Thursday, December 8, 2011

Ma'aaf 3 (Final)


މަޢާފް
( 3 ވަނަ ބައި )
ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )

  ނިރާޝާގެ އެއްވެސް ޚަބަރެއްނުވާތީ ނަޢުޝާދު ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ގުޅޭނެ ގޮތެއް އަދި ދިމާވާނެ ގޮތެއްވެސް ނަޢުޝާދުއަކަށް ނޭގެއެވެ. ކޮންމެވެސްގޮތެއްގައި ނަޢުޝާދު ނިރާޝާއަށްވީ ގޮތް ނޭގިގެން އުޅޭކަން އަންގައިދިނުމުގެ ގޮތުން ނިރާޝާއަށް ދެތިން ސޓީވެސް ވަނީފޮނުވާފައެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. އެހެންކަމުން ނަޢުޝާދުއަށްޖެހުނީ ނިރާޝާއަށް ވީގޮތްނޭގި އޭނާގެ އިންތިޒާރުގައި ހުންނާށެވެ.

  ދުވަސްތައް މާޒީއާއެކުވަމުންދެއެވެ. އޭގެ ތިންމަސް ދުވަސްފަހެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި ދާއިމީނަތީޖާ އިއުލާނުކޮށްފިއެވެ. މޫސަ ލ އަތޮޅު 


ދާއިރާގެ މެންބަރެއްގެ ގޮތުގައިވަނީ އިންތިޙާބު ވެފައެވެ. އެކަމާމެދު ދެމަފިރިން ތިބީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް މިއުފަލުގައި ބައިވެރިނުވާއެކަކު ވެއެވެ. އެއީ ނިރާޝާއެވެ. އެއީ އިންތިޙާބަށްފަހު މޫސަ އަވަސްވެގަންނާނީ ނިރާޝާގެ އެބޯރޝަންގެ މަސައްކަތައްކަން ނިރާޝާއަށް ކަށަވަރުވެފައިވާތީއެވެ.ޖެހިގެން އައިދުވަހު ނިރާޝާ ގޮވައިގެން މޫސަ އޭ.ޑީ.ކޭ އަށް ދިޔައެވެ. ޑޮކްޓަރަށް ދެއްކުމަށެވެ.

  ހަމަޔަޤީނުންވެސް ތަޤުދީރުގެ ރޭވުމަކީ އެއްވެސް އިންސާނަކަށް ޚަބަރުވެފައިނުވާ ޤުތުދަރަތުގެ ގާނޫނެކެވެ. އެދުވަހު ނިރާޝާއާއި ނަޢުޝާދުގެ ބައްދަލުވުންވެސް ވެގެންދިޔައީ އެފަދަ އިއްތިފާގަކަށެވެ.ނަޢުޝާދުވެސް އޭނާގެ ދައްތައާއެކު ހޮސްޕިޓަލަށް ގާތްތިމާގެ މީހެއްގެ ގާތަށް ޒިޔާރަތް ކުރިދުވަހެވެ. ނަޢުޝާދުއާއި ނިރާޝާއަށް ދެމީހުން ފެނުނީ އެއްފަހަރާކަހަލަ ގޮތަކަށެވެ. ނަމަވެސް މޫސައަކަށް ނަޢުޝާދުއެއް ނުފެނެއެވެ. ދެލޯބިވެރިން އެކަކުގެ ހިތުން އަނެކެއްގެ ހިތަށް އެކިގޮތްގޮތުން މެސެޖުތައް ފޯރުކޮށްދެމުންދާކަހަލަ ގޮތަކަށް ކަޅިޖަހާވެސް ނުލައި އެހާ ދުރުންވެސް ބަލަހަށްޓައިގެން ތިއްބެވެ. ނިރާޝާމެންނަށް ލިބިފައިވާ ނަންބަރު ޖެހުމުން މާބަނޑު މީހުންގެ ޑޮކްޓަރު އިންނަވާ ކޮޓަރިއަށް ދިޔައެވެ. އެވަގުތު ނަޢުޝާދުއަށް މިވެގެން އުޅޭ ހުރިހާކަމެއް އެނގި ސާފު ވެގެންދިޔައެވެ. ޑ.ރ ގެ ކޮޓަރިއަށް ވަނުމުގެ ކުރިން ނިރާޝާ އިޝާރާތުުން ކޮންމެވެސް ވާހަކައެއް ބުނަން އުޅުނެވެ. ނަމަވެސްެން  އެއީ ކޮންވާހަކައެއްކަމެއް ނަޢުޝާދުއަކަށް ނަގައެއް ނުގަނެވުނެވެ. ޑރ ގާތުގައި އެބޯރޓްކުރަން ބޭނުންކަމުގައި މޫސަ ބުންޏެވެ. އެހެންކަމުން ޑރ ނިރާޝާގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ޗެކްކޮށްލަންބޭނުންވިއެވެ.އެއީ ނިރާޝާގެ އުމުރާމެދު ވިސްނާލައިފައެވެ. ޑރ ރަނގަޅަށް ބެލުމަށްފަހު އެބޯޝަން ހައްދައިފިނަމަ ނިރާޝާގެ ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމުގައި ބުންޏެވެ.އަދި ދެން ދުވަހަކުވެސް ދަރިއަކު ނުލިބޭނެކަމުގައިވެސް ބުންޏެވެ. އުންމީދުގެއްލިފައިވާ ހާލުގައި މޫސަ ޑރގެ ކޮޓަރިން ނުކުމެ ގެއަށްދިޔުމަށް މިސްރާބުޖެހިއެވެ.

