Saturday, November 26, 2011

Sentufulhiehge Ihusaas


ސެންޓް ފުޅިއެއްގެ އިހުސާސް...............

ޔުމްނާ ރަޝާދު. ބ. މާޅޮސް  
  

        ފްރާންސްގެ ވެރިރަށް ޕެރިހުގައިހުރި ކާރުޙާނާއެކެވެ. އަޑުގަދަ ކަމުން ދެކަންފަތުގެ ތޫރި ފަޅައިގެންދާވަރުވެއެވެ. ދުނިޔެއަށް ނޭވާލެވުނު ފުރަތަމަ ދުވަހު އިވެންފެށި މިއަޑުތަކުކުން ، ދުނިޔެއަކީ ކިހާވަރެއްގެ ތަނެއްބާއޭ ހިތަށްއެރިއެވެ. އަދިމިއީ ދާއިމަށް އިވެމުންދާނެ އަޑުތަކެއްބާއޭވެސް ހިތަށް އެރިއެވެ. ވަށައިގެންވާ މާހައުކަށް ނަޒަރުހިންގާލީމެވެ. ތަފާތު އެތައްބައިވަރު ވައްތަރުގެ މެޝިންތަކެއް ފެނުނެވެ. ތަފާތު އިސްކޮޅާއި ތަފާތު ކުލަކުލައިގެ މެޝިންތަކެކެވެ. ހައިރާންވެ އަންތަރީސް ވެވުނެވެ. އެމެޝިންތައް މަސައްކަތްކުރާ ގޮތް ފެނުމުންނެވެ. ހާދަހާވާ ކުޅަދާނައެވެ.


          އެއަށްފަހު ކަނާތްފަރާތައް ނަޒަރުހިންގާލީމެވެ. އަހަރެންނާ އެންމެ ކައިރިން ފެނުނީ ހަމަ އަހަރެންނެވެ. އެހާވެސް ވައްތަރެވެ. ހައިރާންކަމާއެކު ބަލަންއޮވެވުނެވެ. އަދި މިފެންނަނީ ރަނގަޅަށްބާއޭ ހިތަށްއަރާ ދެލޯ ބޮޑުކޮށްލައިފައި އަނެއްކާވެސް ބަލާލީމެވެ. ފެންނަނީ ހަމަރަނގަޅަށެވެ. އެންމެ ތަންކޮޅެއްވެސް ތަފާތެއްނޫނެވެ. ލިބިފައިވަނީ އެއްބަށްޓަމެކެވެ. އެއްސޫރައެކެވެ. އެއްއިސްކޮޅެކެވެ. އެއްކުލައެކެވެ. އެވަގުތު ހިތާހިތާ އަހަރެންނަށް ކިޔާލެވުނެވެ. މިއީ ޤުދުރަތުގެ ކޮންފަދަ އަޖައިބެއްބާވައެވެ.މިފަދަ އެތަކެއް ހިޔާލުތަކާއި ފިކުރުތަކުގެ ތެރޭގައި ވަގުތުތައް ހޭދަވަމުން ދިޔަގޮތް ވެސް ނޭނގުނެވެ.

           ތާއްޔަޖެހެލެވުނު ވަގުތެކެވެ. ސިއްސައިގެން ހޭލެވުނީ އަހަރެންގެ ބޮލުގައި ވަރުގަދަ ހަތިޔާރަކުން ތަޅަންފެށުމުންނެވެ. ބަލައިލިއިރު ދަގަނޑު ވަށްބުރެއްކަހަލަ ރަންކުލައިގެ އެއްޗެއް އަހަރެންގެ ބޮލުގެ ވަށައިގެން އަޅުވަނީއެވެ. ރަނގަޅަށް ހަރުކޮށްލުމުގެ ގޮތުން އަނެއްކާވެސް ދެތިންފަހަރަކު ޖަހާލިއެވެ. ވީތަދުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީމެވެ. އެހެންމަނަވެސް އެމީހަކަށް އަޑުއިވުނުހެނެއް ހިއެއް ނުވެއެވެ. އިރުކޮޅަކުން އަހަރެންގެ ބޮލުގެ ވަށައިގެން ލެވުނު ފަށަލައިގައި މަޑުމަދު ކަފަކޮޅެއްފަދައެއްޗަކުން އޮލައެއްޗެއް އުނގުޅަނަފެށިއެވެ. ލިބެންފެށި އަރާމެއްގެ ބޮޑުކަނމުން ، ކުރިންވީ ތަދު މިހާރު އިހުސާސުވެސް ނުވާކަހަލައެވެ. ކުއްލިއަކަށް މީހަކުއައިސް އަހަރެންގެ ބޮލުގައި ޖަރީކުރެވިފައިވާ ތާޖެއްފަދައެއްޗެއް އެޅުވިއެވެ. އެއަށްފަހު ވީ ކުޑަހިނދުކޮޅެކެވެ. އަހަރެންގެ ނޭވާ ހާސްވާންފެށިއެވެ. އަދި އެއީ ކޮންފަދަނުބައި މީހެއްބާއޭ ހިތައްއެރިއެވެ. ކުރާނެކަނމެއްނެތެވެ. ދެއަތްނެތީމައެވެ. ލިބިފައިވަނީ ރީތިސޫރައަކާއި ބައްޓަމެކެވެ. އެހެންނަމަވެސް ކޮޅަށްހުރުގެ ފުރުސަތު ލިބުނީތީ ކަލާންގެ ހަޟްރަތަށް ޝުކުރުކުރީމެވެ. އެހެންނަމަވެސް ނޭވާނުލާ ހުންނަންޖެހުމުން، ހީވީހަމަ ދެންމެ ދެންމެ މަރުވެދާނެހެންނެވެ.

