ނިހާލް
ލިޔުނީ: ފާތިމަތު ނަޒީފާ (ގްރޭޑް 9/ އދ.ކުނބުރުދޫ ސްކޫލް)

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ނިހާލްގެ
ފުރާވަރުގައި އާދެ "ޓީންއޭޖް" ގައި ނިހާލްއަކީ ވަރަށް މަޝްހޫރު އަދި
އެހާމެ މަޤުބޫލު ކުއްޖެކެވެ. ކީއްކުރަން ހެއްޔެވެ؟ މަސްތުވާތަކެތީގައެވެ.
ރައްޓެހިންގެ މެދުގައެވެ. މަގުތަންމަތީގައެވެ. ކޮއްކޮމެންނަށް އަޅާނުލާތާނގައި
މަންމައާއި ބައްޕައާ ދިމާލަށް ކިޔަނީ ކިޔާނެ އެއްޗެކެވެ. މިގޮތަށް އުޅުމުން
ދެންވާނެގޮތް ނުހާލަށް ކުރިއަށް ވިސްނާލެވިފައެއްވެސް ނެތެވެ.
ދުވަސްތައް މާޒީއާއެކު ފާއިތުވަމުންގޮސް
ނިހާލްގެ ޙަޔާތައް ބަހާރީ މޫސުމުގެ ނަލަކަން އަތުވެއްޖެއެވެ. ނިހާލް ޒަވާޖީ
ހަޔާތެއް ފެށީއެވެ. އެންމެ ލޯބިވާ މީހައާ ކައިވެނި ކުރުމުގެ ނަސީބު ލިބުނު
ނަސީބުވެރި، އެހެނަސް ހަގީގީ ބަދުނަސީބުވެރި އެއަންހެނާއީ މާޝާއެވެ. އެއީ
ހެޔޮލަފާކަމުގެ އާއިލީ ގަހަކުން ދޮންވެ ފައްކާވެފައިވާ އަގުމާތް މޭވާއެކެވެ.
އެހެނަސް ނިހާލްގެ ކެހިވެރި މަޅިފަތީގައި ޖެހުނު ބަދުނަސީބުވެރިއެކެވެ.
ކައިވެންޏަށްފަހު މާޝާ އުޅުނީ
ނިހާލްމެންގެ ގޭގައެވެ. ތަނަވަސްކަމުގައެވެ. އެހެނަސް އުފަލާ އަރާމުން މަޙުރޫމް
ވެގެންނެވެ. ނިހާލްގެ ފަރާތުން އުންމީދުކުރި އޯގާތެރި ލޯބީގެ ފިރުމުންތަކުގެ
ބަދަލުގައި ތެޅުމާއި އަނިޔާތަކުގެ ޝިކާރައަކަށްވެ ޒަހަމްވަމުންދާ ޖިސްމަކާއި
ހިތެއްގެ ވެރިއަކަށް ވަމުންނެވެ. މިއީ ގެއަށް ވަދެއްޖެނަމަ ނިހާލްގެ ފަރާތުން
މާޝާއަށް ލިބޭ ހަދިޔާއެވެ.
ނިހާލްއަކީ އަދިވެސް މަސްތުވާތަކެތީގައި
ފަނާވަމުންދާ ޒުވާނެކެވެ. އެކަމުން ސަލާމަތްވާން އޭނާ މަސައްކަތްވެސް ނުކުރަނީއެވެ.
މާޝާ، ނިހާލް ރަނގަޅުކުރަން ކުރާ މަސައްކަތްތަކާއި ދޭހާ ޙެޔޮ ނަސޭޙަތުގައި
ކޮޅުފައިން ޖަހާފައެވެ. އޭނާގެ މަންމަގެ އަގުހުރި ނަސޭޙަތްތަކަށް ބީރު ކަންފަތެއް
ދެމުންނެވެ.
ދުވަސްގަނޑެއްވާންދެން މިކަންތައްތަކުގެ
ތެރޭގައި ކެއްތެރިކަމާ ކިޔަމަންތެރިކަމާއެކު ހުރުމުގެ ސަބަބުން މާޝާ
ބަލިވާންފަށައިފިއެވެ. އޭނާގެ ބޮލަށް ތަދުވެ ކެއްސާ އަދި މެއިން ދިލަ ނަގަނީއެވެ.
