Aharenge Liyunthah




ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)

        

ފުރަތަމަ ބައިގެ ތެރެއިން....    

     
    ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައިތިބި އަހަރެންގެ މަންމައާ ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ.. ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ. އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ. " މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން " ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބުކުޑަ ޖަވާބެވެ. " އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ " އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލާ ކޮޓަރިއަށްގޮސް އެދުގައި ޖައްސާލީމެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މިފަހަރު އަހަރެން ގާތަށް ރުޅިއަހިސްފިއެވެ. " ކިހިނެއްތަ ވެގެން ތިއުޅެނީ؟ " ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް " ރުއިމާ ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާޙުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޙްތިޔާރުގައި އަހަރެންނަށް ފޯނު ކަނޑާލެވުނެވެ. އަހަރެން މުޅިން ހާސްވެއްޖެއެވެ. ނުތަނަވަސް ވެއްޖެއެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ.

ދެވަނަ ބައި

           އެތަކެއް އިރެއްވާންދެން ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. މީއަހަރެންނަށް ކުރިން ވީގޮތެއް ނޫނެކެވެ. މީހަކު ބުނާއެއްޗަކުން ދައްކާ ވާހަކައަކުން ސިހުންވެ ޖެހިލުންވެ، ހާސްކަމާ ނުތަނަވަސްކަމުގައި ވިސްނަން ވަގުތު ނަގާލުމަކީ އަހަރެން ނުކުރާކަމެވެ. އެކަމަކު މިވަގުތު އަހަރެންގެ ކަންފަތުގައި އެއަޑު ގުގުމަމުން ދަނީއެވެ. " ކަލޭގެ ސަބަބުން އަހަރެންގެ ދަރިފުޅު އެއޮތީ މަރުވެފައޭ.. މަރުވެފައޭ.. ތީޤާތިލެއް.. ޤާތިލެއް " އެއަޑުން އަހަރެންގެ ހިތް ނުތަނަސް ކުރުވަމުންދަނީއެވެ. ކިތަންމެ ފަހަރަކުވެސް އެނަންބަރަށް އަލުން ގުޅަން ހިތްބުނެއްޖެއެވެ. އަހަރެން އެމީހަކު ނުދަންނަކަމާއި، އޭނާ އެދައްކާ ވާހަކަތަކާ އަހަރެންނާ ގުޅުމެއް ނެތްކަން ބުނަން ބޭނުން ވެއެވެ. އެކަމަކު ކުރިން ދުވަހަކުވެސް އެއްވެސް ކަމެއްގާ ނުވި ފިނޑިއެއް މިއަދަކު އަހަރެން މިވަނީ ކީއްވެގެން ހެއްޔެވެ؟
