Friday, February 26, 2016

ތަފާތެއްވެޔޭ.... -4 ވަނަ ބައި-


ތަފާތެއްވެޔޭ.... -4 ވަނަ ބައި-

ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)

ނާއިލް ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލުމާއެކު، ނާއިލާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނާ ނިދަން އުޅުނަސް މިރޭ ދެނެއް ނުނިދޭނެއެވެ. މާޒީގެ އެހިތި ހަނދާންތަކުގެ އެންމެ ކަޅު ސަފްޙާތައް މިރޭ އޭނާ އެއްކޮޅުން އަނެއްކޮޅަށް އުކާ ނިންމާނެއެވެ. ވިސްނާނުލާ ކުރިއަށް އެޅުނު ފިޔަވަޅުން ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް
އޭނާއަށް މާޒީގެ އެހަނދާންތަކުން އިބުރަތް ލިބިގަތުން މުހިންމެވެ.
**************
އައިމަންއާ އެކު އޮތް ލޯބީގެ ގުޅުން ކަނޑާލައި، ހަމްޒަތާ ރައްޓެހިވުމާއެކު މަގުމަތިން އޭނައާ ދިމާކުރާ ގްރޫޕްތައް ގެއްލިއްޖެއެވެ. އޭނައަށް އަބަދުވެސް ހިމާޔަތް ދޭނެ މުޅިން އާ އެކުވެރިންތަކެއް ލިބިއްޖެއެވެ. އެހެނަސް ހެޔޮ ވިސްނޭ ހަމަ ކޮންމެ މީހަކުމެ ނަފުރަތުކުރާނޭ ބައެކެވެ. ނާއިލާ ހަމްޒަތުއާ އެކު އުޅުނަސް އޭނާ އެދޭހާ ކަމަކަށް އެއްބަހެއް ނުވެއެވެ. އެކުގައި ބޭރަށް ހިނގާލަން ދާންވެސް އިންކާރު ކުރަމުން ދިޔައެވެ. އެހެނަސް އެކަން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ނާއިލާއާއި ހަމްޒަތު ރަށުގެ އެކި ހިސާބުތަކުން ލޯބީގެ ބައްދަލުވުންތައް ބާއްވާ މަންޒަރު ރަށުގެ އެތައް ބަޔަކަށް ރައްޓެހި މަންޒަރަކަށްވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ.
ނާއިލާގެ މިގުޅުމާއި އޭނާއަށް އަންނަމުންދިޔަ ބަދަލު އޭނާގެ މަންމަ ވިޝާމާ ވަރަށް ގާތުން ދެކެމުން ދިޔައެވެ. އަދި ހަމައެއާއެކު އޭނާ ގެންދިޔައީ ހާޝިމްއާ އެކަންތައްތައް ޙިއްސާކުރަމުން ވެސްމެއެވެ. އެހެނަސް ނާއިލާއާ ދެކޮޅަށް ޗުއްޕުވެސް ބުނަން ވިޝާމާ ދެކޮޅުހެދިއެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު ކަމަށްވީތީއެވެ. އޭނާގެ ހިތުގައި ޖައްސަން ބޭނުންނުވާތީއެވެ. ދެރަވެ ރޯތަން ބަލަން ކެއްނުވާނެތީއެވެ. އެހެނަސް ވިޝާމާއަށް ނޭނގުނުކަމަކީ އަދު ވިޝާމާ ބުނާ އެއްޗަކުން، ދޭ ނަސޭޙަތަކުން ނާއިލާ ރޯންޖެހިދާނެތީ "ނޫނެކޭ. ތިކަން ނުކުރާށޭ" ބުނަން ނުކުރުމުގެ ސަބަބުން މުޅި އުމުރަށް ނާއިލާ ރޯންޖެހިދާނެކަމެވެ. ނާއިލާ އުފާކޮށްދިނުމަކީ އޭނާ ބޭނުންހާ ކަމެއްކުރަން ފުރުސަތު ދިނުންކަމަށް ވިސްނުމެވެ. ހުރި ހަމައެކަނި އަންހެން ދަރިދެކެ ކަނު ލޯތްބެއްވެވުން އެއީ ވިޝާމާގެ ޙަޔާތުގައި އޭނާގެ އަމިއްލައަތުން ނާއިލާގެ ކަރަށް ލޯބިން މަހާލަދެވުނު ދަންމަޅިއެކެވެ. މިއީ ދުނިޔޭގެ ޤާނޫނެއް ނޫނެވެ. ކަން އަބަދުމެ ހިނގާ ގޮތެއްވެސް ނުމެނޫނެވެ. އެހެނަސް އެދުނިޔޭގައި އުޅޭ އިންސާނުންގެ މޮޔަކަމެވެ. ދަރިއަށް ހެޔޮމަގު ދެއްކުމަށް "ނޫނެކޭ" ބުނުމަކީ މަޖުބޫރު ކުރުވުމެއްކަމަށް ދެކޭ މައިންބަފައިންގެ ނުވިސްނޭ، މަޖުބޫރީ ހާލަތެވެ.
ދުވަސްތައް މާޒީއާއެކުވަމުންދިޔައިރު ނާއިލާގެ އުފާވެރިކަން އިންތިޙާއަށްވަނީ އިތުރުވެފައެވެ. އޭނާ ދެކޭގޮތުގައި ހަމްޒަތު ފަދައިން އޭނާދެކެ ލޯބިވާނޭ ދެވަނަ މީހަކު ނުވާނެއެވެ. އަދި ހަމްޒަތުގެ އުނިކަންތައްތައްވެސް ނާއިލާގެ ލޯމައްޗަށް ދިޔައީ ފަރުދާވެ، ނުފެންނަ ކަންތައްތަކަކަށް ވަމުންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ.
