Tuesday, July 2, 2013

ނުބައި ނަންބަރެއް - ފެށުން-


ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ) / ބޮކަރުމާގެ، އދ. ކުނބުރުދޫ
            މަޖީދިއްޔާ ސްކޫލް ގައި އަހަރެން ކިޔަވަން ޖެހުންވީ އެއްގޮތަކުން ބޮޑު ބޮލު ރިހުމަކަށެވެ. އަނެއް ގޮތަކުން އުފަލަކަށެވެ. ހިތްހަމަ ޖެހުމަކަށެވެ. ސަބަބު ފަހުން ކިޔައިދޭނަމެވެ.


           އަހަންނަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ. އަދި މިބުނެވުނީ ނުބައިކޮށެވެ. އަހަންނަނީ ސަރުކާރުގެ ވަޒީރެއްގެ މަގާމު ފުރަމުންދާ މުއްސަނދި ބައްޕައެއްގެ ހުރި ހަމަ އެކަނި ދަރިއެވެ. ނަތީޖާއަކީތޯއެވެ؟ މަންމައާއި ބައްޕަ އަހަރެންދެކެ އިންތިޙާއަށް ލޯބިއެވެ. ބުނި ކޮންމެ ކަމެއް ކޮށްދީ، ބުނި ކޮންމެ އެއްޗެއް ހޯދައިދިނުން އެއީ އެމީހުންގެ އުފަލަކަށް ހެދިއެވެ. އެހެނަސް އެއީ ކަނުލޯބިކަން އެމީހުނަށް އޭރު ނޭނގުނީތީ ހިތާމަހުއްޓެވެ.
           ފުރާވަރުގެ އުމުރަށް އަރައިގެން އައިއިރު އަހަންނަކީ މަދަރުސާގެ ދާދާއެވެ. ސްޕަހިޓް ބޯއީއެވެ. އެންމެންގެ ވެރިޔާއެވެ. މިބުނެވުނީ ނުބައިކޮށެށް ނޫނެވެ. އަހަންނަކީ ސްކޫލްގެ ވެރިންގެވެސް ވެރިޔާއެވެ. ބައްޕައަކީ ވަޒީރެއްކަމުން ތަނުގެ ބައެއް ވެރިން މަސައްކަތް ކުރަނީ ވަޔަށެވެ. އެކަން އަހަންނަށް އެނގޭއިރު ދެން ކޮށްލާނެވަރު ވިސްނާލާށެވެ. އަނެއްބައި މީހުން ތިބެނީ އަހަރެންދެކެ ބިރުންނެވެ. ގަދަވެފައި އަހަންނަށް އަދަބުދޭން ދިމާކުރާ މީހުން ސައިޒަށް ކަނޑާލަނީ ބައްޕަގެ މަގާމުގެ ބާރުންނެވެ.
           އަދަބުގެ ވާހަކަ ބުނެވުނު ދޯއެވެ؟ އަދަބުދޭން އުޅޭނީ ކުށެއް ކުރެވިގެންތާއެވެ. އާނއެކެވެ. ސްކޫލްގައި ހުސް ފިރިހެން ކުދިން ތިބިއިރު، ފައިސާ ހިތަކަށް ލިބެން އޮތުމުން، ބައްޕަގެ ކޭޝްކާޑު ފެލާލައިގެން އަހަރެން ސްކޫލްގައި ތިބޭ އަހަރެންގެ އެކުވެރިންގެ އެންމެހާ ޚަރަދުތައް ބަލަހައްޓަމެވެ. އިންޓަވަލް ގަޑީގެ އިތުރުން އެހެނިހެން ގަޑިތަކުގައި އެކިއެކި މަޝްހޫރު ރެސްޓޯރެންޓްތަކުން އެކި ބާވަތުގެ ކެއުމަށް އިންސާފުކޮށްލަމެވެ. “ތައުޒަން ކަނޑާ ނުލެވެންޏާ ވަރެއް ނުވަނީ އިނގޭ ގައިސް” އަހަރެން ފޮނިވެލާފައި ބުނަމުއެވެ. ގްރޭޑް 10 އަށް ދިޔައިރު، ސްކޫލްގެ ދާދާއަކަށް އަހަރެންވީ އެހެންވެގެނެވެ. މިހާރު އެނގިއްޖެދޯއެވެ.
