Monday, July 25, 2011


ދަރިފުޅާއެވެ! މިދުނިޔެއަށް މަރުޙަބާއެވެ!

ލިޔުނީ: އަޙުމަދު މުޖުތަބާ، ތުޅާގިރި / ރ.އުނގޫފާރު

ދަރިފުޅާއެވެ! ދަރިފުޅު މިދުނިޔެއަށްލީ ފުރަތަމަ ނޭވާއާއިއެކު ތެޅިތެޅިއޮތް ބައްޕަގެ ހިތައް ފިނިކަން ގެނުވާފީމުއެވެ. އެތައް ދުވަހެއް ވަންދެން ބައްޕަކުރި އިންތިޒާރަށް ނިމުމެއް ގެނުވާފީމުއެވެ. ދަރިފުޅު ނުފެނިގެން ނިދިނައި ބައްޕަގެ މިދެލޮލަށް ދަރިފުޅު ފެނުމުންވެސް ނިދިނައީ ބައްޕައަށް ލިބުނު އުފަލުގެ ބޮޑުކަމުންނެވެ. ދަރިފުޅުގެ ރުއިމުގެ އަޑާއިއެކު 9 މަސް ވަންދެން މަންމަ އުފުލި ވޭނާއި ތަދުވެސް ހަނދާންނެތިފައިވާ ކަހަލައެވެ. އެދުވަހު މަންމަގެ މޫނުމަތިން ފެނުނު ފަދަ އުޖާލާކަމައި އުފާވެރިކަމެއް އޭގެ ކުރިއަކުން އެމޫނަކުން ބައްޕައެއް ނުދެކެމެވެ. އެލުއި ހިނިތުންވުމުން ފާޅުވާން ހުރީ ދަރިފުޅާއި މެދު އެމަންމަގެ ހިތުގައިވާ ފޮނި އުއްމީދުތަކާއި ހުވަފެން ތަކެވެ.
ދަރިފުޅާއެވެ! ބައްޕަގެ އަތުގައި ދަރިފުޅު ފުރަތަމަ ޖެހުމާއި އެކު ކުރެވުނު އިހްސާސްތައް ކިޔައިދެން ހެއްޔެވެ! ބައްޕަގެ އަތުގައި ދަރިފުޅު ޖެހުމާއި އެކު ހިތްވަރުގަދަ ކޮއްގެން ހުރި ބައްޕަގެ ހަށިގަނޑު ފިނިވެ، އަތްފައި ތުރުތުރު އަޅައި ގޮތްވިއެވެ. އަޑު ކުރަކިވެ، ކަކޫކޮޅުން ބާރު ދޫވާގޮތްވިއެވެ. ކަރުނައަށް އަބަދުވެސް ނަފްރަތުކުރާ މިބައްޕަގެ ލޮލުން ކަރުނަ ހިލުނީ ބައްޕަގެ އަމިއްލަ އިހްތިޔާރަކުނޫނެވެ. ނަމަވެސް އެއީ ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައެއްނޫނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ކަރުނައަކީވެސް ކިހާ ފޮނިއެއްޗެއްކަން ބައްޕައަށް އިހްސާސްކުރެވުނީ އެދުވަހުއެވެ. މިދުނިޔޭގައި އުފާވެރިކަމުގެ ކަރުނައެއް ވައްޓާލުމަކީ ކޮންމެ  މީހަކަށް ލިބޭނެ އުފަލެއްނޫނެވެ. މިދުނިޔެއަކީ އެހާވެސް ކެހިވެރިކަން ބޮޑު ތަނެކެވެ. މިދުނިޔޭގައި ގިނަ މީހުން ރޮއި ކަރުނައަޅާނީ ހިތާމައިގައެވެ. އުފަލަކު ނޫނެވެ.
