑުގަދަވަމުން ދިޔައެވެ.
       ފެންނަމުންދިޔަ ހުވަފެނުން ނާއިލްއަށް ހޭލެވުމާއެކު ވަށައިގެން ހޯދާ ބަލައިލެވުނެވެ. ނާއިލް ކިތަންމެ ނިދަން ބޭނުމަސް ދެން އޭނާއަށް މިރޭ ނުނިދޭނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ބޮލުގައި އަތް އަޅައިގެން އިރުކޮޅަކު އެނދުގައި އިނުމަށްފަހު ނާއިލް ކޮޓަރިން ނުކުތެވެ. އެއާއެކު ނާއިލްގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ ރުއިމާއި ޖިސްލުމުގެ އަޑެވެ. އަޑުއަންނަނީ އޭނާގެ ކޮއްކޮ ކޮޓަރިންނެވެ. ލަސް އަދި އެހާމެ ބުރަހެލި ފިޔަވަޅުތަކެއްގައި ނާއިލް އޭނާގެ ކޮއްކޮގެ ކޮޓަރިއާ ހަމައަށްގޮސް މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އެއާއެކު ދޮރު ހުޅުވާލައި، ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ނާއިލްގެ ހިތަށް ވެރިކުރުވީ އިންތިޙާ ދަރަޖައިގެ ހިތްދަތިކަމެވެ. ވަގުތުން ލޮލުން ކަރުނަ ނީރާލައިފިއެވެ. ކުރެހިފައިވާ އަޑަކުން އޭނާގެ ކޮއްކޮއަށް ގޮވާލިއެވެ.
" ކޮއްކޯ ނާއިލާ... "
-- ނުނިމޭ --

No comments:

Post a Comment

Comment