          އަދި އެވަރުން ފުދުނީއެއް ނޫނެވެ. ސްކޫލްގައި މުދައްރިސުންނަށް ޖެއްސުން ކުރުމާއި އުނދަގޫކޮށް މަލާމާތް ކޮށްލުމީ އަހަންނާއި އަހަރެންގެ ގްރޫޕްގެ އުފަލެކެވެ. އެއީ އަހަރެމެންނަށް ލައްކަ މަޖާވާ ކަމެކެވެ. މަންމައާއި ބައްޕަ އަޅާ ނުލާނެކަން އެނގޭތީ ލިބިފައިވާ މިނިވަންކަމުގައި، ރައްޓެހިންގެ އެދުމުގެ މަތިން ސިނގިރޭޓަށްވެސް ޚަރަދު ކުރަމުން ދިޔައީމެވެ.
         ދެން އޮތީ އަނެއް ފަޅިއެވެ. އަހަންނަކީ އިސްކޮޅުން ދިގު ރޫފަ ހެޔޮ ދޮން ކުއްޖެއްކަމަށް ވީތީ އަހަންނަށް ބޮޑާވެވެއެވެ. ނަލަ ފަން އިސްތަށިގަނޑަކާއެކު ފިރިހެންވަންތަކަމެއް ލިބިފައިވުމުން “ހެސްކިޔާފައި” އަންހެން ކުދިން ވެއެވެ. އެހެންކަމުން ވީހާވެސް ރީތި “ބިޓުން” ބަލައިގެން ސެޓްކޮށްލާފަ ދޫކޮށްލުމާއެކު އާ މަންޖެއެއް ހޯދުމީ އަހަރެންގެ އާދައެވެ. މިހާ މިނިވަންކަމާއިއެކު، ބޭނުން އުފަލެއް ލިބެން އޮތް އިރުވެސް މަޖީދިއްޔާގައި ކިޔަވަން ޖެހުން ބޮލު ރިޙުމަކަށްވާ ސަބަބު އެނގިއްޖެ ދޯއެވެ.
         މާކަ ގިނަ ދުވަސްތަކެއްނުވެ ކިޔަވާވެސް ނިމިއްޖެއެވެ. ނަތީޖާ ރަނގަޅުވާނެ ހެއްޔެވެ؟ މަންމަމެން އުންމީދުކުރިޔަސް ނަތީޖާ ރަނގަޅުވުމާ ގާތަށްވެސް ނުދާނޭކަން އަހަންނަށް މާކުރިންވެސް އެނގެއެވެ. އަހަންނެއް ކިޔަވާކަށް ނުވެސް އުޅެމެވެ. މަންމަމެން، އޭލެވެލް އަށް ކިޔަވައި ކޯހެއް ހަދައި ބައްޕަ ފަދައިން ގަދަރުވެރި ފައިސާ ލިބޭ މީހަކަށް ވުމަށް ނަޞޭޙަތް ދިނެވެ. އެހެނަސް، ބައްޕަގެ މުއްސަނދިކަމުން އަހަރެން މަޙުރޫމް ނުވާނެކަން އެނގޭތީ އަހަރެން އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދިނީމެވެ.
         ބައްޕަ ގަނެދިން ބޮޑު ސައިކަލަށް އަރުވާނެ ދޮން ރީތި ޖަންބެއް ފަދަ އަންހެން ކުއްޖެއް އަހަންނަށް ލިބުނެވެ. އެކުއްޖާއާ ރައްޓެހިވިއިރުވެސް އަހަންނަށް އޭނައަކީ ލޭއަޅާ ކުއްޖެއްކަން އެނގެއެވެ. ފަހުން އެކުއްޖާ ވީ އަހަރެންގެ ބޮލު ރިހުމަކަށެވެ. އަހަރެން ހީކުރީ މުޅިންވެސް ބިންނަން ލިބޭނީ “ނީލަމަށް ލައިގެން އުޅޭ ފިނިފެންމާ” ކަމަށެވެ. އެހެނަސް އެހެނެއް އެކަމެއް ނުވިއެވެ. އެކުއްޖާގެ ނަޞޭހަތް އަހަރެންގެ ކަންފަތަށް އުނދަގޫ ނުކުރާއިރެއް ނުދެއެވެ. ދެން މާބޮޑަށްވެސް “އިނޮސެންޓީ”އެވެ. “ހަގް” ކޮށްލަން އުޅުނަސް އުޅޭގޮތުން ހީވަނީ އަމައްޔާވެގެން އުޅޭހެންނެވެ. މެރީ ކުރަންދެން ކެއްކުރާށޭ ބުނެ އިންކާރު ކުރެއެވެ.