            ގިނަ ވަގުތުތަކަކު ވިސްނުމަށްފަހު އެނަންބަރަށް ގުޅީމެވެ. " މިހާރު ކޮންބޭނުމަކު ތިގުޅީ؟ " އަނެއްކާވެސް އެވޭނީ އަޑެވެ. " ބޭބޭ.. އަހަރެންނަށް މާފުކުރޭ. އަހަރެންނަކަށް ނޭނގޭ ބޭބެތީކާކު ކަމެއްވެސް.. އަހަރެން ނުވެސް ދަންނަން ތި ނަންބަރެއްވެސް.. އެވަގުތު އަހަރެން އެގޮތަށް ޖަވާބުދިނީ މަޖަލަކަށް " ވަރަށް ހިތްވަރުން އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނެ ނިންމާލީމެވެ. ހަމަހިމޭންކަމާއެކު ވަގުތު ކޮޅެއް ހޭދަވުމަށްފަހު ދެންއިވުނީ ހައިރާންކަން ދޭހަވާފަދަ އަޑެކެވެ. " ތީ ނާފިޒުއެއް ނޫންތަ؟ ތީ މިރޭ އަހަރެންގެ ދަރިފުޅުގެ އޮޕަރޭޝަން ކުރަންޖެހުމުން ލޭދޭންއައި މީހާއެއް ނޫންތަ؟ ކަލެއެއް ނޫންތަ ލޭޓެސްޓް ކޮށްފައި، ލޭ ނަގަން ބޭނުންވެގެން ޑޮކްޓަރުން ބުނެފިނަމަ އަހަރެންނަށް ގުޅާށޭ، މިދަނީ މިތާކައިރި ހޮޓަލަކަށޭ ކިޔާފާ މިނަންބަރު އަހަރެންނަށް ދިނީ؟ " ހުސް ސުވާލެވެ. އަހަރެންނަށް ތެދުވެރިކަމާއެކު ޖަވާބުދާރީވީމެވެ. " އާނ!. އަހަރެންނެއް ނޫން. ތިވާނީ ބޭބެއަށް ނުބައިކޮށް ނަންބަރު ސޭވް ކުރެވުނީކަމަށް ".. އަހަރެންގެ ޖަވާބުން އެމީހާއަށް އޮޅުންފިލައިފި. އެކަމަކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. " ރަނގަޅު.. ވަރަށް ރަނގަޅު. އަޅެ އެންމެ ފަހަރަކުވެސް އަހަރެން ގުޅީމާ ތިޔަ ގުޅުނީ ނުބައި ނަންބަރަކަށޭ ބުނެ އެވަގުތު ތިކަން އަހަރެންނަށް އޮޅުން ފިލުވައިދިންނަމަ. އަހަރެން އެމީހާގެ އިންތިޒާރުގައިހުރެ ލޭނުލިބި ސީރިއަސް ހާލަތުގައި އަހަރެންގެ ދަރި މަރުވެގެންނޭ އެދިޔައީ.. ކޮންކަހަލަ އިންސާނުންނެތްތަ ތިޔައީ" އަހަރެން އެރޭ އަޑުއެހީމެވެ. އެމީހާގެ އެޝަކުވާތައް ހިތުން ރުހުމުން ޤަބޫލުކުރީމެވެ. އަހަރެންނަކީ ކުއްވެރިއެކެވެ.
           އެމަރުޙޫމްގެ މޫނު ދެކިލަން ދިއުމުން އަހަރެންނަށް ލިބުނީ އިތުރު ޝޮކެކެވެ. އެ މައުސޫމް އަންހެން ކުއްޖާއަކީ ތެލެސީމީއާ ކެރިއަރަކަށްވުން އެއީ ކުށެއްކަމަށް ހަދައި އަހަރެން އެކުއްޖަކު ބާކީކޮށްލި،މީގެ ދުވަސްކޮޅެއް ކުރީގެ އަހަރެންގެ ލޯބީގެ ބައިވެރިޔާއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އާއެކެވެ. ދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ކުށެއް ނެތެވެ. ކުރާނޭ ޝަރީއަތެއްވެސް ނެތެވެ. އެކަމަކު އަހަރެންގެ ސަބަބުން މިކެހިވެރި ދުނިޔެއާ އޭނާ އެވަކިވެ ދިޔައީއެވެ. އަހަރެންނަކީ ކުއްވެރިއެކެވެ. ކުށަކީ މަކަރުހެދުމާ އޮޅުވާލުމާ އެހެންމީހުންނަށް ޖެއްސުންކޮށް އުޅުން އުފަލެއްކަމުގައި ދެކެވުމެވެ. އެއުފާ އަހަރެން ޤާތިލަކަށް ހަދައިފިއެވެ. އާނއެކެވެ. އަހަރެންގެ ނަންބަރަކީ މީހަކު އޮޅިގެންވެސް ގުޅަން ހެޔޮނުވާވަރުގެ ނުބައި ނަންބަރެކެވެ. ނުބައި ނުލަފާ މީހެއްގެ ނުބައި ނަންބަރެކެވެ.