        އޭގެ  އިރުކޮޅެއްފަހުން މި ކާރުހާނާގައި މަސައްކަތް ކުރަމުންދާމީހަކުއައިސް އަހަރެންނަގައި ވަރަށް ފުރިހަމަ ފޮށްޓެއްގެތެރެއަށް ލިއެވެ. އެއީ ވަރަށް އަރާމުކޮށް ކޮޅަށް ހުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ފޮށްޓެކެވެ. ނޭވާހުއްޓާލައިގެން ހުންނަށް ޖެހުނު ނަމަވެސް އެންމެ އުފާވީ ފޮށިތެރޭގައި ހުރެގެންވެސް ބޭރުފެންނާތީއެވެ. އެހެންނޫންނަމަ އަހަރެން ފޫހިވެގެންގޮސް ހަލާކު ވާވަރުވީހެވެ. އެއަށްފަހު އަހަރެންނާއި އަހަރެންގެ އެއްބަނޑުއެއްބަފާ ކުދިންތަކެއް ބޮޑު ފޮށިގަނޑެއްގެ ތެރެއަށް އަޅާ ބަންދުކުރިއެވެ. ވަށައިގެންވަނީ ކަޅުއަނދިރިކަނމެވެ. އެކަކު އަނެކަކު ތިބީ ފިތިބާރުވެފައެވެ. އެހެންނަމަވެސް އެއްވެސްވަރަކަށް މާޔޫސްވެ ހިތާމައެއްނުކުރަމެވެ. އެއީ އަހަރެން އުފަންވި ކާރުޚާނާގައި ތިބިމީހުން އަހަރެންނަށް ކަމޭހިތައި ، އެމީހުންގެ މަޑުމަޑު ފިރުމުންތަކުގެ އިތުރުން ، އަހަރެންނަށް ލިބިފައިވާ ރީތިކަމަށް ކުރި ތަޢުރީފުގެ ބަސްތައް ހަނދާންވުމުންނެވެ. ކުލަރީތި ދާނެއްގައި  ވަޑުވައިގެން އެމީހުން އަހަރެން ގެންގުޅުނުގޮތް ހަނދާންވުމުންނެވެ. އަދި އެމީހުން އަހަރެންނަށް ދެރަގޮތެއް ނުހަދާނެކަން ޔަޤީންވަނީ އެމީހުން އަހަރެންނަށް ދިންފުރިހަމަ ނަމުންނެވެ. އެއީ"ޕްރިންސަސް ޕަރފިޔުމް ފޯރ ވޮމެން" އެވެ. ވީ އުފަލެއް ދުލުން ބަޔާންކޮށްދޭންވެސް ނޭގުނެވެ. އަދި އެވަގުތު އަހަރެންނަށް ފަޙުރުވެރިކަނމާއެކު ބޮޑާވެލެވުނެވެ.