         އެންމެފަހުން އަހަންނަށް އިތުރު ބައިވެރިއެއް ލިބުމާއެކު، އެކުއްޖާގެ ކުށަކީ ތެލެސީމިއާ ކުއްޖެއްކަމަށްވުން ކަމުގައި ބުނެ އުޒުރުދައްކަމުން އަހަރެން އޭނާ ދޫކޮށްލައިފީމެވެ. އަހަރެންގެ އައު ބައިވެރިޔާއަކީ ސަހަލުބައިވެރިއެއް ނޫނެވެ. މަރެއް ރަނެއްފަދައެވެ. އަހަންނަށް އަދަބު އުޅެނީ އާވާރާ ދުނިޔެއެއްގައި އަވާމެންދުރުގައި ޖެހިގެނެވެ. އަބަދު “ނައިސް” ވެފައެވެ.
         އަހަންނަށް އަހަރެންގެ މިއާބައިވެރިޔާ ލިބުނުގޮތް ބަލާލަމާ ހިނގާށެވެ. ކިޔެވުން ނިމި އެކުވެރިންނާއެކު ރަށަށް ގިނަވެގެން އުޅުން އާދަކުރީމެވެ. ގެއަށް ނުވަދެ އަބަދު، ބޭރުމަތީގައި ރައްޓެހިންނާއެކު އެއްހޮޓަލުން އަނެއް ރެސްޓޯރެންޓަށް ވަންނަމުން، ބާރު ބާރަށް ސައިކަލް ދުއްވުން އާދަކުރީމެވެ. ބޭނުމެއްނެތް ގޮތުގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވަމުއެވެ. އެކުވެރިންނާއެކު ނަންމަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރަމުއެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލަމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރަމެވެ. އަންހެން ކުދިންނަށް ޖެއްސުމާއި ފުރައްސާރަކުރަމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖައްސަމުއެވެ. އޭރުގައި އެއިން ކަމަކާ ފިކުރުކޮށް ޚިޔާލުކޮށްލާކަށް ވަކިއިތުރު ވަގުތެއްވެސް ނުލިބެއެވެ. އަހަންނަށް އަހަރެންގެ އާބައިވެރިޔާ ލިބުނީ އެކުވެރިންގެ އެހީތެރިކަމާއެކުގައެވެ. އެމީހުންދިނީ ނަންބަރެކެވެ. އެނަންބަރަށް ގުޅީ އަހަންނެވެ. ބައިވެރިޔާ ހަމަޖައްސައިދިނީ، އެނަންބަރުންނެވެ. އެކަމަކު ކޮންމެ ފަހަރަކު ބުނިވަރަކަށް ފައިސާ އޮއްސަންޖެހެއެވެ. އެހެނަސް އެކަން ބޮޑުކަމަކަށް ވާނެހެއްޔެވެ؟
          އާނއެކެވެ. ތިޔަ ހީކުރެވެނީ ހަމަ ރަނގަޅަށެވެ. މައިންބަފައިން އަޅާ ނުލުމުން، މުއްސަނދި ދިރި އުޅުމަކާއެކު އަޙުލާޤެއް ދީނެއް ވަކިނުވުމުން، ދެން އަހަރެންގެ ބައިވެރިއަކަށްވީ ގިނަ ޒުވާނުންގެވެސް ބައިވެރިޔާއެވެ. މަސްތުވާތަކެއްޗެވެ. އެހެނަސް މަންމަމެންނަށް މިކަން އެނގޭކަށް މާކަ ގިނަ ދުވަސްތަކެއް ނުނެގިއެވެ.