-ނިމުނީ-



=========================================================================

 ނުބައި ނަންބަރެއް


ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)



ފުރަތަމަ ބައި


        ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު ކުއްލި ލަތްކަކާއެކު ސައިކަލު ބާރު ސްޕީޑްގައި ދުއްވާލީމެވެ. ފަހަތުގައިއިން އެކުވެރިޔާއަށް ލިބުނު ސިހުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އުފަލަކަށެވެ. ހިންހަމަޖެހުމަށެވެ. ހިނިގަނޑެއް ޖަހާލީމެވެ. ފުލުފުލުން އީނާޒު އާއި ކަމާލް ފަހަތުގައި ދެއެކުވެރިން ލައިގެން ސައިކަލުގައި ނައްޓާލިއެވެ. އަހަރެމެންގެ މިސްރާބުހުރީ ޑައިނަމޯއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާބައެއްފަދައިން އަހަރެމެން ސައިކަލް ދުއްވަމުން ދިޔައީ އިންތިހާދަރަޖައަށް ބާރު ސްޕީޑެއްގައެވެ.
         މިއީ އަހަރެން ކޮންބޭނުމަކު ކީއްކުރަން ކުރާހާ ކަމެއް ހެއްޔެވެ؟ ބޭނުމެއްނެތް ގޮތުގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވުމެވެ. އެކުވެރިންނާއެކު ނަންމަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. މިއީ އޭރު އަހަރެންގެ ހިތަށް އެރި ސުވާލުތަކެއް ނޫނެކެވެ. ވިސްނި ކަންތައްތަކެއްވެސް ނޫނެވެ. އެރޭގެ އެވަގުތުގައިވެސް އަހަރެން ވިސްނުމަށް އައިކަންތައްތަކެއް ނޫނެކެވެ.
         އެކުވެރިންތަކާއެކު ޑައިނަމޯގެ ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލާ ސަކަރާތާ މަޖަލުގައި ވަގުތު ހޭދަކުރަން ފަށައިފީމެވެ. އެހެން މީހުންނަށް ވާނޭ އުނދަގުލަކަށް ބެލުމެއްނެތިއެވެ. ހަމަހިމޭން ކަމަކީ އަހަރެން ފޫހިވާ ކަމެވެ. މަޑުމައިތިރިކަމަކީ އަހަރެން ނުރުހޭ ސިފައެކެވެ. ސަކަރާތްޖެހުމާ މަޖާކުރުން ނޫންކަމެއް އަހަރެންގެ ދިރިއުޅުމުގައެއް ނުވެއެވެ. މިހުރިހާ ކަމެއްވެސް އަހަރެން ކުރަމުންއައީ ރައްޓެހިންނަށްޓަކައެވެ. ރައްޓެހިންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. އެމީހުންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ކެރޭ މީހަކަށް ވުމަށްޓަކައެވެ.
         ކެއުމަށް އިންސާފުކުރަމުން އަހަރެމެން ދައްކަމުންދިޔަ ވާހަކައަށް ހަމަހިމޭންކަން ވެރިކުރުވީ އަހަރެންގެ ފޯނެވެ. " ތިދެން ކިހާބޮޑު އުނދަގުލެއް... ތިފޯނު ސައިލެންޓަށް ލާފަ ބާއްވަބަލަ... " އަހަރެންނަށް ފޯނު ޖީބުން ނުނެގިގެން އުޅެނިކޮށް އެކުވެރިންގެ ޝަކުވާތައް އޮހެން ފެށިއެވެ. " ބިޓުންގެ ކޯލް މާގިނައިން އަންނަ މީހެއްކަމަށް ދެއްކެން ވެގެން އުޅޭގޮތޭ ". އާކަމެއް ނޫންކަމުން އެމީހުންގެ ވާހަކަތަކަށް ސަމާލުކަމެއްނުދީ އަހަރެން ފޯނުނަގައި ސްކްރީނަށް ބަލައިލީމެވެ. " ނުދަންނަ ނަންބަރެއް " އަހަރެންނަށް ބުނެލެވުނެވެ.
         " އޭ. ކޮއްކޯ ކޮންތާކުތަ؟... އަވަހަށް .. އަވަހަށް އާދޭ.. ވަރަށް ސީރިއަސް " ފޯނުނަގައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އިވުނީ ހާސްކަމުން ފުރިގެންވާ އަޑެކެވެ. ރައްޓެހިންގެ ތެރޭގައި ހޭދަކުރަމުންއައި މަޖާވަގުތުގެ ގޮތުން އަހަރެންނަށް އެމީހާގެ އަޑުގައިހުރި ނާއަވަސްކަމާއި، ހާސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކާމެދު ވިސްނާލާނެހާ ބާރެއް ނުލިބުނެވެ. " އާނ... މިދަނީ " ސްޕީކަރ އޮންކޮށްފައިވާ އަހަރެންގެ މޯބައިލްފޯނުން އިވުނުއަޑަށް ޖަވާބުދާރީވާނޭ ގޮތެއްގެ އިންތިޒާރުގައިތިބި އަހަރެންގެ ރައްޓެހިންގެ ކުރިމަތީގައި، ނުފޫޒުހުރި މީހަކަށްވުމަށް އަހަރެން އެމީހާއަށް އިތުރު އޮޅުމެއް ނާރާނޭ، ފަދައިން ރަނގަޅަށް އޮޅުވާލީމެވެ. ފޯނުކުރި މީހާ ފޯނު ކަނޑާލުމާއެކު އިވިގެންދިޔައީ ނުލަފާ ވައްތަރަށް ރައްޓެހިންތައް އެއްފަހަރާ ހީގެންއަޑެވެ. އަހަރެން އެމީހުންނާ ބައިވެރިވީމެވެ.