  މޫސައާއި ނިރާޝާ ޑ.ރގެ ކޮޓަރިން ނިކުތްއިރުވެސް ނަޢުޝާދު ހަމައެއިންތާގައި ޖެހިބުދެއްހެން ފިކުރެއްގެ ތެރެއަށް ގެއްލިފައި އިނެވެ. މިފަހަރު މޫސައަށްވެސް ނަޢުޝާދު ފެނުނެވެ. ނަމަވެސް ނަޢުޝާދުއަކަށް އެދެމީހުން ނުކުމެގެން ދިޔަތަނެއް ނުފެނެއެވެ. މޫސައާއި ނިރާޝާގެއަށް ވަނުމާއެކު ޒާހިޔާގެ ސުވާލުތައް ދެމީހުނަށް ވެސް އަމާޒުކުރަންފެށިއެވެ. އެހެންކަމުން މޫސައިސްވެ ޒާހިޔާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އަދި ދެމަފިރިންގެ ރޭވުމާއެކު ނަޢުޝާދުއަށް އަނިޔާއެއް ދިނުމަށް ނިންމިއެވެ. އެދެމަފިރިންގެ ދިރިއުޅުން ވެއްޔާ މޮޑެލީތީއެވެ. އެހެންކަމުން ގޭންގ އަކަށް ފައިސާދީގެން ނަޢުޝާދުއަށް ހަމަލާ ދިނުމަށް ނިންމިއެވެ.

  ދުވަސްތައް މާޒީއާއެކުވެގެން ދިޔައެވެ. ނިރާޝާގެ ބަނޑަށް ދުވަސްފުރި ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. އެއީ މާލޭގައި ބޮޑުމާރާމާރީއެއް ހިންގައި މީހަކު މަރާލު ދުވަހެކެވެ.  " ތޫނުހަތިޔާރަކުން ޒަހަމްކޮށްލައިގެން ރޭ ދަންވަރު އެއްގަޑި ތިރީސްކައްހާއިރުު މީހަކު މަރައިލައިފި" އެއީ އެދުވަސްވަރުގެ ޚަބަރުގެ ފަލަށުރުޙީތަކުގައި މައިގަނޑު ގޮތެއްގައި ދެކެވެމުންދާ ވާހަކައެވެ. އެހެންނަމަވެސް މޫސަގެ ދެމަފިރިން ނިރާޝާއަށް އެދުވަސްވަރުގެ ކަންތައްތައް ނޭންގުމަށް ކުރެވުނުހާ މަސައްކަތެއްކުރަމުން ގެންދިޔައެވެ. އެގޮތުން އެމީހުންތިބި އޭ.ޑީ.ކޭގެ 22 ވަނަ ޕްރައިވެޓް ރޫމަގައި ހުރި ޓީވީއިން ދިވެހިރާއްޖޭގެ އެއްވެސް ޗެނަލްއެއް ނުފެންނާނެހެން ކަނޑާލައިފައިވެއެވެ. އެހެންނަމަވެސް އެކަމަކާއި ނިރާޝާއާހުރީ ކޮންގުޅުމެއްބާވައެވެ. ނިރާޝާއަށް ހޭވެރިކަން ލިބުނުވަގުތެވެ. ދެލޯހުޅުވާކުމާއެކު ފުރަތަމަވެސް ލޯބިވާ ދަރިފުޅު ފެންނަން ނެތުމުން އެނދުކައިރީގައި ހުރި ގޮޑިއެއްގައި އިށީންދެއިން ޒާހިޔާއާއި ސުވާލުކުރިއެވެ. " ދަރިފުޅުކޮބާ ؟ " ޒާހިޔާ ހިތާމައިން ފުރިގެންވާ ރާގެއްގައި ބުންޏެވެ. " ދަރިފުޅާ . ވިހޭއިރު އެސޮރު އޮތީމަރުވެފައި .ޑޮކްޓަރުން ބުނިގޮތުގައި އެއީ ވިހެއުމުގެ ތެރޭގައި ދިމާވި ކަމެއް. ނިރާޝާގެ ހިތް ކުދިކުދިވެގެން ދިޔަކަހަލައެވެ. ބޭއިޚްތިޔާރުގައި ނޫނެކޭ ކިޔާފައި އަޑުގެކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ނަޢުޝާދުގެ ފަރާތުން ލިބުނު އަގުބޮޑު ހަދިޔާވެސް ނަޢުޝާދު ބީވެގެންދިޔަފަދަ ގޮތަކަށް ނިރާޝާގެ ހަޔާތުން އަބަދަށްޓަކައި ވަކިވެގެން ދިޔުމުންނެވެ.