ދަރިފުޅާއެވެ! ދަރިފުޅަށް މިދުނިޔެއަށް ބައްޕަ މަރުހަބާ ކިޔާއިރު ބައްޕަ ދައްކަންހުރި ވާހަކަތައް ވަރަށް ގިނައެވެ. ދޭންވެފައިހުރި ނަސޭހަތްތައް އެހާ ގިނައެވެ. ހިއްސާކުރަން ބޭނުންވެފައި ހުރި ތަޖްރިބާތައް ވަކިން ގިނައެވެ. މިދުނިޔޭގައި ބައްޕަ ހޭދަކުރި ކޮންމެ ދުވަހަކީ ދަރިފުޅު މިދުނިޔޭގައި އުޅެން އޮތް ކޮންމެ ދުވަހަކަށް މަގުއަލިކުރާ ވޮށެއްކަމުގައި ދެކޭށެވެ. ބައްޕަގެ ކޮންމެ ކާމިޔާބީއަކީ ދަރިފުޅު ވާދަކުރަންވީ ކަމެއްކަމުގައި ދެކޭށެވެ. ބައްޕަގެ ކޮންމެ ނާކާމިޔާބީއަކީ ދަރިފުޅުގެ ތަޖްރިބާއެއްކަމުގައި ދެކޭށެވެ. ބައްޕައަށް ކުރެވުނު ކޮންމެ ކުށަކީ ދަރިފުޅަށް ހުރި ޢިބްރަތެއްކަމުގައި ދެކޭށެވެ. ބައްޕަގެ ކޮންމެ ހެޔޮ އަމަލަކީ ދަރިފުޅަށްވާ ނަމޫނާއެއް ކަމުގައި ދެކޭށެވެ. ދަރިފުޅަށްޓަކައި ބައްޕަގެ ވަގުތާއި ނަސޭހަތް އަބަދުވެސް ދީލަތިވެގެންވެއެވެ. ދަރިފުޅު އެދޭ އެދުމަކަށް ބައްޕަގެ ހިތް އަބަދުވެސް ދަހިވެތިވެގެންވެއެވެ. ދަރިފުޅަށްޓަކައި ބައްޕަގެ މަޖިލިސް އަބަދުވެސް ތަނަވަސް ވެގެންވެއެވެ. ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅު އެދޭ ކޮންމެ ކަމަކަށް ބައްޕަ މަރުހަބާ ކިޔާނީ ހިތުގެ ލޯތްބާއި އުފަލާއިއެކުއެވެ. ﷲ ދެއްވި މިންވަރަށް ރުހިގެންވާ ހާލުގައެވެ.
ދަރިފުޅާއެވެ! މިދުނިޔޭގައި އުޅޭއިރު އެންމެ ބާރަށް ހިފަހައްޓަންވީ ﷲގެ ދީނުގައެވެ. ތަބަޢުވާންވީ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގަށެވެ. މިދުނިޔޭގައިވާ ކޮންމެ ކަމަކާއި އެއްޗަކަށްވުރެ ބޮޑަށް ލޯބިކުރަންވީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށެވެ. ކޮންމެ ހާލަތެއްގައިވެސް ﷲ ހަދުމްކޮއް ޝުކުރުވެރިވާށެވެ. ދަރިފުޅު ކުރާ ކޮންމެ ކަމެއްގައި އެކަލާނގެ ރަސޫލާއަށް ޢިޤްތިދާވާށެވެ. މިދުނިޔޭގައި އުޅޭއިރު އިސްލާމީ ތަޤްވާއިން ދަރިފުޅު ޢިއްޒަތްތެރިވާށެވެ. އިސްލާމީ ފޭރާމުން ޢިއްފަތްތެރިވާށެވެ. އިސްލާމީ އަޙްލާޤުން ޒީނަތްތެރިވާށެވެ. އިސްލާމީ ލަދުވެތިކަމުން އަބްރްވެރިވާށެވެ. އިސްލާމް ޢިލްމުން ހިލްމްވެރިވާށެވެ. ކޮންމެ ހާލަތެއްގައިވެސް ކެތްތެރިވެ އިސްލާމީ ދިރިއުޅުމަކަށް އަހްލްވެރިވާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭހުށީ އޭރުންނެވެ.
ދަރިފުޅާއެވެ! މިދުނިޔޭގައިވާ އެހެން ހުރިހާ އެންމެންނަށް ވުރެ ބޮޑަށް ދަރިފުޅަށް ޝައުޤުވެރިވާނޭ ފަރާތެއްވެއެވެ. އެއީ ޝައިތާނާއެވެ. އޭނާ ދަރިފުޅަށް ނުފެނުނު ކަމުގައިވިޔަސް އޭނާ އަބަދުވެސް ދަރިފުޅުގެ ވަށައިގެން ވާކަން ހަމަ ކަށަވަރެވެ. ދަރިފުޅު އޭނާއަށް ރައްކާތެރިވާށެވެ. ދުނިޔޭގެ ދަޅަތަކާއި ވިޔާނުދާ އަމަލްތަކުން ދަރިފުޅު ހައްލަން އޭނާ މަސައްކަތްކުރާނެއެވެ. ޒަމާނީ ރައްޓެހިންނާއި ރީތި ފެޝަންތަކުންނާއި ދުނިޔަވީ ކުޅިވަރުތަކުން އޭނާ ދަރިފުޅަށް މިދުނިޔެ ޒީނަތްތެރިކޮށް ދައްކަން މަސައްކަތްކުރާނެއެވެ. އެހެނަސް ނަމަނަމަ އޭނާއަށް ދަރިފުޅު ނުހެއްލޭށެވެ. މިދުނިޔޭގެ ޒީނަތަކީ އަވާމެންދުރެއްހެން ފިލާދަނިވި ހިޔަންޏެއް ކަހަލަ ކަމެކެވެ. މިދުނިޔޭގެ ޒީނަތްތެރިކަމަށް ދަރިފުޅުގެ ނަފްސް ވިއްކާނުލާށެވެ. މިދުނިޔޭގެ އަރާމަށް ދަރިފުޅުގެ ހަށިގަނޑު ފަރިތަ ނުކުރާށެވެ. މިދުނިޔޭގެ އުފާތަކަށް ދަރިފުޅުގެ ހިތް ޙަލާސް ނުކުރާށެވެ. މިދުނިޔޭގެ އޮޔާއި ވަޔަށް ދަރިފުޅުގެ ސިކުޑި ދޫކޮއްނުލާށެވެ. އިސާހިތަކު މިދުނިޔޭގެ ދައުރު ނިންމާފައި ދަރިފުޅުގެ ވެރި ރަސްކަލާނގެއާ ބައްދަލުކުރަން ޖެހިދާނެއެވެ. އެދުވަހުން ދަރިފުޅު މިދުނިޔޭގައި ކުރި ހެޔޮ އަމަލަކުން ނޫނީ ފައިދާއެއް ނުކުރާނެއެވެ.
