Monday, February 22, 2016

ތަފާތެއްވެޔޭ (3ވަނަ ބައި)




(ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ











" ކޮއްކޯ... " ނާއިލް ގޮވާލުމާއެކު އެނދުގައި ދެފައި ވައްކޮށްގެން އިސްދަށަށް ޖަހާލައިގެން އިން ނާއިލާގެ އަޑު ކެނޑިއްޖެއެވެ. އިސްދަށަށް ޖަހައިގެން އެއިން ގޮތަށް އިނދެ، ދެއަތުގެ ނުފުށުން ލޯފުހެލިއެވެ. އަދި އިސްއުފުލާ ނާއިލްއާ ދިމާލަށް ބަލައިލިއެވެ.


" ކި....ކީކޭ ދޮންބޭ.... ދޮންބެ ... އަދިވެސް ނުނިދަނީތަ؟ " ކެނޑިކެނޑިގެން އިވެމުންދިޔަ ނާއިލާގެ އަޑުގައިވަނީ ވޭނީ ހިތާމައެއް ބަރުދާސްތު ކުރަމުންދާ ކަމުގެ އަސަރެވެ. ނާއިލްއާ ކުރިމަތިލާ ކިތަންމެ ހިނިތުންވެ ވާހަކަ ދައްކަން މަސައްކަތް ކުރިއަސް، ނާއިލާގެ އެތެރެ ހަށީގައިވާ އަނިޔާގެ އަސަރު މޫނުމަތިން ފާޑުވަމުން ދިޔައެވެ. އޭނާގެ ހިތްވަނީ ކުދިކުދިވެފައެވެ. ދެލޯވަނީ ރޮއިރޮއި ރަތްވެ ފާރުވެފައެވެ. ރުއިމާ ގިސްލުމީ އަދު އޭނާގެ މުނިފޫހިފިލުވައިދޭ ބައިވެރިޔާ ފަދައެވެ. އޭނާގެ ދިރިއުޅުން މިފަދަ ގޮތަކަށް ކުއްލިއަކަށް ބަނަވުން ވެގެން ދިޔައީ ހުދުއޭނާއަށްވެސް ގަބޫލު ނުކުރެވުނު ހަގީގަތަކަށެވެ. އަދި ނާއިލާގެ ހަޔާތަށް މިއައި ތޫފާނުން ނާއިލާ އާއި އޭނާގެ ދޮންބެ ނާއިލްގެ، މައެއް ބަފައެއްނެތް މިކުޑަކުޑަ އާއިލާގެ އުފާވެރިކަން ކަފުންކުރިތާ ކިތަންމެ ދުވަހެކެވެ.
ނާއިލް މަޑުމަޑު ހިނގުމެއްގައި އައިސް ނާއިލާގެ މަގަތުގައި އިށީންދެއްޖެއެވެ. މަޑުމަޑުން އެމައުސޫމު ނާއިލާގެ ބޮލުގައި ތުރުތުރުލަމުންދިޔަ އޭނާގެ އަތުން ފިރުމާލިއެވެ. އަދި އަތުން ބޮލުގައި ފުނާއަޅާލައި، ހޭވިފައިވާ ނާއިލާގެ އިސްތަށިގަނޑު ރީތިކޮށްލަދިނެވެ. އެފިރުމުމުގައި ވަނީ އޯގާތެރިކަމާއި ކުލުނެވެ. ނާއިލް އޭނާގެ ކޮއްކޮ ނާއިލާދެކެ އިންތިހާއަށް ލޯބިވެއެވެ. އެދެމެދުގައިވަނީ އެއްބަނޑު އެއްބަފާ ކަމުގެ ކުލުނު ކިތަންމެ ރަނގަޅަކަށްވެސް އަށަގެންފައެވެ.