   ޖެހިގެންއައިދުވަހެވެ. ލޮނުޒިޔާރަތް ކޮޅުގައިހުރި ފަޅުގެއެއްގެ ތެރޭގައި އެއްލާލައިފައި އޮތް ކުޑަކުއްޖަކު އޮއްވާފެނުނު ޚަބަރުވެސް އާންމުވެގެންދިޔައެވެ. އަދި މިހާރު އެކުއްޖާވަނީ ކުޑަކުދިންގެ ހިޔާއަށް ގެންގޮސްފައެވެ. އެހެންނަމަވެސް އޭގެ ދެވަނަ ދުވަހު ދަރިންނުލިބޭ މުއްސަނދި ދެމަފިރިޔަކު ވަނީ އެދަރިފުޅު އެމީހުންގެ ދަރިއެއްގެ ގޮތުގައި ބެލުމަށްޓަކައި ގެންގޮސްފައެވެ.އެދެމީހުންނަކީ މޫސަގެ ވަރަށް ގާތް ރަހުމަތްތެރިބައެކެވެ. މިޚަބަރު ނިރާޝާއަށްވެސް އަޑުއިވިފައިވެއެވެ. އެހެންނަމަވެސް އެކަމާއިމެދު ސަމާލުކަމެއް ނިރާޝާއަކަށް ނުދެވެއެވެ. އަމިއްލަދަރިފުޅު ނެތިދިޔުމާއި އޭނާގެ ލޯބިވެރިޔާގެ ލޯބިން މަޚުރޫމްވުމުގެ ހިތާމައިގައި ދުވަސްތައް ގުނަމުންދިޔައެވެ. އެއްވެސް އެއްޗެއް ކެއުމެއް ބުއިމެއްނެތެވެ. އެކަނިވެރިކަމުގައި ދުވަސްތައް ވޭތުކުރަމުންދިޔައެވެ.  އެގޮތުގައި އުޅެންފެށުމުން ނިރާޝާވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. އެކަމާމެދު މިއަދު އެންމެ ކަންބޮޑުވެ ފިކުރުކޮށް ވިސްނާހަދަނީ މޫސަގެ ދެމަފިރިންނެވެ. ހަމައެކަނި ހުރުދަރިފުޅުގެ ދިރިއުޅުން އެކުގައި ބަނަވެގެން އެދިޔައީ އެދެމަފިރިންގެ އިހުމާލުންކަމުގައި ދެކިއެވެ. ލޯބިވާމީހަކާއި ދުރުކުރުން އެއީ އެދެމަފިރިންގެ މުއްސަނދިކަމަށް ދަހިވެތިވެފައިވާ މިންވަރުން ކުރެވުނު ކަމެކެވެ. އެދުވަހު ދަރިފުޅުގެ އުފާތަކަށް އަލިމަގެއް ދައްކުވައިނުދީ އަމިއްލައަށް އިއްޒަތާއި ޝަރަފާއި މުއްސަނދިކަން ހޯދަން އުޅުމުން ކަންތައްތައް ވެގެންދިޔަ ގޮތެވެ.
  މިގޮތުގައި ދުވަސްތައް ފާއިތުވަމުންދިޔައެވެ. އޭގެ ފަންސަވީސް އަހަރު ފަހެވެ. ނިރާޝާވަނީ ލެއަށް ކެންސަރުޖެހިގެން އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ޑޮކްޓަރުން ބުނާގޮތުގައި ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައިވެސް ނިރާޝާ ދުނިޔޭގައި އޮންނާނެ ކަމަކަށް ލަފައެއް ނުކުރެއެވެ. މޫސަގެ ދެމަފިރިން ތާއަބަދުވެސް ނިރާޝާގެ ކައިރީގައި ވަގުތުތައް ހޭދަކުރަމުންދިޔައެވެ. މީގެކުރިންމިބައްޔަށް ފަރުވާކުރުމަށްޓަކައި ރާއްޖެއިންބޭރުގެ އެކިއެކިގައުމުތަކަށް ވަނީ ގޮސްފައެވެ. އެހެންނަމަވެސް ފަރުވާއެއްވަނީ ނުލިބިފައެވެ.

