Friday, November 18, 2011

Ma'aaf 2


މަޢާފް
( ދެވަނަ ބައި )
ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )             
                            

   މޫސަ އައިސް އެންމެ ފުރަތަމަ ވާހަކަދެއްކީ ނަޢުޝާދު އާއެވެ. "މީގެފަހުން މަގޭ ދަރިފުޅާއެކު ހުއްޓައި ފެނިއްޖެނަމަ ދުވަސް ދުއްވާލާނަން. ހަނދާންކުރާތި! އަދި ނިރާޝާއަކީ ނަޢުޝާދުގެ ހަޔާތުގައި ދިމާވެފައިވާ މީހެއްކަންވެސް ހަނދާން ނައްތާލުން ބުއްދިވެރި." މިހެންބުނުމަށްފަހު ނިރާޝާގެ އާދޭސްތަކަށް ބީރުކަންފަތެއްދެމުން، މޫސަ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ އަތުގައިހިފާ ރަނބިކޫއްތަމުން ކަހަލަގޮތަކަށް ގެންގޮސް ގެއަށް ވެއްދިއެވެ.
 އެދުވަހަށްފަހު ދެމީހުންގެ ބައްދަލުވުންތައް މުޅިންހެން މެދުކެނޑިގެން ދިޔައެވެ. އެހެންނަމަވެސް ފޯނުގެ އެހީގައި ދެމީހުންވެސް އެކަކު އަނެކެއްގެ ހާލުއަހުވާލު ބަލަމުން ގެންދެއެވެ. ކެމްޕެއިންގެ ފޯރި ގަދަވަމުން ދިޔަ ދުވަސްވަރެވެ. މޫސައާއި ޒާހިޔާ ލ. އަތޮޅަށް ދިޔުމުގެ ތައްޔާރީތައް ވަމުންދިޔައެވެ. އެހެންނަމަވެސް ނިރާޝާ 