          ކެއުމަށް އިންސާފުކުރަމުން މަޖަލުގައި ވަގުތުތައް ހޭދަކުރުމަށްފަހު އަހަރެމެން އެތަނުން ނުކުތީ، ދާނޭވަކި މަންޒިލެއް އޮވެގެނެއް ނޫނެކެވެ. ވަކި މަންޒިލެއް ކަނޑައަޅައިގެނެއްވެސް ނޫނެކެވެ. އަހަރެން އަތުގައިވާ ގަޑިއަށް ބަލައިލީމެވެ. އެއަށްފަހު ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު، އަހަރެންގެ ސައިކަލް ފަހަތުގައިއައި ވިލްދާން ސައިކަލަށް އެރިއެވެ. " ކޮންތާކަށްދާނަމޭ ހިތާތަ ތި އެރީ ؟ " ލާނެތް ފާޑަކަށް އަހަރެންގެ ސުވާލު އޭނަޔާ އަމާޒުކުރީމެވެ.  " ކިހިނެއްވީ؟ ". ހައިރާންކަމާއެކު ވިލްދާންވެސް ކުރީ ސުވާލެކެވެ. " މަ ދެންދާނީ ގެއަށް. މިރޭ މިހާރުއެބަ ބޮލުގައި ވަރަށްބޮޑަށް ރިއްސާ.. ނެތް އިތުރުތާކަށް ދާން މޫޑެއް.. އެހެންވެ. ކަލޭ ރައްޓެހި ގޮލަޔަކަށް ގުޅައިގެން ނައްޓާލާ. ". އޭނާކުރި ސުވާލަށް އަހަރެންނަށް ދެވުނު ޖަވާބު ކިތަންމެ ރަނގަޅަކަށްވެސް ފުދިއްޖެކަން އެނގުނެވެ. އިތުރު އެއްޗެކޭނުބުނެ ސައިކަލުން ފޭބިއެވެ. ހިންހަމަ ނުޖެހިފައިކަން އެނގޭތީވެ އިތުރަށް އެހެން މީހެއްގެ މޫނަށް ބެލުމަކާނުލާ، އެއްޗެކޭވެސް ނުބުނެ އަހަރެން ސައިކަލް ދުއްވާލީމެވެ.
         ގެއާ ހިސާބަށް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް މަގުގެ އެއްފަރާތަށް ސައިކަލް މަޑުކޮށްލަން ޖެހިއްޖެއެވެ. ފޫހިކަމާ ހިންހަމަ ނުޖެހުމާއެކު ވައިބްރޭޓް ވޭވޭއޮތް ފޯން ޖީބުން ނެގީމެވެ. އަޖައިބެކެވެ. އަހަރެން ހަނދާނުގައިވެސް މިފޯން ރިންގް އޮފް ވެފައި އޮތް މިއީ ފުރަތަމަ ފަހަރެވެ. ފޯނު ސްކްރީނުން ފެންނަނީ ނުދަންނަ ނަންބަރެކެވެ. ނޫނެކެވެ. ގުޅަނީ ކާކުކަން ނޭނގުނަސް ނަންބަރު އެނގިއްޖެއެވެ. އަދި މައްސަލައަކީ " ތިޔަ ގުޅިގެން އުޅެނީ ނުބައި ނަންބަރަކަށޭ " އެމީހާއަށް ކުރިން ބުނެ ނުދެވުން ކަންވެސް ވިސްނިއްޖެއެވެ. އެމީހަކު ގުޅަން އުޅުނު ނަންބަރުނޫން ނަންބަރަކަށް ތަކުރާރުކޮށް ގުޅިފައިހުރިކަން ވިސްނުމަށް އައުމާއެކު ލާނެތް ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިކުރުވިއެވެ. ވިސްނުމަށް އިބިލީސް ސަވާރުވެއްޖެއެވެ. " މިދަނީއޭ ". ފޯނުނެގިގޮތަށް އަހަރެން ޖަވާބު ދިނީމެވެ. ޖަވާބުގައި ވަރަށް އާދޭހާއެކު އަވަހަށް އަންނާށޭ ބުނެފުއްދާލިއެވެ. އެއަޑުގައި އެކުލެވިގެންވީ ރިހުމާ ކެކުޅުމުގެ އަސަރު އަހަރެންގެ ކަންފަތަށް އެވަގުތު ނަގައިނުގަނެވުނީ ކީއްވެ ހެއްޔެވެ؟
         ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައިތިބި އަހަރެންގެ މަންމައާ ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ.. ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ. އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ. " މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން " ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބުކުޑަ ޖަވާބެވެ. " އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ " އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލާ ކޮޓަރިއަށްގޮސް އެދުގައި ޖައްސާލީމެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މިފަހަރު އަހަރެން ގާތަށް ރުޅިއަހިސްފިއެވެ. " ކިހިނެއްތަ ވެގެން ތިއުޅެނީ؟ " ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް " ރުއިމާ ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާޙުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޙްތިޔާރުގައި އަހަރެންނަށް ފޯނު ކަނޑާލެވުނެވެ. އަހަރެން މުޅިން ހާސްވެއްޖެއެވެ. ނުތަނަވަސް ވެއްޖެއެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ.
         = ނުނިމޭ =
========================================================================