         މަންމަމެންނަށް އެނގުމުގެ ކުރިން އެނގުނީ ފުލުހުންނަށެވެ. އަހަންނާއި އަހަރެންގެ “ގްރޫޕް” “އުފުރާލީ” ޖައްސައިގެން ތިއްބައެވެ. އެހެނަސް “ކުޑަގޮޅި”އަށް ލުމާއެކު، ޝަރީއަތެއް ތަޙުގީގެއް ކަމެއްނެތި މިނިވަންވިއެވެ. ބައްޕަގެ މަގާމުގެ ނުފޫޒުގައެވެ. އެހެނަސް ބައްޕަ އަހަންނާމެދު ޢަމަލު ކުރަމުން އައިގޮތް އެހާހިސާބުން ބަދަލުވިއެވެ. ކޭޝް ކާޑު ނުހިފެހެއްޓިޔަސް، ގެއަށް ވަންނަ ކޮންމެ ފަހަރަކު ބައްޕަގެ ޝަކުވާ އިވެއެވެ. އެހެނަސް މަންމަ ހުންނަނީ އަހަރެން ދިފާޢު ކުރުމުގައެވެ. ބައްޕަގެ ރުޅިއައިސްގެން އެންމެ ބޮޑުވަރަކަށްވެސް ކުރިކަމަކީ އަހަރެންގެ “ސަޕްލަޔަރ” ގެ ނަންބަރ އަހަރެންގެ ފޯނުން “ޑިލީޓް” ކޮށްލުމެވެ. ބައްޕައަށް އެނަންބަރ އެނގުނީ އަހަރެންގެ ފޯނު ނަގައިގެން ޗެކްކުރިއިރު، ހުރި މެސެޖްތަކުގެ ސަބަބުންނެވެ. ބައްޕަ ދުށް ގޮތުގައި އެއީ އަހަރެންގެ މިހަލާކުގެ އަސްލެވެ. އެއީ އަހަރެންގެ ފޯނުގައި ބައިންދާ ވަރަށްވުރެ މާނުބައި ނަންބަރެކެވެ. އެހެނަސް ބައްޕައަށް އަހަރެންގެ ހަލާކުގެ ހަގީގަތް ނޭނގުނީތީ ހިތާހިތުން ބައްޕައަށް މަލާމާތް ކުރެވުނެވެ.
        މިނިވަންކަން ލިބުނުތާ މާކަ ގިނަދުވަސްތަކެއް ނުވެ، އަނެއްކާވެސް “ބަސްޓް” ވެއްޖެއެވެ. މިފަހަރުވެސް އަހަންނެއް ކަންބޮޑެއް ނުވެއެވެ. ބައްޕަ އަހަރެން ސަލާމަތް ކުރާނެކަން އެނގޭތީއެވެ. އަހަރެންމިއީ އެމީހުންގެ ރަންދަރި އެއް ނޫންހެއްޔެވެ؟
        އެހެނަސް ކަންތައްވީ ދިމާ އިދިކޮޅަށެވެ. ބައްޕަ އެދުނީ އިންސާފުވެރި ޝަރީޢަތަކަށެވެ. އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކަރުއެލުވާލަން ޖެހުނެވެ. އައި ރުޅީގައި، އަލުން ނަންބަރު ހޯދައި “ސޭވް” ކޮށްގެން “ޑީލް” ހަދަމުން ގެންދިޔަ ނަންބަރުވެސް އަމިއްލައަށް “ޑިލިޓް” ކޮށްލީމެވެ. ބައްޕަ ކަންކުރިގޮތަށެވެ. އެންމެފަހުން އަހަންނަށްވެސް މިކުއްވެރިކުރެވުނީ އެނަންބަރު ނޫންހެއްޔެވެ؟ ނުބައި މިވީ އެނަންބަރު ނޫން ހެއްޔެވެ؟ ކިހާ ހެއްވާ ނޫންހެއްޔެވެ؟