އަނެއްކޮޅުން ނާއިލާގެ މިބަދަލަށް އިންތިޙާއަށް ހިތާމަކުރަމުން ދިޔަ އައިމަންއަށް ހަމަޖެހުމެއް ލިބުނީ ނާއިލާގެ ދޮންބެ ނާއިލް ކިޔެވުން ފުރިހަމަކުރުމަށްފަހު ރަށަށް އައުމުންނެވެ. ނާއިލްއާ އައިމަންއަކީ ސްކޫލް ދައުރުއްސުރެ ދެއެކުވެރިންނެވެ. ނުލާހިކު ގާތް ދެރަޙުމަތްތެރިންނެވެ. ނާއިލްއަށް ރަށަށް އާދެވުމާއެކު، އޭނާ ނެތި މިވީ ދުވަސްތަކު ކަންހިނގާދިޔަ ގޮތްތައް ސާފުވާކަށް މާކަގިނައިރުތަކެއް ނުނެގިއެވެ. އޭނާގެ ކޮއްކޮ ނާއިލާ، އޭނާގެ ހެޔޮލަފާ އެކުވެރިއެއްކަމަށްވާ އައިމަންއަށް ބޭވަފާވެރިވި ގޮތާއި ހަމްޒަތާ ބާއްވަމުންދާ ގުޅުމުގެ ވާހަކަތައްވީ ނާއިލްއަށް ގަބޫލުކުރަން ދަތިއުނދަގޫ ވާހަކަތަކަކަށެވެ.
*************
" ނާއިލާ. ދޮންބެ. އެބައޮތް ވާހަކައެއް ދައްކަންވެފަ.. އިހަށް މަޑުކޮށްލަންވީނު ބޭރަށް ނުގޮސް " ނާއިލްގެ އަޑުއިވުމާއެކު، ވަރުގެ ކޮޅަށް ނަލަހެދިގެން ބޭރަށް ދާން ނުކުމެނުކުމެހުރި ނާއިލާ އަނބުރާ މައިގޭތެރެއަށްވަދެ ސޯފާގައި އިށީންދެއްޖެވެ. އޭރު ނާއިލާވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ނާއިލް ދައްކަން އުޅޭ ވާހަކައެއް އޭނާއަށް އެނގޭ ކަހަލައެވެ. ދެއަތް ދެއަތާ ބޮނޑިކޮށްގެން އިންއިރު މޫނުމަތިންވެސް ނުތަނަވަސްކަމުގެ ކުލަވަރު ފާޅުވޭވޭ ހުއްޓެވެ.
" ނާއިލާ މިހާރު ކިހިނެއް ތިއުޅެނީ؟ ކީކޭ ހިތާތަ ހަމްޒަތު ކަހަލަ މީހަކާ ރައްޓެހިވީ؟ އެވެސް އައިމަން........... " ހިތުގައިވާ ނުތަނަވަސްކަމުގެ ސަބަބުން ނާއިލްއަށް ވާހަކަ ދައްކަން އުނދަގޫވެ ހުއްޓާލިއެވެ. އަދި އިރުކޮޅަކު އިސްދަށަށް ޖަހައިގެން އިނުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
" ނާއިލާއަށް ރަނގަޅަށް އެނގޭނެ ހަމްޒަތަކީ ކޮންކަހަލަ މީހެއްކަން؟ އޭނާ ކޮއްކޮއަށް ކޮންމެ ފަދަ ލަނޑެއްވެސް ދީފާނެ.... އެނގޭ މަންމަމެން ނާއިލާ ކުރާކަމަކަށް އެއްޗެކޭ ނުބުނާނެކަން. އެކަމަކު ހަނދާންކުރާތި. އޭގެ މާނައަކީ އެމީހުން ނާއިލާ ކުރާހާ ކަމަކަށް ރުހި ގަބޫލެކޭ ނޫން. އަހަރެމެންނަށް ލިބިފައިވާ ތަނަވަސްކަމާއި މަންމަމެންގެ ހަނުހުރުމުގެ ނާޖާއިޒު ފައިދާ ނުނަގާ.. އެނގޭ ތިދަނީ ހަމްޒަތު ކައިރިއަށްކަން....... ބުނަން.. ދޮންބެގެ ބަހެއް އަހަންޏާ މިރެއިން މިރެއަށް ތިޔަކަން ހުއްޓާލާ"ދައްކަންހުރި ވާހަކަތައް އުނދަގުލާއެކުވެސް ދައްކާ ނިއްމާލުމަށްފަހު، ނާއިލް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފެންކަޅިވެފައިވާ ނާއިލާ އެތައް އިރަކު އެހެން އިނުމަށްފަހު، ދެލޯ ފުހެލިއެވެ. އަދި މަޑުމަޑުން ތެދުވެގެން ހިނގައިގަތެވެ. ގެއިން ބޭރަށެވެ. އެހެނަސް ދެންމެ އޭނާގެ ދޮންބެ އެދެއްކި ވާހަކަތަކާއެކު މުޙިންމު ނިންމުމެއް ނިންމައިގެންނެވެ. އޭނާ މިރޭ ހަމްޒަތާއި ބައްދަލުކުރަން އެދަނީ ރީތިގޮތުގައި މިގުޅުން ނިންމާލުމުގެ ނިޔަތުގައެވެ. އެހެނަސް ފަރުދާގެ އަނެއް ފަރާތުގައި ރޭވެމުންދާ ނުބައި ރޭވުން އެނގޭނަމަ......

ނުނިމޭ

No comments:

Post a Comment

Comment