           މަހެއްހާދުވަހެއްގެ ދިގު ދަތުރަކަށްފަހު އެމީހުން އަހަރެންއޮތް ފޮށީގެ މަތި ހުޅުވާލިއެވެ. ވިދުވަރެއްގެ އައްޔެއްފަދައިން މުޅިފޮށިތެރެ އެކީގައި އަލިވެގެން ދިޔައެވެ. ގަދަ ނިންޖެއްގައި އޮވެފައި ހޭލެވުނީ އެ ފޮށީގެ ތެރެއިން އަހަރެން ނެގުމުންނެވެ. މުޅިގައިން ހީބިހި ނަގައިގެންދިޔައެވެ. ފިނިކަމުން ހީވީ ސޮނޯތެރޭގައި އޮވެވުނުހެންނެވެ. އެއަށްފަހު އެމީހުން ވަރަށް އޯގާތެރިކަމާއެކު ބިއްލޫރިގަނޑެއްގެ މަތީގައި ބަހަށްޓާލިއެވެ. ދެން ވަށައިގެންވާ މާހައުލަށް ނަޒަރުހުންގާލެވުނެވެ. އަހަރެންގެ އާއިލާގެ އެކިއެކި ބަށްޓަމުގެ އެތަށްބައިވަރު މީހުންތަކެއް އަތުރާލާފައި ހުއްޓެވެ.

           އޭގެ ގަޑިއެއްހާއިރުފަހެވެ. އަހަރެން ހުރިފިހާރައަށް ، އިސްތަށިފުޅުގައި ޒީނަތްތެރި ތާޖެއް  ތުރުކުރައްވައިގެން ހުންނެވި ކުލަރީތި ޒުވާނަކުވަނެވެ. ފަހަރަކު ފުޅިއެއްގައި ފިރުމަމުން އަހަރެންނާ ހަމައަށް އައެވެ. އެއަށްފަހު ގައިގައި މަޑުމަޑުން ފިރުމާލުމަށްފަހު ، ވަރަށްބާރަށް އަހަރެންގެ ބޮލަށް ދެތިންފަހަރަކު ފިތާލިއެވެ. އަދި ވަސްބަލާލިއެވެ. އެވަޤުތު އެޒުވާނާގެ މޫނުމައްޗަށް އުފާވެރި ހިނތުންވުމެއް ވެރިވެގެންދިޔައެވެ. ހީވަނީ އެޒުވާނާއަށް އަހަރެންގެވަސް ކަމުދިޔަހެންނެވެ. އެހެންކަމުން އެމަޑުމަޑު އަތުތެރޭގައު އަހަރެންއޮތީ ވަރަށް އުފަލުންނެވެ. އަދި އެއަށްފަހު އަހަރެނަގެ އުފެދުމުގައި އެއްވެސް ކަހަލަ އައިބެއްހުރިތޯ ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. "މި ނަގާނީ "އެޒުވާނާއަށް އަހަރެންކަމުދިޔައެވެ. އެއަށްފަހު އެޒުވާނާ އަހަރެން ކައިންޓަރ ކައިރިއަށްގެންގޮސް ރިހިވިދުވަރެއްގެ ކަރުދާހަކަށްލާ ބަންދުކޮށްދިނުމަށް އެދުނެވެ. އެވަޤުތު އަހަރެންގެ ދެލޯ އަނެއްކާވެސް ކަނުވީއެވެ. ވަރަށް ދެރަވިއެވެ. އަހަރެންނާއެކު މިދުނިޔެއަށް އުފަން އެއްބަނޑު އެއްބަފާކުދިން ދޫކޮށްލާފައި ދާންޖެހުމުންނެވެ.

        މީހުންގެ ވާހަކަ ދެއްކުމުގެ އަޑުއިވެމުންދެއެވެ. ހަލުވި ދުވެއްޔެއްގައި ދިޔައެއްޗެއްފަދައެވެ.އެހާވެސް އަވަހެވެ. ދިހަވަރަކަސް މިނޓްވެސް ނުވާނެއެވެ. މިހާރު ހުރެވުނު މާހައުލުން ކުރިން އިވެމުންދިޔަފަދަ އެއްވެސް އަޑެއްނީވެއެވެ. ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެވަގުތު ކޮޓަރިއަކަށްވަދެ ދޮރުލައްޕާލި އަޑުއިވުނެވެ. އަދި އަހަރެންއޮތްކޮތަޅުން ނަގާ އެހެންމީހެއްގެ އަތަށްދިއްކޮއްލިހެން ހީވިއެވެ. އެއަށްފަހު އެމީހެއްގެ ގާތުގައި ވަރަށްލޯބިން "ހެޕީ ބާރތް ޑޭ "އޭބުނެލިއެވެ. އަދި ދެވަނަމީހާ ވަރަށް އުފަލުން ތެންކްޔޫއޭ ބުނެލިއެވެ. އިރުކޮޅެއްފަހުން އަނެއްކާވެސް އަހަރެންނަށް އަލިކަނމެއްލިބުނެވެ. ގަނޑުވަރެއްފަދަ ކޮޓަރިކޮޅެކެވެ. އެވަގުތު ފޮށީގެތެރެއިން އެއަންހެންކުއްޖާ އަހަރެން ނެގިއެވެ. މިއީވެސް އެހާމެ މަޑުމަޑު އަތެކެވެ. އަދި އަހަރެންގެ ބޮލަށް ދެތިންފަހަރަކު ފިތާލާ ވަސްބަލާލިއެވެ. ވަރަށް ތަދުވިއެވެ. އެހެންނަމަވެސް އުފާވެރިކަނމެއް ލިބުނީ އެކުއްޖާއަށްވެސް އަހަރެން ކަމުދިޔުމުންނެވެ. "ވަރަށް މީރުވަސްދުވާ ، ތެންކްޔޫ ލޯބީ " ދެވަނަފަހަރަށްވެސް އޭނާގެ ލޯބިވެރިޔާއަށް ޝުކުރުއަދާކުރުމުގެ ގޮތުންބުނެލިއެވެ.