އެސޫރަ

ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)


        އެއީ ކާކުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހަކު ހުއްޓިގެން ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އެމީހަކު ހުއްޓި ހުރި އިރު، އަލިކަމެއް ހޯދަމުން ގެންދިޔައީ އަތުގައިވާ އާދައިގެ ބައްތިއަކުންނެވެ. އެމީހާގެ މޫނު ލޯގަނޑުން ފެނުނު ހިނދު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އެއީ އަހަރެމެން އޮފީހުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭރު އޭނާ ޗުއިންގަމެއް ފަދައެއްޗެއް ހަފަމުން ގެންދިޔަ އެވެ. 

         
     ކުއްލިއަކަށް ލޯގަނޑުގައިވާ އެމީހާގެ ސޫރަ ހުއްޓިއްޖެ އެވެ. މިހާރު ފެންނަމުން މި ދަނީ ހިތަށް ތަސައްވަރު ވެސް ނުކުރެވޭފަދަ ހައިރާންކުރަނިވި މަންޒަރެކެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރި އެ މީހާގެ މޫނުމަތީން އިންތިހާއަށް ހައިރާންކަމާއި ބިރުވެރިކަން ފާޅުވަމުން ދިޔައެވެ. އެ މީހާ އަތުން އެކި ގޮތްގޮތަށް އިޝާރާތްކުރަމުން ގެންދިޔަ އެވެ. އެހެންނަމަވެސް ކުރިމަތީގައިވާ ލޯގަނޑުގައިވާ އޭނާގެ ސޫރަހުރީ ހުއްޓިފައެވެ. ކުއްލިއަކަށް އެ ސޫރަ ހަރަކާތް ކުރަން ފެށިއެވެ. ލޯގަނޑުގައިވާ ސޫރަ އަތުގައިވާ ބައްތި ދޫކޮށްލުމާއެކު އެއްވެސް އިޚުތިޔާރަކާނުލައި، ލޯގަނޑުގެ ކުރިމަތީގައި ހުރި އެ މީހާގެ އަތުން ބައްތި ދޫވެގެން ވެއްޓިއްޖެ އެވެ. ހަމަ އެއާއެކު އަވަސް ހަރަކާތަކާއެކު ލޯގަނޑުގައިވާ ސޫރަ ގުދުވެލާފައި ތެޅިފައިވާ ބިއްލޫރިކޮޅުތަކެއް ބިންމަތީން ނަގައި އަނގަޔަށްލައި ހަފަން ފަށައިފި އެވެ. އެއާއެކު އެ ސޫރައިގެ އަނގައިން ހޯސްލައިފައި ލޭ އަންނަންފެށިއެވެ. އޭރު ވެސް އެ ސޫރައިގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް ލޯގަނޑުގެ ކުރިމަތީގައި ހުރި އޮފީހު މަސައްކަތު މީހާގެ ވޭނީ ހަޅޭކުގެ އަޑު، އޭރު ކެނޑިނޭޅި އިވެމުން ދިޔަ އެވެ. އޭނާ އަނގަ މަތީގައި ދެ އަތް އަޅައިގެން ހުރި އިރު މުޅި އަތާއެކު ލޭފައިބައިމުން ދިޔަ އެވެ. އަދި ކޮލާއި ކަރުބުޑުގެ އެކި ހިސާބުތަކުން ތަޅައިލައިފައިވާ ބިއްލޫރިކޮޅުކޮޅުގެ ތޫނު އެތިކޮޅުތައް ނުކުންނަމުން ދިޔައެވެ.
         
އަހަރެންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުމާއެކު، ފެނުނު ހުވަފެނުގެ ސަބަބުން ހިތަށް ވެރިވެފައިވާ އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއެކު، ހަޅޭލަވައިގަނެވުނެވެ. އޭރު ވެރިވައިވާ ވަރުބައްޔާއެކު އަހަރެންނަށް ވަރަށްބޮޑަށް މާނޭވާލެވެމުން ދިޔައެވެ. ހަމަޖެހިލަން، ކުޑަ ހިނދުކޮޅެއް ހޭދަވިިއެވެ. ފެނުނު ހުވަފެނުގެ ހާސްކަމުގެތެރެއިން ނުކުމެވި ހަމަޖެހިލެވުމުން އަހަރެން ތެދުވެގެން ގޮސް ފާޚާނާއަށް ވަނީމެވެ. މޫނު ދޮންނަން ލޯގަނޑުގެ ކުރިމައްޗަށް ހުއްޓުނު ވަގުތު ސިހިފައި ފަހަތައް ޖެހިލެވުނެވެ. ލޯގަނޑުން އަހަރެންނަށް ބިރުވެރި ސޫރައެއް ފެނުނުހެން ހީވެގެންނެވެ. ކުރެވުނު ކުށްހީއެއް ކަން ޔަޤީންވުމުން އަވަހަށް އޮފީހަށް ދިއުމަށް ތައްޔާރުވާން ފެށީމެވެ.
         
އޮފީހަށް ދިއުމާއެކު ލިބިގެން ދިޔައީ ވަރަށް ވެސް ހިތާމަވެރި ހަބަރެކެވެ. އޮފީހުގެ މަސައްކަތު މީހެއް ރޭގެ ވަގުތެއްގައި މަރުވި ޚަބަރެވެ. އަހަރެން ވަގުތުން އެމީހާގެ ގެއަށް ދިޔައީމެވެ. އޭރު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. ވަރަށް ގިނަ ބަޔަކު އެ ގެ ކައިރިއަށް ޖަމާވެފައިވެއެވެ. ވަރަށް އުނދަގުލުން އެމީހާ އޮތް ހިސާބަށް ދެވުމާއެކު އަހަރެންގެ ޙައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. މަރުވެފައިވާ އެ މީހާ އަކީ ރޭގެ ހުވަފެނުގައި އަހަރެންނަށް ފެނުނު މީހާއެވެ. އެމީހާގެ މޫނުމަތީގައިވާ ޒަހަމްތަކުން އަހަރެންނަށް ފެނުނު ހުވަފެނުގެ މަންޒަރުތައް ލޯމައްޗަށް ތަކުރާރުކޮށް ސިފަވެގެން ދިޔައެވެ.
           
މިއީ އަޖައިބެއް ކަހަލަ ކަމެކެވެ. މިއީ އަހަރެންގެ ހުވަފެނާ ގުޅޭ ގޮތަށް އަހަރެންނަށް ފެނުނު ދެވަނަ މަރެވެ. ކޮންމެ މީހަކު ވެސް މަރުވެފައިވަނީ ހުވަފެނުގައި ފެނުނު ފަދަ ބިރުވެރި ގޮތަކަށް އަނިޔާވެރިކޮށެވެ. ދެމީހުންނަކީ ވެސް އަހަރެންގެ އޮފީހުގެ ދެމުވައްޒަފުންނެވެ. އަހަރެން ތަކުރާރުކޮށް ވިސްނީމެވެ. އަހަރެންނަށް މިފަދަ ހުވަފެންތަކެއް ފެނުމާއި، އެހުވަފެންތަކުގައި އެފެންނަ ލޯގަނޑާއި، ލޯގަނޑުގައިވާ ސޫރަ ހުއްޓުމާއި، މި ފެންނަ ހަގީގީ މަރުތަކާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އަހަރެންނަށް އެނގުނުހާ ވެސް ކަމަކީ މި ކަންތައްތަކެއް ފެށުމުގެ ކުރިން މި އޮފީހުގެ އަންހެން މުވައްޒަފެއް ގެއްލިފައިވާކަމެވެ.
            