ދަރިފުޅާއެވެ! މިދުނިޔޭގައިވާ ދިރުންހުރި ކޮންމެ އެއްޗެއްގެ މައްޗައް ހިގާ “މަރު”ގެ ޤާނޫނު ބައްޕަގެ މައްޗަށްވެސް ހިގައެވެ. ބައްޕައެއްކަމަކުވެސް އެއިން ބަރީޢަވެވޭނެ ގޮތެއް ނޯންނާނެއެވެ. ﷲގެ އަމުރުފުޅު އަތުވެއްޖެނަމަ އެކަމަކަށް ލަހެއްފަހެއް ނުވެއެވެ. ދެއްކޭނެ ހުއްޖަތެއް ނޯންނާނެއެވެ. މިދުނިޔޭގައި އެއްދުވަހު އުޅެފިނަމަ އަނެއްދުވަހު އުޅެވޭނެކަމުގެ ޔަގީންކަމެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. މަރު އައިސް ގޮވާލާނެ ވަގުތެއް ނޭގޭނެއެވެ. އެހެންކަމުން ދަރިފުޅު އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނާށެވެ. އެދިގު ދަތުރަށްޓަކައި ފޮށިތަންމަތި ބަނދެގެން ހުންނާށެވެ. އެފޮއްޓަށް އަޅާ އަންނައުނަކީ ދަރިފުޅުގެ ހެޔޮ އަމަލްތައްކަމުގައި ހަދާށެވެ. އެދަތުރުގެ ކާނާއަކީ ދަރިފުޅުގެ ތަޤްވާވެރިކަންކަމުގައި ހަދާށެވެ.
ދަރިފުޅާއެވެ! ބައްޕަ މިވާހަކަތައް މިލިޔަނީ ދަރިފުޅަށް ނަންކިޔުމުގެ ކަންތަކުން އަވަދިވެގެން، ދަރިފުޅަށް އަށް ވަނައަށްވީ ދުވަހުއެވެ. ނަމަވެސް ﷲ ރުއްސެވިއްޔާ ކޮންމެ ދުވަހަކީ ބައްޕަގެ ނަސޭހަތް ދަރިފުޅަށް ލިބޭނެދުވަހެކެވެ. ދަރިފުޅު ފުރާފުރިހަމަވެ މިލިޔުން ކިޔާފުމަށްދާންދެން ވެސް މިދުނިޔޭގައި ބައްޕައަށް ހުރެވޭނެކަމީ ޔަގީންކަމެއްނޫނެވެ. އެހެންނަމަވެސް ބައްޕަގެ އެދުމަކީ ދަރިފުޅު ބައްޕަގެ ނަސޭހަތްގަބޫލުކުރުމެވެ. ބައްޕަ މިހުރި މާތް އިސްލާމްދީނުގެ މަތީގައި ދަރިފުޅުގެ ފައިތިލަ ރަގަޅަށް ޘާބިތުކުރުމެވެ. ބައްޕަގެ ހެޔޮ ދުޢާ އަބަދުވެސް ދަރިފުޅާއި އެކު ވާނޭކަމަށް ޔަގީންކުރާށެވެ. ބައްޕަ މިލިޔުން ނިންމާއިރު އެންމެ ފަހު ވަސިއްޔަތެއްގެ ގޮތުގައި ދަރިފުޅަށް ވަސިއްޔަތެއް ކުރަން ބޭނުމެވެ. އެއީ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އެންމެ ފަހު ވަސިއްޔަތެއްގެ ގޮތުގައި އެކަލޭގެފާނުގެ އުއްމަތައް ކުރެއްވި ވަސިއްޔަތެވެ. ލޯބިވާ ދަރިފުޅާއެވެ! ނަމާދަށް ރައްކާތެރިވާށެވެ! ނަމާދަށް ރައްކާތެރިވާށެވެ! ނަމާދަށް ރައްކާތެރިވާށެވެ!