Monday, March 3, 2014

ތަފާތެއްވެޔޭ . . . ފުރަތަމަ ބައި

ތަފާތެއްވެޔޭ . . . ފުރަތަމަ ބައި


ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ) / ބޮކަރުމާގެ، އދ. ކުނބުރުދޫ
    
        ރޭދެބައިވެއްޖެއެވެ. މުޅިރަށަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހަނދުވަރުގެ އަލިން އަލިކުރަމުން އައި ފަޒާގައިވާ އަލިކަން މަޑުމަޑުން ފަނޑުވަމުން ދެއެވެ. ބޯ، ކަޅު ވިލާތަކުން މުޅިޖައްވު ފޮރުވާލައިފިއެވެ. ހަމަ ދެންމެ ދެންމެ ވާރޭގެ ބަރުތިކިތަކުން މުޅި މާޙައުލުގެ ހަމަހިމޭންކަން ފޫދުއްވާލައި، ހަލަބޮލި ކޮށްލާނެހެން ހީވެއެވެ. ރަށަށް ވެރިވަމުން އައި ކަޅުފޮއި އަނދިރިކަން ގަދަވި ވަރަކަށް ވިދާދާ ވިދުވަރާއިއެކު ޖަހާލާ ގުގުރީގެ 

އަޑުވެސް ދިޔައީ ގަދަވެ އިތުރު ވަމުންނެވެ. ހަމައެއާއެކު ވައިގަދަވެ، މުޅި ރަށަށް ވަރުގަދަ ތޫފާނެއް އަތުވެދާނެހެން ހީވެއެވެ.
        މޫސުން ބަދަލުވެ ކަޅުފޮއި އަނދިރިކަމުގެ މިދަންވަރުގައި ބޭރަށް ނުކުމެއުޅޭނީ ކާކުހެއްޔެވެ؟. އަދި ޙާއްސަކޮށް ރަށުގެ ގަބުރުސްތާނުމަތީގައި މިވަގުތު އިންސާނަކު ހުރެދާނެއޭ ހިތެއް ނުބުނެއެވެ. އެހެނަސް ކަންތައް އަބަދު ވާނީ ގިނަ މީހުން ވިސްނާގޮތަކަށް ނޫނެވެ. އަތުގައިވާ ކުޑަކުޑަ ޓޯޗެއްގެ އެހީގައި އަލިކަން ލިބިގަނެގެން ގަބުރުސްތާނުގެ އެންމެ އުތުރަށްހުރި މަހާނަ ކައިރީގައި ދެމީހަކު އެބަތިއްބެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ވިދާލާ ވިދުވަރާއެކު ޖަހާލާ ގުގުރިން މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލާފައި ވިޔަސް އެދެމީހުންގެ ދެމެދުގައިވަނީ ހަމަހިމޭންކަމެވެ.
        " ހާމިދުބޭ. އަދިވެސް ވަގުތު ނުޖެހޭތަ؟. " ނާއަވަސްވެ، ބިރުވެރިކަމުގެ އިންތިހާ އިޙުސާސް ކުރަމުންދާ ނާއިލް، އުޑަށް ނަޒަރު ހުއްޓާލައިގެންހުރި ހާމިދާ ކެއްތެރިކަން ކުޑަގޮތަކަށް ސުވާލުކޮށްލިއެވެ. ހާމިދު އަތުގެ އިޝާރާތުން ނާއިލްއަށް އެންގީ ހިމޭނުން ހުރުމަށެވެ. އޭރު ނާއިލްގެ ހިތުގައި ތަފާތު އެތައް ވަޙުމްތަކަކާއި ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. މިވަގުތުގެ މިކުރެވެން އުޅޭ ކަންތަކުގެ ނާޒުކުކަމާއި، ބިރުވެރިކަމެވެ. ދުނިޔެ މައްޗަށް ކުއްލިއަކަށް ވެރިވި ބޯ ވިއްސާރަ ވިލާތަކާއި ވިއްސާރައިގެ އަލާމާތްތަކެވެ.
         އުޑަށް ބަލަހައްޓައިގެން ހުރި ހާމިދުގެ ނަޒަރު ނާއިލްއަށް ސީދާކޮށްލިއެވެ. ނާއިލަށް  ބިރުން ތެޅިގަނެވުނެވެ. އެފަނޑު އަލިކަމުގައި ހާމިދުގެ ދެލޯހީވަނީ އަގުރު އަލިފާންކޮޅެއް ހެންނެވެ. "އަނެއްކާ މިވަނީ ކީއްބާ؟ ހާމިދުބޭގެ ހަށިގަނޑަށް ޖިންނިއެއް ނޫނީ ރޫހެއްވަނީބާ؟. އެކަމަކު މިއީ މިކަމުގައި ހާމިދުބޭ އިޝާރާތްވެސް ކޮށްފައޮތް ވާހަކައެއް ނޫން" ނާއިލްގެ ސިކުނޑީގައި މިފިކުރުތައް ހިނގައިގަތުމާއެކު މަޑުމަޑުން ފަހަތަށް ޖެހެވެން ފެށިއެވެ. މީހާ ބިރުންތުރުތުރުލާން ފަށައިފިއެވެ. މިރޭ މިގަބުރުސްތާނަށް ވަންފަހުން އަދި ވާހަކައެއް ނުދައްކާހުރި ހާމިދު ވާހަކަދައްކަން ފެށިއެވެ. "ނާއިލް ބިރުނުގަނޭ. މަށަށް އިތުބާރު ނުކުރަނީތަ؟ އަދި މިކަމުގައި އެއްވެސް ގޯހެއްނުވޭ. މަމިހުރީ ފުރިހަމަ ބާރާއެކު. މަސައްކަތުގެ މުޙިންމު ވަގުތު މިހާރު މިޖެހެނީ". ހާމިދުގެ ވާހަކަތަކާއެކު ނާއިލްއަށް މަޑުމަޑުން ހަމަޖެހިލެވުނެވެ. އޭނާ ވިސްނާލިއެވެ. އާއެކެވެ. ހާމިދަކީ މިހާރު ޒަމާން ބަދަލުވެ ތަހުޒީބުވެފައިވާ މިރާއްޖޭގައި ދެވަނައެއް ނެތްފަދަ ސިހުރުހާހޫރައާއި ފަންޑިތަ ހަދާ މީހެކެވެ. ކުރާ މަސައްކަތަށް ބޮޑު އުޖޫރައެއްނަގާ، މަސައްކަތް ސައްތައިން ސައްތަ ކާމިޔާބުކުރާކަމަށް ނަންމަޝްހޫރު މުއްސަންޖެކެވެ. އެހެންވީމާ އޭނައަށް އިތުބާރު ނުކުރަންވީ ސަބަބެއްނެތެވެ. އަދި ނާއިލަށް މިފަދަ ކަމަކާ ކުރިމަތިލެވުނީވެސް، ހާމިދަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންކަން ޔަގީނެވެ.
         ހާމިދުގެ ވާހަކަތަކަށް ފަހު އަނެއްކާވެސް އެދެމެދަށް ވެރިވީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެހަމަހިމޭންކަމާއި، ނާއިލްގެ ފިކުރުގެ ވާފަށް ކަނޑާލީ އަނެއްކާވެސް ހާމިދުގެ މުސްކުޅިއަޑެވެ. "ނާއިލް... މިހާރުމި ވަގުތު ޖެހުނީ. މަގޭ އިޝާރާތާއެކު މިހިރަ މަހާނަ މަތީގައި ހުރި ދޮންވެލިފަހާއި، ގަބުރުސްތާނުގެ ކަޅުވެލިފަސް ގުޅޭހިސާބު ކޮންނަންފަށާތި. މަ މިޓޯޗުން އަލިކޮށްދޭނަން. އަދި ބުނަން ބިރުންހުރެ ނުކޮންނާތި. އާދަޔާ ޚިލާފު އެއްޗެއް އަތުގަ ޖެހުނު ކަމުގެ އިޙުސާސްވިޔަސް ތެޅިނުގަންނާތި. ރަނޑު އަންހެނެއްހެން ހަޅޭއްނުލަވާތި." ހާމިދުގެ ވާހަކަތަކުން ނާއިލްއަށް މަލާމާތުގެ އަސަރުފާޅުވެގެން ދިޔައެވެ.
         އަނެއްކާވެސް ނަޒަރު އުޑަށް ހުއްޓިފައިވާ ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހާމިދު ޖީބަށް އަތްބާނައި، ތުނޑުހިމަ ފިޔޮއްސެއް ނަގައިފިއެވެ. އޭރު ހާމިދުގެ ތުންފަތް ހަރަކާތްކުރަމުން ދެއެވެ. އޭނާ ކޮންމެވެސް އެއްޗެއް ކިޔަވަނީއެވެ. މާގިނަ އިރުތަކެއްނުވެ، ކުރިއަށް އަތްދަމާލުމަށްފަހު ފިޔޮހިން އަތުގައި އަޅާ ދަމާލިއެވެ. އެއާއެކު އަތުން ލޭފާއްދާލައި، ރޮނގަކަށް ދެމި އެކުވެގެން ލޭތިކިތަން ބިންމައްޗަށް ޖަހަންފަށައިފިއެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއާއެކު، މިމަންޒަރުބަލަން ހައިރާންވެފައިހުރި ނާއިލް ސިއްސައިގެން ދިޔައެވެ. އެހެނަސް ހާމިދަށް ބަދަލެއްވެސް ނާދެއެވެ. އޭނާއަށް ގުގުރީގެ އަޑު ނުއިވޭ ކަހަލައެވެ. "ކޮންނަންފަށާ" ޖީބުންނެގި ކުޑަ ރުމާލަކުން އަތުން ލޭމަނާކުރަން މަސައްކަތްކުރަމުން ހާމިދު، ނާއިލަށް އޭނާގެ މަސައްކަތް ފަށައިގަތުމަށް އިޝާރާތް ކުރިއެވެ.


-- ނުނިމޭ --

No comments:

Post a Comment

Comment