         ޖަލުހުކުމްގެ މުއްދަތު ހަމަނުކޮށް “ޕެރޯލް” ގެ ދަށުން އަހަރެން ސަލާމަށް ވިއެވެ. އެހެނަސް އަހަރެންގެ އުޅުމަކަށް މާބޮޑު ބަދަލެއް ނުގެނެވުނެވެ. ހަމައެކަނި “ޑްރަގް” ނެގުންހުއްޓާލިކަމެވެ. އެހެންކަމުން އެހާދިސާގެ ފަހުންވެސް ނަތީޖާވީ ހިއްޗެވެ. އެކަން ތިޔަ ކިޔުންތެރިންނަށްވެސް އެނގިލައްވާނެއެވެ. އެކުވެރިންނާއެކު ކުރީގެ އުޅުމަށް ރުޖޫޢަ ވުމަށްފަހު، އަހަންނަށްއައި ކޯލަކަށް ޖަވާބުދެވުނު ގޮތަކުން، އަހަރެންގެ ހަޔާތަށް ކުރިން ގެނައި، “ތެލެސީމިޔާ ލޯބިވެރިޔާ” މަރުވެދިޔައީ ނޫންހެއްޔެވެ؟ އިތުރަށް އެނގެން ބޭނުންވާނަމަ، “ނުބައި ނަންބަރެއް” ކިޔާލައްވާށެވެ. ކޮންމެ އަކަސް، “ނުބައި ނަންބަރެއްގެ ފެށުން” ވެސް ނިމުނީއެވެ. އަސްލު ނުބައީ ނަންބަރެއް ނޫން ދެއްތޯއެވެ؟ ނުބައިވަނީ އިންސާނާގެ ޢަމަލެވެ. އެޢަމަލު ގިނަ ފަހަރަށް ނުބައިވެ ގޯސްމަގަށް އެޅިދަނީ މައިންބަފައިންގެ އިޙުމާލުންނެވެ. ހަމަ އެކަނި ފިރިހެން ކުދިންނެއް ނޫނެވެ. އަންހެން ކުދިންވެސް މެއެވެ. މައިންބަފައިން އެދަރިންނަށް މާބޮޑު މިނިވަންކަމެއްދީ، އިތުބާރު މާބޮޑުކޮށްލުމުން، ލޯބީގެ ނަމުގައި ފާޙިސް އަމަލުތަކާވެސް ގާތްވަނީއެވެ. ހަޔާތުގެ ބައިވެރިއަކަށް ގެންނާނެ މީހާއަށް އެކަނި ލޯބިދީ ވަފާތެރިވާންވެސް ނޭނގެނީއެވެ. ނޫނީ މަޖަލުގައި ހައްދު ފަހަނަ އަޅާގޮސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވަނީއެވެ. މަގުގެއްލިގޮސް ދީނުން ބޭރުވަނީވެސް މެއެވެ.
         މައިންބަފައިނޭވެ! ޤައުމުގެ ވެރިންނޭވެ! ޒިންމާ އުފުލަންޖެހޭ އެންމެހާ އަޙުލުވެރިންނޭވެ! ހޭއަރާށެވެ! އިޙުމާލު ނުވާށެވެ! ކޮންމެ އިޙުމާލަކީ އަނިޔާއެކެވެ. އަނިޔާވެރި ނުވާށެވެ! ކޮންމެ އަނިޔާއަކީ ކުށެކެވެ. ކުށްނުކުރާށެވެ! ކޮންމެ ކުށަކަށް އަދަބު ލިބޭނެއެވެ. ލިބެން ޖެހޭނެވެސްމެއެވެ. ނަންބަރެއް  ނުބައެއް ނުވާނެއެވެ. ކުއްޖާ އޭނާގެ ޒާތުގައި ގޯހެއް ނުވާނެއެވެ. ގޯސްވަނީ ކުރާ ޢަމަލެވެ. ސަމާލުވެ، އިސްލާމީ ރިވެތި އުސޫލުން ތަރުބިއްޔަތުދީ، ދަރިން ބޮޑެތި ކުރެވިއްޖެނަމަ، އެޢަމަލުތައްވެސް ސީދާވާނެއެވެ. ނަންބަރެއް، މީހެއް އަދި ޢަމަލެއްވެސް އޭރުން ގޯސްވާން ފުރުޞަތެއް ނޯންނާނެއެވެ.
- ނިމުނީ -

No comments:

Post a Comment

Comment