ނަމަވެސް ނިހާލް ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް
ފަހަތަކަށް ނުޖެހެއެވެ. އޭނާ ކެއްކުރަމުން ގަދަ ހިތްވަރާއެކު މަސައްކަތްކުރަމުން
ދިޔައީ އެތައް ޤުރުބާނީއެއްވެ، އެތަށް ވޭނަކާ ކުރިމަތިލަމުންނެވެ. ނަމަވެސް
ނިހާލްއަށް އެކަން އިޙުސާސް ނުކުރެވޭ ކަހަލައެވެ.
މާޝާ ބަލިވެ އުޅޭތާ ތިން މަސް ވީފަހުން
އޭނާ ނިހާލްގެ ދަރިއަކަށް ބަލިވެއިންކަން އެނގުނެވެ. އެދުވަހު ނިހާލްގެ ފުށުން
ތަފާތު ފެނުނެވެ. ނަމަވެސް އެދުވަސް މާޒީވުމުން ކުރީގެ އުޅުމަށް ރުޖޫޢަވެއްޖެއެވެ.
ވިޔާނުދާ ޢަމަލު ގިނަ ވެއްޖެއެވެ. ދުނިޔޭގެ ވަޙުމަށް ގެއްލިއްޖެއެވެ. މާޝާއަށް
ކުޑަ ހިނދުކޮޅަކަށް ކުރެވުނު ފޮނި އިޙުސާސްތަކާއި އުންމީދުތައް
ފުނޑުފުނޑުކޮށްލަމުންނެވެ.
އާދައިގެ މަތިން ނިހާލް ބޭރުގައި
އުޅެނިކޮށް ފޯނުކޯލެއް އަހިސްފިއެވެ. ފޯނު ނެގުމުން ލިބުނު ޚަބަރު ވަރަށްވެސް
ހިއްޗެވެ. ނިހާލް އަވަހަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ދިޔައެވެ. އޭރު މާޝާ
ލޯބިލޯބި އަންހެން ކުއްޖެއް ވިހައިފިއެވެ. އޭނާގެ ފުރާނަ ޤުރުބާން ކުރަމުންނެވެ.
ނިހާލްއަށް ކުއްލި ޝޮކެއް ލިބުނެވެ. އޭނާގެ ވަށައިގެންވާ މާޙައުލު އެނބުރިގަތް
ކަހަލައެވެ. މީހާއެތަށް އިރަކު ގަބުވެފައި ހުއްޓެވެ.
މާޝާގެ ބަނޑުން އުފަންކުރި ނިހާލްގެ ލޯބިލޯބި
ދަރިފުޅު ފެނުމުން ވީ ކިހިނެއްކަމެއްވެސް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ.
ދަރިފުޅުގެ ލޮލުން ސާފުތެދުމަގު ނިހާލަށް ފެނުނު ކަހަލައެވެ. މާޝާގެ ލޯބި މިހާރު
ސިފަވާކަހަލައެވެ. މާޝާގެ ޤުރުބާނީތައް ހަނދާންވެއެވެ. ނިހާލްއަށް ރޮއިގަނެވުނެވެ.
އަދި އެތުއްތު ދަރިފުޅު މެޔާލާ ބޮނޑިކޮއްލިއެވެ. މިއީ ނިހާލްގެ ދިރިއުޅުމުގެ
މުޅިން އައު ބާބެއްގެ ފެށުންކަމުގައި އޭނާދެކުނެވެ.
ނިހާލް ސިއްސައިގެން ދިޔައީ މައިޝާ ރޮއިގަތް
އަޑަށެވެ. ތެދުވެގެން ގޭތެރެއަށް ދިއުމަށް އަވަސްވެގަތެވެ. ދެލޮލަށް ޖަމާވި
ކަރުނަތައް ފޮހެލަމުންނެވެ. ކިލަނބު މާޒީ ހިތުން ފޮހެލަމުންނެވެ. ކުޑަ ދަރިފުޅު،
އާދެ މައިޝާގެ ޙައްޤުގައި ތެދުމަގު އިޙްތިޔާރު ކުރަމުންނެވެ. މާޝާގެ ހަނދާނުގައި
ރަނގަޅުވަމުންނެވެ.
+++++++++ ނިމުނީ +++++++++
No comments:
Post a Comment
Comment