  ނިރާޝާއަށް ފަރުވާ ކުރުމަށް އައި ޑރ. ފުރަތަމަ ފެނުނުދުވަހުވެސް އޭނާގެ މާޒީގެ ޞަފްޙާތައް އުކެމުންގޮސް އެމަންޒަރުތައް އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔަކަހަލައެވެ. ނަޢުޝާދުއާއި އެއްވެސް ތަފާތެއްނެތެވެ. ވާހަކަދެއްކުމުގައި ގެންގުޅޭ އޯގާތެރި ގޮތާއި ރާގުގެ އިތުރުން ހެދިހުރި ހަށިގަނޑުން ހީވަނީ ނަޢުޝާދު ކުރިމަތީގައި ފެންނަން ހުރިހެންނެވެ. މިކަމާމެދު ޒާހިޔާއާއި މޫސަވެސް ކޮންމެވެސްވަރަކަށް ވާހަކަ ދައްކާ އުޅެއެވެ. ހަމައެހެންމެ ނިރާޝަވެސް  އޭނާގެ މަންމަ ޒާހިޔާއާއި އަބަދުވެސް އެ ޑރ.މުނާޒްއާއި ނަޢުޝާދުގެ ސިފަތައް އެއްގޮތްކަމުގައިބުނެ ވާހަކަ ދައްކަމުންގެންދެއެވެ. އަދި އެކަމާމެދު މާބޮޑަށް ފިކުރު ކުރަމުންދިޔުމުގެ ނަތީޖާއަކީ ނިރާޝާގެ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދިޔުމެވެ. ޖެހިގެން އައިދުވަހެވެ. ނިރާޝާގެ ވާހަކަތަކުން މޫސަގެ ދެމަފިރންނަށް އެތައް ގޮތަކުން އަސަރުތަކެއް ކުރުވަމުންދިޔައެވެ. އެދެމަފިންގެ ދަރިފުޅާމެދުގައި ކަންތައްތައް ކުރެވުނު ގޮތް ހިތަށް އަރާފައެވެ. އެދުވަހު ޒާހިޔާގެ ހިތަށް ކެތްނުވެގެން ނިރާޝާގެ ގާތުން މާފަށްއެދުމަށް ބޭނުންވިއެވެ. އެގޮތުން ނަޢުޝާދު ނިރާޝާ ދޫކޮށްލާފައިނުދާކަމާއި ނަޢުޝާދު މިހާރުވަނީ މިދުނިޔެއިން ތާއަބަދަށް ވަކިވެފައިވާ ކަމުގައި ބުންޏެވެ. އެއީ މަންމައާއި ބައްޕަ ބަޔަކަށް ފައިސާދީގެން ކުރިވިކަމެއްކަމުގައިވެސް ބުންޏެވެ. ހަމައެހެންމެ ނިރާޝާގެ ދަރިފުޅު ވިހޭއިރުވަނީ ހެޔޮހާލުގައިކަމާއި ، އެދަރިފުޅު އެއްލާލީވެސް މަންމަމެން ކަމުގައި ބުނެ ނިރާޝާގެ ކިބައިން އެކަންކަމަށް މަޢާފަށް އެދުނެވެ.