ތަކުރާރުކޮށް ވިސްނުމަށްފަހު އަހަރެން ގެއަށް ގޮސް ކޮޓަރިއަށްވަނީމެވެ. ކުޑަދޮރުތައް ލައްޕައި، ފޮތިގަނޑު ދެމުމަށްފަހު ބޮކިތައް ނިވާލައި ކޮޓަރި އަނދިރި ކޮށްލައިފީމެވެ. މަޑުމަޑުން ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނީމެވެ. ކުއްލިއަކަށް ލޯގަނޑަށް ކުޑަލޮޅުމެއް އަރައިލައިފައި ދެން ފެންނަން ފެށި ކަންތައްތަކުން އަހަރެންނަށް ހައިރާންކަމާއި ބިރުވެރިކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ. މި ފަހަރު އަހަރެންގެ ސޫރަ ހުއްޓުނީއެއް ނޫނެވެ. އެހެންނަމަވެސް އެލޯގަނޑުން ފެންނަން އެހުރީ މީގެ ހަފުތާއެއް ކުރިން ގެއްލުނު އޮފީހުގެ އަންހެން މުވައްޒަފެވެ. އެ އަށްފަހު އޮފީހުގެ އެހެން ތިން މުވައްޒަފެކެވެ. އޭގެތެރެއިން ދެ މުވައްޒަފުންނަކީ އަހަރެންގެ ހުވަފެނާއެކު މަރުވެދިޔަ ދެމީހުންނެވެ. އަދި އޮފީހުގެ ގުދަނެއްގައިވާ ފޮށިގަނޑެއްގެ ތެރޭގައިވާ މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑެވެ. މިހުރިހާ މަންޒަރެއް އަހަރެންނަށް ކަންތައްތައް ވިސްނައިދީފި އެވެ. އެސޫރަ އަހަރެންނަށް ކަންތައްތަކެއް ބުނެދީފިއެވެ.
         
އަހަރެން ވަގުތުން ޕޮލިސް ސްޓޭޝަނަށް ދިޔައީމެވެ. އަދި އަހަރެންނަށް ދިމާވަމުން ދިޔަ ކަންތައްތައް ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ. އަހަރެންގެ ދިން މަޢުލޫމާތުތަކަށް ފަހު ފުލުހުން އަހަރެންނަށް ލޯގަނޑުން ފެނުނު ތިން މުވައްޒަފުންގެ ތެރެއިން މަރުނުވެ ހުރި މުވައްޒަފު ހައްޔަރުކޮށްގެން ގެނައެވެ. ތަޙުޤީޤުގައި ފުރަތަމަ އޭނާ އިންކާރުކުރަމުން ގެންދާން ފެށުމުން އަހަރެންނަށް ފެނުނު ކަންތައްތައް ކިޔައިދިނީމެވެ. ދެން އެމީހާ ވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
         
އެހާ ހިސާބުން އެތައް ހަޤީޤަތްތަކެއް ފަޅައިއެރި އެވެ. ކުށެއްނެތި ރޭވިގެން ޢިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރައިލައިފައި ފޮރުވި އަންހެން ކުއްޖާގެ ޤާތިލުން ހޯދުނީ އެވެ. އޭރު އެ ޤާތިލުންގެ ތެރެއިން ދެމީހުންގެ ކިބައިން އެ އަންހެނާގެ ރޫހުވަނީ ބަދަލު ހިފާފައެވެ. އަހަރެން މަސައްކަތްކުރާ އޮފީހުގައި މަސައްކަތްކުރާ އެ އަންހެން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ވެސް ހޯދުނީއެވެ. އިންސާފު ޤާއިމްކުރެވުނީއެވެ.
         
ބައެއް ކަންކަމަކީ އެކަމެއް ފުރިހަމަ ވުމަށް މެދުވެރިއެއް ބޭނުންވާ ކަންތައްތަކެވެ. އަހަރެން މަސައްކަތްކުރާ އެ އޮފީހުގެ މުވައްޒަފުންގެ ތެރޭގައި ހިނގައި ދިޔަ އެ ޤަތުލުގެ ހަޤީޤަތް ހޯދައި އިންސާފު ޤާއިމްކުރެވުމެވެ. އެހެން ނަމަވެސް އެފޮރުވިފައިވާ ސިއްރުތައް ހާމަކޮށްދީ އަމިއްލަ ނަފުސަށް އިންސާފު ލިބިގަތުމަށް އެ ސޫރަ ކުރި މަސައްކަތުންނެވެ. ކެނޑިނޭޅި ފެންނަމުން ދިޔަ އެ ސޫރައިގެ ސަބަބުންނެވެ.
---------
(ނިމުނީ)