މިފަދަ ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ނާއިލްގެ އޯގާތެރިކަން ލިބެންފެށުމުން ނާއިލާގެ ލޮލުގައި ހިފެހެއްޓިފައިވާ ކަރުނަތައް އަނެއްކާވެސް އޭނާގެ އެދޮން ޖަންބު ކޯތާފަތަށް އޮހިގެންފިއެވެ. ހިތާމައާއި ހިތްދަތިކަމުގައިވާ އިންސާނާއަށް، އަނެކާގެ އަޅާލުމާއި އޯގާތެރިކަން ލިބެންފެށުމުން ހިތުގެ ޖަޒުބާތުތައް ހިފަހައްޓަންދަތިވެ ރޮވޭކަމީ، ކޮންފަދަ އަޖައިބުކުރުވަނިވި ގުދުރަތީ ގާނޫނެއް ހެއްޔެވެ؟.. ނާއިލާގެ އެރުއިމުގައި ނާއިލް ބައިވެރިވަމުން ދިޔައިރު، ގިނައިރު ރުއިމުގެ ސަބަބުން ނާއިލާގެ ގައިން ދިޔައީ ވަރުހުސްވަމުންނެވެ. އޭނާގެ ދެލޯމެރި ހަށިގަނޑުގެ ހަރަކާތްތައް މަޑުޖެހެމުން ދިޔައިރު، މާޒީގެ އެސަފްޙާތައް އޭނާގެ ކުރިމަތީގައި އުކެމުންދިޔައެވެ.
ނާއިލާ މަދަރުސީ ތަޢުލީމު ފަށައިގަންއިރު އޭނާގެ ދޮންބެ ނާއިލް އުޅެނީ ގްރޭޑް 06 ގައެވެ. ނާއިލާއާއި ނާއިލް އަކީ ހާޝިމްއާއި ވިޝާމާގެ ތިބި ހަމައެކަނި ދެދަރިންނެވެ. ހާޝިމަކީ ރަށުގައި އޭރުހުރި އެންމެ މުއްސަނދި އެކަކެވެ. އޭނާގެ އެމުއްސަނދިކަމުގައި އެކުޑަކުޑަ އާއިލާ އުޅެމުން ދިޔައީ އުފާފާގަތިކަމާއި އިންތިޙާއީ ތަނަވަސްކަމުގައެވެ. ނާއިލާ އާއި ނާއިލް ބޭނުން ކޮންމެ އެއްޗެއް ހޯދައިދިނަސް، އިސްލާމީ ޙުދޫދުގެ ތެރޭގައި ކުދިން ބޭއްތިއްބުމަށް އަބަދުވެސް ވިޝާމާ މަސައްކަތްކުރެއެވެ. އެކުދިންނަށް ބޮޑާ ނުވުމަށާއި، ދެއްވާފައިވާ ނިޢުމަތަށް ޝުކުރުވެރިވާން އަބަދުވެސް ހަނދާންކޮށްދެއެވެ.
އުފާފާގަތިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނާއިލް ކިޔަވާނިމި ކޯހަކަށް މާލެ ފުރިއިރު، ނާއިލާ ކިޔަވަނީ 9 ވަނަ ގްރޭޑް ގައެވެ. އޭރު ފުރާވަރު އުމުރުގެ، ނާއިލާއާއި އެއްދުވަސްވަރުގެ ފިރިހެންކުދިންގެ ކަޅިއެޅުންތައް ނާއިލާއަށް އަމާޒުވެފައިވަނީ އިންތިހާއަށެވެ. ނާއިލާގެ މާކަޅުނޫން، މާދޮންނޫން ހަމުގެ ކުލައާއި ޅަދޮނޅު ހަށިގަނޑުގެ ޖާދުވީ ބާރުން، އޭނާގެ ލޯތްބަށް އެދިއެދިތިބި ކުދިން ދިޔައީ އިތުރުވަމުންނެވެ. ޚާއްސަކޮށް ނާއިލާގެ އެބަންޓަން ރީތި މޫނާއި، އެމޫނުގެ އޮމާންކަމާއެކު، ގުދުރަތުން ދެއްވަވާފައިއެވާ ޖާދުވީ ދެލޮލާއި، ތުންފަތާއި އެ ނަލަނަލަ ހިނިތުންވުމުން އެތައް ބަޔަކު މަސްތުކުރުވާހާ ވެއެވެ.
ބުރަ މަސައްކަތާއެކު ހޯދަމުން އައި ރަނގަޅު ނަތީޖާތަކާއެކު، ނާއިލާގެ ކިޔެވުން ނިމެމުން ދަނީއެވެ. އަދިވެސް ކުއްޖަކާ ރައްޓެހިނުވެ ހުރި ނާއިލާއަށް އަދު ބޮލަށް އުނދަގޫވެފައިވަނީ އޭނާގެ ރީތިކަމާހެދިއެވެ. ރީއްޗަކީ ބިރެކޭ ބުނަނީ މިހެންވީމާ ކަންނޭނގެއެވެ. ނާއިލާދެކެ ލޯބިވާކުދިން އެކިގޮތްގޮތުން ލޯބިހޯދަން މަސައްކަތް ކުރަމުން ދިޔައިރު، ރަށުތެރެއަށް ގިނަވެގަނެގެން އުޅޭ ޒުވާނުންގެ ގުރޫޕްތަކުގެ ދުއްތުރާވެސް ދިޔައީ އިތުރުވަމުންނެވެ. މަގުމަތިން އަންހެން ކުދިންނާ ފޮށެ ޖެއްސުންކުރުމަކީ މާލޭގައި އެކަނި އޮންނަކަމެކޭ ހިތަށް އެރިޔަސް، އަމިއްލަ ރަށަށް އަހިސްފައިމިވާ ބަދަލު ނާއިލާއަށް ފުރިހަމައަށް އިޙުސާސްކުރެވެމުން ދެއެވެ. އޭނާއަށް އެފަދަ ތަޖުރިބާއެއް ކުރަން ނުޖެހޭ ދުވަހެއް މަދެވެ.
އާދައިގެ މަތީން ސުކޫލް ނިންމާލުމަށްފަހު ނާއިލާ ގެއަށް ދިއުމަށް ހިނގަމުން ދިޔައެވެ. ގެހުންނަ ހަނިގޯޅިއަށް ލަނބާލުމާއެކު، އަބަދުވެސް ފަހަތު އަޅުވާލާ ހަމްޒަތުމެން ގްރޫޕް ނާއިލާގެ ކުރިމަތިން އައިސް އޭނާގެ ކުރި ބައްދައިފިއެވެ. ނާއިލާ އިސްދަށަށް ޖަހާލައިގެން ހުރިއިރު ހަމްޒަތު އޭނާގެ ކުރިމަތީގައި ހުރެގެން ތަފާތު އެކި ލޯބީގެ ނަންނަމުން މުޙާތަބުކޮށް ތައުރީފު ކުރަމުން ދިޔައެވެ. އެހެނަސް ބަސްމަގު ހުތުރުވެ ދަށްކަން ނުޖެހޭ ވާހަކަތައް ދެކެވެން ފެށުމުން ގެއަށް ދިއުމަށް ލަސްވެފައިހުރި ނާއިލާއަކަށް ކެތެއް ނުވިއެވެ. ނާއިލާގެ މޫނުގައި ޖެހުނު ހަމްޒަތުގެ އަތް ފޮޅާލުމާއެކު އަތުގެ ހޫނު އެތިފަހަރެއް ހަމްޒަތުގެ މޫނަށް އަރުވާލިއެވެ. ހަމަ އެއާއެކު ގެއަށް ދިއުމަށްޓަކައި ދުއްވައިގަތެވެ. ހަމްޒަތާއި އެތާގައި ދެން ތިބިކުދިންނަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގި އަނގަހުޅުވިފައެވެ. ނާއިލާ ފަދަ މަޑުމައިތިރި ބަސްމަދު ކުއްޖަކަށް ހަމްޒަތުމެންގެ ކުރިމަތީގައި އެފަދަ ހިތްވަރެއް ލިބިދާނެކަމަށް ފަހަރެއްގައިވެސް އެމީހުން ހިއެއް ނުކުރެއެވެ. އެކުވެރިން ދިމާކޮށްގަތުމުން ހަމްޒަތުގެ ދުލަށް އައީ ހުތުރު ބަސްތަކެވެ. ހިތަށް ވެރިވެގެން ދިޔައީ ބަދަލު ހިފުމުގެ ރޫހެވެ.
ދުވެފައިގޮސް ގެއަށް ވަދެވުނު އިރު ނާއިލާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާގެ ހިތަށްވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. އޭނާގެ ރީތި ކަމަކީ ގުދުރަތުން އޭނާއަށް ދެއްވާފައިވާ އަގުބޮޑު ޖަވާހިރެކެވެ. އެހެނަސް އަދު އެކަމުގެ ސަބަބުން އޭނާއަށް ނުހަނު ބޮޑަށް ހިމާޔަތް ބޭނުންވެއްޖެއެވެ. އެވަގުތު އޭނާގެ ދޮންބެ ނާއިލް ގާތުގައި ވާނެނަމައޭ ނާއިލާގެ ހިތަށް އަރަމުން ދިޔައެވެ. އަދި މިފަދަ ހާލަތެއްގައި ލޯބިވާ އޯގާތެރި ބައިވެރިއެއް ހޯދުމުގެ ފިކުރު ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނެވެ.
ނާއިލާ އޭނާދެކެ ލޯބިވާ އަދި އޭނާއަށްވެސް ލޯބިވެވޭފަދަ ބައިވެރިއެއް ހޯދުމުގެ ފިކުރުގައި ހުންނަތާ މާކަ ގިނަ ދުވަސްތަކެއް ނުވެ، އަޙުލާޤު މާތް، ތަޢުލީމީ ޒުވާނެއްގެ ލޯބީގެ ހުށަހެޅުން އޭނާއަށް ލިބިއްޖެއެވެ. ނާއިލާއަށް ކަމުދާފަދަ ސިފަތަކެއް ލިބިފައިވާ އައިމަން އާ ނާއިލާ ގުޅުނީ އައިމަން އާއެކު އުފާވެރި ހަޔާތެއް ފެށުމުގެ މަތިވެރި މަގުސަދުގައެވެ. އައިމަންގެ އުންމީދަކީވެސް އެއީ އެވެ. އޭނާގެ އެތައް އަހަރެއްގެ ހުވަފެން ހަގީގަތަކަށް ވުމުން އައިމަންހުރީ އުފަލުން ފޮޅިފައެވެ.
އައިމަންއާ ލޯބީގެ ގޮތުން ގުޅުމާއެކު، ހަމްޒަތުގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ އުނދަގުލާ ނާއިލާއަށް ކުރިމަތިލާން ޖެހިއްޖެއެވެ. އެހެނަސް މަގުމަތިން ހަމްޒަތަކާ ދިމައެއް ނުވެއެވެ. މަގުމަތިން ދިމާކުރަމުން ދިޔައީ އޭނާގެ އެކުވެރިންނެވެ. އޭނާގެ އެކުވެރިންގެ ކަމަކީ ނާއިލާ ފެންނައިރަށް ހަމްޒަތާ އަޅުވާކިޔުމެވެ. ހަމްޒަތުގެ މޫނުމަތީ ފިރުމާލި ހޫނު ފިރުމުމުގެ ބަދަލު އޭނާ ހޯދާނޭ ކަމަށާއި، ނާއިލާ އައިމަން ދޫކޮށް ހަމްޒަތު ކައިރިއަށް ދާނޭ ކަމަށް އެމީހުން ބުނެ، ދިމާކުރަމުން ދިޔައެވެ. މިހުރިހާ އުނދަގޫތަކެއް ނާއިލާ ގިރާކުރަމުންދިޔައީ އައިމަންގެ ލޯބީގެ ފުރިހަމަ ބާރުގައެވެ. އައިމަންއަށް ވަފާތެރިވާން ބޭނުންވާތީއެވެ. އެހެނަސް ސަމާލުނުވެވިއްޖެނަމަ، ޒުވާން އަންހެން ކުދިންގެ ހިތް އަނބުރާލުމީ، މާމަލުން ފޮނިބޮމުންދުވާ މާބުރަކަށް އުނދަގޫ ކަމެއް ނޫނެއް ނޫންހެއްޔެވެ؟
މާކަ ގިނަ ދުވަސްތަކެއް ނުވެ، ނާއިލާއަށް އަނެއްކާވެސް އެކަނިވެރިކަން އިޙުސާސް ކުރަންޖެހިއްޖެއެވެ. ނާއިލާގެ ދޮންބެ ނާއިލް އެކޭ އެއްގޮތަށް އައިމަންވެސް ރަށުން ބޭރަށް ދާންޖެހުނީއެވެ. އުޅޭ ވަޒީފާގެ ގޮތުން ކުޑަދުވަސްކޮޅަކަށް އެހެން ރަށެއްގައި މަސައްކަތް ކޮށްލުމަށެވެ.
ނާއިލާގެ މިއެކަނިވެރިކަމާއެކު، ހުދު އޭނާއަށްވެސް ގަބޫލު ނުކުރެވޭފަދަ ގޮތަކަށް އޭނާ ދިޔައީ ބަދަލުވަމުންނެވެ. ހަމްޒަތު ތަކުރާރުކޮށް ފޮނުވަމުން ދިޔަ މެސެޖްތަކަށް ޖަވާބުދެވެން ފެށިއެވެ. ހަމްޒަތުގެ އެކުވެރިންގެ އަޅުވާކިޔުންތަކުގެ އިސްތިރީގައި ރަނގަޅަށް ބަނދެވި އައިމަންއަށް ދެވުނު މަގާމު ހަމްޒަތަށް ދެވެން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ނާއިލާގެ މިބަދަލުން އައިމަންގެ ހިތް ކުދިކުދި ވިއެވެ. އޭނާއަށް މުޅި ދުނިޔެ އެކު ލިބިފައި ގެއްލިގެން ދިޔަފަދަ އިޙުސާސެއް ކުރެވުނެވެ. ނާއިލާ ކައިރީގައި ތަކުރާރުކޮށް އާދޭސް ކުރިއެވެ. އެހެނަސް އެކަމުން ވީކަމެއްނެތެވެ. އެކަންވީ ފޫނެއްފަޔަށް ފެންފުރުންފަދަ ކަމަކަށެވެ.
ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ ކެހިވެރީ ދުނިޔެއެއް ނޫނެވެ. ދުނިޔޭގައި އުޅޭ އިންސާނުންނެވެ. ނާއިލާފަދަ ރަނގަޅު ރީތި ކުއްޖަކު އައިމަންއަށް ބޭވަފާތެރިވީއެވެ. ކަރުގައި ފަށްއަޅައި، ބޯހަތައެއްހެން ހަދާފައިވާ ތަޢުލީމެއްނެތް، މަގުމައްޗަށް ވީއްލިގެން އުޅޭ ޒުވާނަކަށްޓަކައެވެ. އެހެނަސް ކޮންމެ އަނިޔާއަކަށް އިންސާފު ލިބޭނެކަން ޔަޤީނެވެ. އެހެން ނޫންނަމަ މާޒީގެ އެސަފްޙާގައި ނާއިލާގެ ބޭވަފާތެރިކަމަށް އައިމަން ރޯން އިންފަދައިން، ރޭގަނޑުގެ މިދަންވަރު ނާއިލާ އޭނާގެ ދޮންބެ ނާއިލްގެ ގާތުގައި އިނދެ ހިތިކަމާއި ގިތިކަމުގެ ކަރުނަ އޮހޮރަމުންނެއް ނުދިޔައީހެވެ.
"ކޮއްކޯ.. އަދިވެސް ރޮނީތަ. އަނެއްކާވެސް އެހަނދާންތައް ކުރަންފެށީދޯ. ބުނީމެއްނު އެވަރަށް ނުވިސްނާށޭ. ދެން ނިދާލެވޭތޯ ބަލާ އިނގޭ..." މަޑުމަޑުން ހަމަޖެހި ލޯމެރިފައިވާ ނާއިލާއަށް ޖިސްލެވެން ފެށުމުން ނާއިލާގެ ޙާލަތު ނާއިލަށ ވަރަށް ރަނގަޅަށް ފަހުމް ވެއްޖެއެވެ. އޭނާ ނާއިލާއަށް ވިސްނައިދެމުން ގެންދިޔައީ މަންމައަކު ދަރިއަކަށް ނަސޭޙަތް ދޭފަދަ އޯގާތެރިކަމާއި މަޑުމައިތިރި ކަމާއެކުގައެވެ.
" ދޮންބޭ. އަޅެ ކީއްވެ އަހަންނަށް މިހެން މިދިމާވީ؟ އަހަރެން ނުވިސްނަން އުޅުނަސް ...... ދޮންބޭ.. އައިމަން ކަހަލަ ރަނގަޅު ކުއްޖަކަށް އަހަރެންނަށް އެހެން ކަންތައް ކުރެވުނީ ކީއްވެ؟ ހަމްޒަތުގެ އަވާގައިޖެހި ......" އަޅައަޅައިގަންނަމުންވެސް ވާހަކަ ދައްކަން ނާއިލާއަށް އުނދަގޫވުމުން، ނާއިލް އޭނާގެ އަނގަ މަތީގައި އަތް އެޅިއެވެ. އަދި ވެދިޔަތަން ވެދިޔައީ ކަމަށާއި އިތުރަށް ވިސްނުމުން ކުރާނޭ ފައިދާއެއް ނެތްކަމަށްބުނެ، ތަކުރާރުކޮށް ވިސްނައިދީ ނާއިލާ ހަމައަކަށް އަޅުވައިފިއެވެ. ނާއިލް ކޮޓަރިން ނުކުތީ ނާއިލާއަށް ނިދިއްޖެކަމަށް ގަބޫލުކުރެވުމުންނެވެ.
ނާއިލް ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލުމާއެކު، ނާއިލާ މަޑުމަޑުން ލޯހުޅުވާލިއެވެ.

No comments:

Post a Comment

Comment