 އެވަގުތު އެކޮޓަރިތެރޭގައި ދެކެވުނު ހުރިހާ ވާހަކަތަކެއް ޑރ މުނާޒްއަށްވަނީ ވަރަށް ސާފުކޮށް އަޑުއިވިފައެވެ. އޭނާގެ ލޮލުންވެސް ބޭއިޚްތިޔާރުގައި ކަރުނަ ފާއްދާލިއެވެ. އަދި އެކަރުނަތަށް ފޮހެލިމަންޒަރު ޒާހިޔާއަށްފެނުނީ ފެންތައްޓެއް ބަލާ ކަބަޑުމަތީގައި ހުރ ފެންފުޅިބަލާ ދިޔުމަށް މިސްރާބުޖެހި ވަގުތުއެވެ. ޒާހިޔާއަށް ހުއްޓުންއެރިއެވެ. އަދި ގަސްދަކާއިނުލައި ދަރިފުޅާއޭ ކިޔާފައި ގޮވާލެވުނެވެ. އެވަގުތު މުނާޒް އައިސް ނިރާޝާގެ ގާތުގައި ހުއްޓި ހުރުމަށްފަހު ނަޢުޝާދުގެ ތަސްވީރެއް ދައްކާލުމަށް އެދުނެވެ. އެއްވެސްމީހެއްގެ ދުލުން ބަހެއްގެ މިންވަރުވެސް ބޭރު ނުވެއެވެ. އެންމެންވެސް އާށޯހުވެފައި ތިބެ މުނާޒްގެ ހަރަކާތްތަކަށް ބަލަހަށްޓައިގެން ތިއްބެވެ. ނިރާޝާ ބާލިސްދޮށުގައި އޮތް ނަޢުޝާދުގެ ތަސްވީރު މުނާޒްއަތަށް ދިނެވެ. ތެދެކެވެ. އެއްވެސް ތަފާތެއްނެތެވެ. ހަމައެހެދި ހުރި ހަށިގަނޑެވެ. ހީވަނީ ހަމަ އެކަކުހެންނެވެ. އެވަގުތު ޒާހިޔާއާއި މޫސަ މުނާޒްއަށް ގޮވާލުމަށްފަހު މާފަށް އެދުނެވެ.އެމީހުންގެ ވާހަކައަށް ބީރުކަންފަތެއް ދީގެން މުނާޒް އޭނާގެ މަންމަކައިރިއަށް ޖެހިލުމަށްފަހު މަންމާއޭ ކިޔާވަރަށް ލޯބިން ގޮވާލިއެވެ. އެވަގުތު ނިރާޝާ ކުއްލިއަކަށް ނޭވާއަށް އުނދަގޫވާން ފެށިއެވެ.އަދި ވަރަށް އުނދަގުލުން މުނާޒްގެ ކިބައިން މަޢާފަށް އެދުނެވެ. މުނާޒްއަށް އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް ނިރާޝާ މިދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާއި ކިޔެވެ.

  މުޅިމާހައުލުވަނީ މޮޅީގެ ސާލު އޮޅާފައެވެ. އެންމެންގެ ލޮލުން ކަރުނަތައް އޮހޮރެމުންދިޔައެވެ. އެހެންނަމަވެސް މުނާޒު އޭނަގެ މާމައާއިކާފައަކަށް މާފެއް ނުކުރެއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބަލާބޮޑުކުރި މައިންބަފައިންނާއެކު އުފަލުގައި އުޅެމުން ދިޔައީއެވެ. އަބަދުގެ އަބަދަށެވެ. އެކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް މުނާޒްގެ މިހާރުގެ މައިންބަފައިންނަކަށް ނޭނގޭނެއެވެ. އަދި އެކަން އަންގާކަށް މުނާޒް ބޭނުމެއްވެސް ނުވެއެވެ. އެއީ އެމީހުންވެސް މުނާޒްއަށް އެއީ އެމީހުންގެ އަމިއްލަ ދަރިއެއް ނޫކަން ސިއްރުކޮށްގެން އެހާ ލޯބިން އުފަލުގައި ގެންގުޅެ ފައިވާތީއެވެ. އެއީ މިހާރު ފުރިހަމަ އާއިލާއެކެވެ. މޫސަގެ ދެމަފިރިން ބީވެދިޔަ ދަރިފުޅުގެ ހިތާމަތަކާއެކު ދުނިޔޭގައި ބާކީ އޮތްދުވަސްތައް ވޭތުކުރަމުން ދިޔައެވެ.

= ނިމުނީ  =

No comments:

Post a Comment

Comment