========================================================================

ދިވެއްސަކަށްވީތީ ފަޚުރުވެރިވެވޭހާ ވޭބާ؟




ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)


އަހަރެން އެންމެ ކުޑައިރުއްސުރެ އެންމެ އާންމުކޮށް އިވެމުންއަންނަ އެއްއަޑަކީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވުމަށްހުރި ސަބަބުތައް ގިނަގުނަކަމުގެ ވާހަކައެވެ. އެކަމާމެދު ބުނެވެމުންއައި ބައެއް ސަބަބުތަކަށް ބަލައިލާއިރު ދިވެހިންގެ ދީނާއި ސަޤާފަތަކީ ދިވެހިން ފަޚުރުވެރިވާންވީ ކަމެއްކަމަށް ބުނެވެމުން އައެވެ. އަދިހަމަ މިއާއެކު ދިވެހިންނަކީ އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބިފައިވާ މިނިވަން ބަޔަކަށް ވީތީއާއި ދިވެހި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނެވޭފަދަ ރީތިކަމަކާއި ޗާލުކަމެއް ލިބިފައިވާ ޤައުމެއް ކަމަށްވީތީ އަހަރެމެން ފަޚުރުވެރިވާންޖެހޭކަމަށް ބުނެ އަޑުއުފުލަމުން އައެވެ. މިހުރިހާ ކަމަކާއެކު އެންމެ ހަރުކޮށް ނަގާކިޔަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ވާހަކައެވެ. އަޚުވަންތަކަމުގެ ވާހަކަ އެވެ.

މަތީގައި މިބަޔާންކުރެވުނު ކަންތައްތައް މިއަދުވެސްހުރީ ހަމަ އަހަރެމެން ދިވެހިންނަށްވީތީ ފަޚުރުވެރިވުން ޙައްޤު ދަރަޖައެއްގައި ބާވައެވެ. ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަމާއި އަޚުވަންތަކަން އެބައޮތްބާވައެވެ؟ ދިވެހިންނަށްވީތީ މިއަދު ފަޚުރުވެރިވުމުގެ ބަދަލުގައި ލަދުވެތިވެ އިސްދަށަށްޖަހާލަން ނުޖޭހޭބާވައެވެ؟ މިހުރީ ހައްތަހާވެސް ހިތުގައި އުފެދި އުފައްދަންޖެހޭ ސުވާލުތަކެވެ. ބޭރުގެ ފަރާތެއްކައިރީގައި ދިވެއްސެކޭބުނަން ފަޚުރުވެރިވި ފަރާތްތައް އަދު ދިވެއްސެކޭ ބުނަން ޖެހިލުންނުވާނެބާއޭ ހިތައް އަރައެވެ. ދިވެއްސެކޭ ބުނުމުން ބިދޭސީ ގައުމުތަކުގައި ކުރިން ލިބެމުންއައި ޤަދަރާއި ޝަރަފު އަދި އިޙްތިރާމް ލިބޭނެ ކަމާމެދު ހިތުގައި ވަރަށްބޮޑަށް ޝައްކުއުފެދެއެވެ.

އަޅުގަނޑުގެ އުމުރުން މިހޭދަވި އަށާރަވަރަކަށް އަހަރުގެ މުއްދަތުގައި މިގައުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާމެދު އެކަނި އިނދެ އަމިއްލަ ފިކުރުގައި އަމިއްލަ ވަންތަކޮށް ވިސްނާ ފިކުރުކޮށްލުމުން މިޤައުމު ކުރިއަރާ ތަރައްޤީވަނީބާއޭ ނުވަތަ ވީރާނަވެ ނިމިނެތި ފަނާވަން ކައިރިވަނީ ބާއޭ ހިތައްއަރައެވެ. ވިސްނުން ހިންގަވާލަ ބައްލަވާށެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށްބުނާ މިދިވެހި ފަސްގަނޑުގައި ނުކުރަނީ ކޮން ފާފައެއްތޯއެވެ. ފާޅުގައި ކުރެވޭ ބޮޑެތި ކުށްތަކަށް އެއްވެސް އަދަބެއްނުދެވި، ކުށްކުރާ މީހާ ދޫކޮށްލެވޭތަން އެބަފެނެ އެވެ. އަދުލެއް އިންސާފެއްނެތި ހިތުހުރިގޮތަކަށް ޝަރިއަތްކުރެވެމުންދާތަން އެބަފެނެއެވެ. މިގޮތަށް ކަންތައް ހިނގަމުންދާނަމަ، ކުށްވެރީން ކުށްކުރުމުގައި ވަރަށް ނޭދެވޭ މަގަކުން ހިނގައިދާނެކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ހައްގުތައް ހޯދައިދީ ގާނޫނުތަކަކުން ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭނެކަމުގެ ފޮނިއުންމީދުގައި ރައްޔިތުންހޮވާފައިވާ ބައެއް މެމްބަރުން އަމިއްލަ މަސްލަހަތައްޓަކާ ރައްޔިތުން ޤުރުބާންކުރާ މަންޒަރު ފެނުމުން ހާދަހާ ހިތްދަތިވެއެވެ. މަޖިލީހުގައި ހަޑިހުތުރުބަހުން ވާހަކަދައްކައި، އެއްމެންބަރަކު އަނެއް މެމްބަރެއްގެ ގަޔަށް ބޮލަށްވެސް އަރާތަން ފެނުމުން އެނގޭ އެއްޗަކީ، އިންތިޚާބުކުރަން ނުޖެހޭ ކޮންމެވެސް ބަޔަކު މަޖިލީހަށް އިންތިޚާބުކުރެވިފައިވާ ކަމެވެ. ރައްޔިތުންނަށް މިހާރު މިހާރަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހެދުމުގެ ބަދަލުގައި ނިޒާމީ ނުކުތާތަކާއި، އިމްތިޔާޒީ މައްސަލަތަކާއި، އަމިއްލަ ފައިދާއަށްނަގާ ކުއްލި މައްސަލަތަކުން މަޖިލީހުގެ ތަޅުން މިހާރުވަނީ ޚަރާބުވެފަ އެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ބައެއް މަސްރަޙުތަކުން ފެންނަމުންދަނީ، ސަރުކާރަށް ހިންދެމިލާނެ ފުރުޞަތެއް ނުދީ، ޖެއްސުންކޮށް ފުރައްސާރަކުރަމުންދާ ތަނެވެ. ބައެއް މަސްރަޙުތަކުން ފެންނަމުންދަނީ، ޒިންމާ އަދާނުކުރެވޭއިރު، ޒިންމާދާރުވެސް ނުވާތަނެވެ.