           އެއަށްފަހު އެއަންހެންކުއްޖާ އަހަރެން ގެންގޮސް ކޮޓަރީގައިވާ ޑްރެސިންގ ޓޭބަލް މަތީގައި މަޑުމަޑުން ބަހަށްޓާލިއެވެ. އެހާހިސާބުން އަހަރެންނަށް އަހަރެންގެ މަގާމަކީ ކޮބައިކަން އެނިގެންދިޔައެވެ. އެއީ މި ކޮޓަރިކޮޅުގައިމިވާ ޑްރެސިންގ ޓޭބަލް ފަޅުފިލުވއިދިނުމެވެ. އެދުވަހަށްފަހު ކޮންމެދުވަހަކުވެސް އެއަންހެންކުއްޖާ ފެންވަރާ ނަލަވެލައިގެން ، އަހަރެންގެ ބޮލަށް ހައެއްކަފަހަރުފިތާލައެވެ. ތަދުވެއެވެ. އެހެންނަމަވެސް އަހަރެންގެ ގައިގައި ލޯބިން ފިރުމާލާ ކޮންމެފަހަރަކު ކުރިން ލިބިފައިވާ އަނިޔާތަކާއި ތަދުތައް ހަނދާން ނެތިގެން ދެއެވެ.

          ގިނަވަގުތު އެކަނިވެރިކަމާއި މާޔޫސްކަމުގައި ވަގުތުތައް ހޭދަވަމުންދިޔައެވެ. މިގޮތުގައި މަހެއްހާދުވަސް ހޭދަވިއިރު އަހަރެންގެ ހަށިގަނޑުގައިވާ ފެންފޮދު އެއްކޮށް ހުސްވާން ކައިރިވެއްޖެއެވެ. ހަށިގަނޑުގެ ބާރުދޫވެ މިދުނިޔެއާއި އަލްވަދާއު ކިޔަންޖެހޭ ވަގުތު ކަށަވަރުވެއްޖެއެވެ. ކުރާނެ ކަމެއްނެތެވެ. އަދި ކުރެވޭނެ ކަމެއްވެސްނެތެވެ. އޭގެ ދެދުވަސްފަހެވެ. އަހަރެންގެ ހަށިގަނޑުގައި ބާކީހުރި ފެންފޮދުވެސް ހުސްވެއްޖެއެވެ. އެވަގުތު އަހަރެންގެ ދުވަސްދަނީ ބާއޭ ހިތައްއެރިއެވެ. ދުނިޔޭގައި އުޅެލަން މިލިބުނީ ހާދަހާވާ މަދު ދުވަސް ކޮޅެކޭ އެދުވަހު ހިތަށްއެރިއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއަދުވެސް ދެތިންފަހަރަކު އެއަނަހެންކުއްޖާ އަހަރެންގެ ބޮލަށް ފިތާލިއެވެ. އޭރު އަހަރެންގެ ގައިގައި އެއްވެސް ފެންފޮދެއްނެތުމުން ، ވަރަށް ރަހުމުކުޑަގޮތަކަށް ތިންފޫޓެއްހާމަތިން ބޮޑު ވަށިގަނޑެއްގެ ތެރެއަށް ވައްޓާލައި މަތިޖެހިއެވެ. އެވަގުތު ނޭވާ ހާސްވާންފެށިއެވެ. އަދި ފެން ނެތްތަނެއްގައި ފުރާނަހުރި މަހެއްތެޅޭހެން މަރުވަންދެން އަހަރެންވެސް ތެޅިލަ ތެޅިލަ އޮތީމެވެ..................

No comments:

Post a Comment

Comment