ގޭގައި ގެންގުޅޭ ނޯކަރު މީހުންނާއި ހަވާލުކޮށްފައި ދާން ޖެހިލުންވިއެވެ. އެހެނަސް އެނޫންގޮތެއް މިއަދު އެދެމަފިރިންނަކަށް ނެތެވެ. މޫސަގެ އާއިލާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. އަދި ޒާހިޔާގެ އާއިލާ ދިރިއުޅެނީ ލ.އިސްދޫގައެވެ. ޒާހިޔާގެ ބައްޕައަކީ އިސްދޫއަށް އުފަންމީހެކެވެ.
  މޫސަގެ ދެމަފިރިން ލ.އިސްދޫއަށް ހިނގައްޖެއެވެ. މިހާރުގޭގައި އުޅެނީ ނިރާޝާއާއި އެގޭގައި ގެންގުޅޭ ނޯކަރުންނެވެ. އެހެންކަމުން މިއީ ނިރާޝާއާއި ނަޢުޝާދުއަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ. އެދުވަހުންފެށިގެން ދެލޯބިވެރިން އެއްވެސް ބިރެއްނެތި ނިރާޝާގެ ގޭގައި ބައްދަލުކުރަމުން ދިޔައެވެ. މިގޮތުގައި ދުވަސްތައް ފާއިތުވެގެން ދާގޮތްވެސް އެދެ ލޯބިވެރިންނަކަށް ނޭގެއެވެ. އެކުގައި ގިނަވަގުތުތައް ހޭދަކުރުމަށް ފުރުޞަތުތައް ފަހިވެގެން ދިޔައީއެވެ. އެހެންކަމުން ނަޢުޝާދު ގިނަވަގުތު އުޅެމުންދަނީވެސް ނިރާޝާގެ ގޭގައެވެ. ނިރާޝާއާއެކުގައެވެ. ސުކޫލަށް ގޮސްއުޅެނީ އެކުގައެވެ. ހިތްހަމަ ޖައްސާލުމުގެ ގޮތުން ރެސްޓޯރެންޓްތަކާއި ޕާރކުތަކަށްވެސް ދެމީހުން އެކުގައި ގޮސް އުފަލުގައި ދުވަސްތައް ގުނަމުން ދިޔައެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެން އަންނާއެޔޭ ބުނާބީދައިން ނިރާޝާއާއި ނަޢުޝާދުގެ ހަޔާތުގައި ކަންތައްތައް ހިނގަމުންދިޔައެވެ.
  މޫސަގެ ދެމަފިރިން އެބުރި މާލެއައީ އޭގެ ދެހަފްތާ ފަހުންނެވެ. އެބުރިއައި އިރު ނިރާޝާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރިކަން ދެމީހުންނަށްވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި ގޭގައި އުޅޭ ނޯކަރުންގެ ގާތުގައި އަހާ އޮޅުމެއްވެސް ނުފިލުވައެވެ. އެއީ ނިރާޝާގެ މޫނުމަތިން ފެންނަށް އެހުރި ހިނިތުންވުމުގެ ސިއްރަކީ ކޮބައިކަން އެދެމަފިރިންނަށް ރަނގަޅަށް އެނގޭތީއެވެ.
   އޭގެ ދެހަފްތާފަހުން އަނެއްކާވެސް މޫސަގެ ދެމަފިރިން ލ. އަތޮޅަށް ދާން ފުރައިފިއެވެ. ނިރާޝާއާއި ނަޢުޝާދުއަށް ބަހާރުމޫސުން އަލުން އައީއެވެ. ކުރިއެކޭ އެއްފަދައިންނެވެ. މިފަހަރު މޫސަގެ ދެމަފިރިން ލ. އަތޮޅުގައި މަހެއްހާ ދުވަސް ހޭދަކުރިއެވެ. އެއަސްފަހު އެނބުރިއައިއިރު ކުރިން ފެނުނު އުފާވެރިކަން މިފަހަރުވެސް ފެންނަށް ހުއްޓެވެ. ސަބަބު އެނގޭތީ މިފަހަރުވެސް އެކަމާއި ގުޅޭ ގޮތުން ކުރިއެކޭ އެއްފަދައިން އެކަކުވެސް ސުވާލެއް ނުކުރެއެވެ.
  ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނިރާޝާއަށް ގޮތްތަކެއް ވާހެން ހީވާންފަށައިފިއެވެ. ކާއެއްޗެއްގައި މީރުރަހައެއް ނުލުމާއި ، މޭނުބައި ކުރުމާއި ، ބޯއެނބުރުމާއި ، ހޮޑުލެވުމުގެ އިތުރުން، ހުތް އެއްޗެހި މާގިނައިން ކެވެން ފަށައިފިއެވެ. އެހެންކަމުން މިވާހަކަތައް އެންމެ ފުރަތަމަ ނިރާޝާ ކިޔައިދީފައިވަނީ ނަޢުޝާދު އަށެވެ. ތަޞައްރަފު ފުރިފައިވާ ދެމީހުންކަމަށް ވުމާއެކު މިވާގޮތްތަކަކީ ކޮބައިކަން ނިރާޝާއަށްވަމުންދާ ގޮތްތަކުން ދެކުދިންނަށްވެސް ދެނެގަނެވުނެވެ. ސުކޫލުން ދިމާވާ ހުރިހާ ވަގުތުތަކެއްގައި ދެމީހުން އެކުގައި މިކަމާގުޅޭ ގޮތުން ތަފާތު އެކިގޮތްގޮތަށް މަޝްވަރާ ކުރެވުނެވެ. އެހެންނަމަވެސް ކުރެވިފައިވާ ފާފަ ދުނިޔެއަށް ފާޅުނުކޮށް ހުއްޓުވުމަށްޓަކައި އިތުރުއެހެން ފާފައެއް ކުރުމަށް ދެކުދިން އެއްގޮތަކަށްވެސް ނޭދެއެވެ. ނަޢުޝާދުއާއި ނިރާޝާއަށް ކައިވެނި ނުކުރެވުނު ކަމުގައިވިޔަސް އެދެމީހުންގެ މިލޯބީގެ ނިޝާން ދުނިޔެއަށް އުފަންކޮށް އެދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ނިންމިއެވެ. އަދި މިފަދަކަމެއް ނިރާޝާގެ ބައްޕަގެ ކެމްޕެއިން ދުވަސްވަރާއި ދިމާކޮށް ކުރިމަތިވުމުން، މިގުޅުމާމެދު ފަހަރުގައި ރުހިދާނެ ކަމަށްވެސް ދެމީހުން ޤަބޫލުކުރިއެވެ. އެހެންނަމަވެސް މިވާހަކަތައް ނިރާޝާގެ މައިންބަފައިންނަށް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ގަޔަކުނެތެވެ. އެހެންކަމުން އެވާހަކަތައް މިދުވަސްވަރުގައި ކިޔައިނުދީ މަޑުކުރީއެވެ. ނިރާޝާގެ މައިންބަފައިންނަށް އޭނާގެ ކިބައިން ތަފާތު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެމުންދިޔައެވެ. މާގިނަވަގުތު ކޮޓަރީގައި އެކަނި ހޭދަކުރުމާއި، ކެއުމާއި ދުރުހެލިވުންފަދަ އެތައްކަންތައްތަކެއް ފާހަގަކުރެވެމުންދިޔައެވެ. ނަމަވެސް ، މިދެމެދުގައިވާ ގުޅުން މިހާރުވަނީ ވަރަށް ދުރުވެފައެވެ. ކުރީގައި އުޅެމުންދިޔަ ގޮތަށް އެއާއިލާތެރޭގައި އެއްވެސްކަމެއް ނުހިނގައެވެ. މައިންބަފައިންނާއި ދަރިފުޅާދެމެދު ކުރިން އޮތްގުޅުން މުޅީންހެން ހީނަރުވެއްޖެއެވެ.
  ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔަވަގުތެވެ. އެއްވެސްމީހެއްގެ ދުލުން ލަފުޒެއްގެ މިންވަރުވެސް ބޭރުނުވެއެވެ. ކުއްލިއަކަށް ނިރާޝާއަށް އޯކަށް ދެމޭކަހަލަ ގޮތެއްވާހެން ހީވުމުން ދެފަޔަށް ބާރުލާ ދުވެފައި ދިޔައީ ފާޙަނާއާދިމާއަށެވެ. އެވަގުތު މޫސަގެ ދެމަފިރިން ނިރާޝާއަށް ގޮވަމުން އޭނާގެ ފަހަތުން ދުވެފައި ދިޔައީ ސުވާލުންފުރިގެންވާފަދަ ގޮތަކަށެވެ. ނިރާޝާ ފާޙާނައިން ނުކުތުމުން ޒާހިޔާ އޭނާގެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ރަހުމުންފުރިގެންވާފަދަ އޯގާތެރި ގޮތަކަށް ފިރުމާލީ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ފަހުންނެވެ. އެވަގުތު ނިރާޝާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. މަންމާއޭ ކިޔާ ޒާހިޔާގެ ގައިގައި އޮޅުލައިގަނެ، މަޢާފް ކޮށްދިނުމަށް އެދެމުންދިޔައެވެ.
  ކޮންމެ މީހެއްގެ އެތެރެހަށީގައި ވިންދުