Monday, November 14, 2011

Vafaatheri Beyvafaatheriyaa


ވަފާތެރި ބޭވަފާތެރިޔާ


ނޯޓް: މިއީ ދިވެހިބަސް ކިޔަވައިދިނުމުގެ ޑިޕްލޮމަރ ކޯސް 2011 ގެ ދަރިވަރުން ކުލާހުގައި ގްރޫޕްތަކުގައި ކުރި މަސައްކަތުގެ ތެރެއިން، ގްރޫޕަކުން ލިޔެފައިވާ ވާހަކައެކެވެ.

             ދުވަހުގެ އިރު ފެނުން ތޮޅިލުމާއެކު އެންމެން މަސައްކަތައިގެން ހޭލަމޭލަވާންފެށިއެވެ. ގޯތިތެރެ ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރެވެމުން ދިޔައެވެ. ކައިވެނީގެ ހަފްލާއަށް ގެ ތައްޔާރު ކުރެވެމުން ދިޔައިރު ރީމާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. ހެނދުނުއްސުރެ އޭނާއަށް އިންތިޒާރު ކުރެވެމުންދަނީ އެވަގުތަށެވެ. ދާއިމަށް ނިޔާޒުގެ ހިމާޔަތުގެ ދަށަށް ދާނޭ ހިނދުކޮޅަށެވެ. އެހަށިގަނޑުގެ ހޫނުން ހިތާއި މެއަށް ދިރުން ގެނެސްދޭނޭ ދުވަސްތަކެއްގެ ފެށުމަށެވެ. އާދެހެވެ. ކައިވެނީގެ ހަފްލާއަށެވެ.
             އެދުވަހުގެ އިރު ދުނިޔެއަށް އަލްވަދާއުކީ ރީމާއާއި ނިޔާޒުގެ ހަޔާތުގެ އާސަފްހާއެއް ފަށައިދެމުންނެވެ. ދެމަފިރިންގެ ގޮތުގައެވެ. ކައިވެނީގެ މިއުފަލުގައި ބޭއްވި ހަފްލާ ވެގެން ދިޔައީ ދެމީހުންގެ މިއާހަޔާތުގެ، އާފެށުމަށް ގެނުވި އުފާވެރިކަމަކަށެވެ. 


އެއުފާވެރި ހަފްލާ ނިމުނުއިރު ރީމާ އާއި ނިޔާޒުގެ ހަށިގަނޑަށްވަނީ ވަރުބަލިކަން ވެރިކުރުވާފައެވެ. އެހެނަސް ރީމާ އިންތިޒާރު ކުރަމުން ދިޔައީ އަލަތުކައިވެނީގެ ފުރަތަމަ ރޭގެ އުފާވެރިކަމަށެވެ. ނިޔާޒުގެ އޯގާތެރި ބީހުންތަކަށެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ ރީމާ ހީކުރިގޮތަކަށް ނޫނެވެ. ނިދުނު އިރުވެސް ނިޔާޒުގެ ފަރާތުން އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. ކައިވެނީގެ ފުރަތަމަރޭ ނިމިގެން ދިޔައީ ނިދުމުގެ ކުރިން ނިޔާޒު ލޯތްބާއެކު ބުނެލި ދެތިން ބަހަކުންނެވެ.
              ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށޭ ބުނާހެން އުފަލާއި ހިންހަމަޖެހުމެކޭ އެއްފަދައިން ހިތާމައާއި ހިތްދަތިކަންވެސް ގެނުވަމުންނެވެ. ނިޔާޒާއި ރީމާގެ ކައިވެންޏަށް 3 އަހަރުވެގެން ދިޔައިރު ރީމާގެ ހިތުގައި އޮތް އުފާވެރިކަންވަނީ ހިތާމައަށް ބަދަލުވެފައެވެ. ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން ރީމާގެ ހިތްވަނީ މިލާމޯޅިވެފައެވެ. ވާނުވާނޭނގި ފެންނަމުންދާ ބަދަލުތަކުންނެވެ. ދެދަރިން ލިބިފައިވީނަމަވެސް ނިޔާޒުގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ރީމާ ބޭނުންވާފަދައިން ލިބެމުން ނުދިއުމެވެ. ގިނަރޭރޭ ނިޔާޒު ނިދަން އަންނަނީވެސް ދަންވަރު ދޭއް، ތިނެއް ޖަހާއިރުއެވެ. އަންބެއްގެ އިޙުސާސްތައް ނިޔާޒުއަށް ނޭނގޭ ކަހަލައެވެ. ނިޔާޒުއަކީ ސަރުކާރުގެ އިސްމަގާމެއްގައި ވަޒީފާ އަދާކުރަމުންދާ "ބޮޑުމުސާރަވެރި" އެކެވެ. އެހެންކަމުން ވަގުތު ނުދެވެނީ އުޅެން ޖެހޭލެއް ބުރަކުން ކަމަށްވެސް ވެދާނެއެވެ.
                ދެދަރިންގެ ހައްޤުގައި ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވި ނަމަވެސް ރީމާއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ފައިސާގެ ދަތިކަމެވެ. ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް ނިޔާޒުގެ އަތުގައި އާއިލީ ބޭނުންތަކަށް ޚަރަދުކުރާނޭ ފައިސާނެތުމެވެ. އެހެނަސް ނިޔާޒުގެ ރައްޓެހިން ބުނާގޮތުގައި އޭނާ ބޭކާރު ޚަރަދެއް ކުރާކަން އެނގިފައެއް ނެތެވެ. އަދި ހަމަމިއާއެކު އީސައަކީ ވަޒީފާގައިވެސް ހަރުދަނާ ހީވާގި މަސައްކަތްތެރި މީހެއްކަމަށް އެމީހުން ގަބޫލުކުރެއެވެ. ވާނުވާނޭނގި ހިތްދަތިކަމުގައި ދުވަސްތައް ވޭތުކުރަމުން ދިޔަ ރީމާއަށް ނިޔާޒު ކައިރީގައި އެއްވެސް ކަމަކާ ޝަކުވާކުރާކަށް ނުކެރެވެ.
                ރޭގަނޑުގެ އިރާކޮޅުގެ ވަގުތެވެ. ދެދަރިން ގޮވައިގެން ރީމާ އިނީ ޚަބަރު ބަލާށެވެ. ކިޔަމުން ދިޔަ ޚަބަރާއެކު ފެންނަމުންދިޔަ މަންޒަރުން ރީމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަންހެނެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. އޭނަގެ ފިރިމީހާ ނިޔާޒުއަކީ އެފަދަ މީހަކަށް ވާނޭކަމަކަށް ރީމާއަށް ގަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ. ނަމަވެސް ހަގީގަތް ޖެހޭނީ ގަބޫލުކުރާށެވެ. " ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި މާލޭގައި ސްޕާތަކުގެ ނަމުގައި ހިންގަމުންދާ ނާސިގެތަކެއް ހޯދައިފި " ޓީވީން ކިޔަމުން ދިޔަ މިޚަބަރާއެކު އެނާސިގެތަކުން އަތުލައިގަތް ފަރާތްތަކުގެ ނަން ފޮޓޯއާއެކު ގެނެސްދެމުން ދިޔަ މަންޒަރު ރީމާގެ މޫނުމަތީގައި ފަށްފަށްވަމުން ދިޔައެވެ.
               ނާސިގެތަކުގައި ފާހިޝް އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް ކުށްސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރެވުނު މީހުންގެ ތެރޭގައި ނިޔާޒުވެސް ހިމެނުނެވެ. ރީމާ ވޭތުކުރަމުން އައި ހިތާމަވެރި ޚަޔާތް އެއަށްވުރެ ހިތާމަވެރިވީއެވެ. ދަރިންކޮޅު ނިކަމެތިވީއެވެ. ދިރިއުޅުމަށްޓަކާ ގަނަތެޅެން ރީމާއަށް މަޖުބޫރުވީއެވެ. ރީމާގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. ރީމާ ކައިވެނި ކުރީ އޭނާ ދެކެ އިންތިޙާއަށް ލޯބިވާ، ފައިސާވެރިއަކާއެވެ. ތަނަވަސް އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްގެންނެވެ. ނަމަވެސް ރީމާއަށް ވަފާތެރި ނިޔާޒުއަކީ ފާހިޝް އަމަލު ހިންގާ މީހަކަށްވުމުން ނޭނގި ހުރެ ބޭވަފާތެރިއަކަށް ވީއެވެ.
              

No comments:

Post a Comment

Comment