ސިޔާސީ މަސްރަހު މުޅިން ޚަރާބުވެ ބޮޑު ދެގެރީގެ ހަނގުރާމައިގައި ރައްޔިތުން ހަނާވެދާއިރު،
ދެން މިގައުމާމެދު ފަޚުރުވެރިވާނީ ކިހިނަކުންތޯއެވެ؟

ގާނޫނު ހަދާ ފަރާތްތަކުން ގާނޫނުތަކަށް ބޯލެނބުމުގެ ބަދަލުގައި ގާނޫނުތައް މުގުރާ ހަދާއިރު،
ދެން މިޤައުމާމެދު ފަޚުރުވެރިވާނީ ކިހިނަކުންތޯއެވެ؟

އަދުލުއިންސާފު ގާއިމުނުކުރެވި ޝަރުޢީ ނިޒާމުގައި ޒާތީ މަސްލަހަތުގެ ކުލަޖެހެމުންދާއިރު،
ދިވެއްސަކަށްވީތީ ފަޚުރުވެރިވަމޭ ބުނެވޭނެތޯއެވެ؟

މިއަދު، ނިކަމެތި ރައްޔިތުން ޙިކުމަތްތެރިކަމާއެކު ބުއްދިކުރަންވެއްޖެއެވެ. ގައުމީ މަސްލަހަތުގެ ކުރިއަށް އަމިއްލަ މަސްލަހަތު އިސްކުރުމަކީ ރަނގަޅު ނޫން ކަމެއްކަން ގަބޫލުކުރަން ވެސް ވެއްޖެއެވެ. ދީނަށް ތެދުވެރިވެ، ގައުމަށް ވަފާތެރިވާން ދަސްކުރަން ވެސް ވެއްޖެއެވެ.

އާދޭހެވެ. ކުށްކުރުމުގެ ބަލިމަޑުކަމާއި، ފަނޑިޔާރުންނާއި ގާޒީންގެ ކަތިފިޔަވަޅުތަކުން މިގައުމު ސަލާމަތްކުރަން ވެސް ވެއްޖެ އެވެ. އަދުލު އިންސާފު ނެތް ތަނަކާމެދު ވެވޭނެ ފަޚުރެއް ނެތެވެ. އަދުލު އިންސާފު ނެތް ތަނެއްގައި ދެމިއޮންނާނެ ނިޒާމެއް ވެސް ނެތެވެ. މިގައުމާމެދު އަޅުގަނޑުމެންނަށް ފަޚުރުވެރިވެވޭނީ، މިގައުމަކީ ފަޚުރުވެރިވެވޭވަރުގެ ތަނަކަށް ހަދައިގެންނެވެ. އެކަން ކުރާންތިބީ އަޅުގަނޑުމެންނެވެ. އެކަމުން ލާބައާއި މަންފާވެސް ލިބޭނީ ހަމަ އަޅުގަނޑުމެންނަށެވެ. އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެނަމަ، ޝަރަފާއި ފަޚުރުގައި، ޖޯޝާއި ފޯރީގައި، ދިވެހިނަށް ވީތީ ފަޚުވެރިވަމޭ ބުނެ ގޮވާ ގޮތެލިފަތި އެންމެން އެކީގައި ގޮވާނީއެވެ. މިއަދު ކުރާންވީ ކަމަކީ، އެގޮވެލީގެ އަޑުމަޑުކޮށް ޤައުމައިގެން އަމާން ބަނދަރަކަށް ދިއުމަށްޓަކައި، ދަތުރުހަދައި ތައްޔާރުވުމެވެ.

          

1 comment:

Comment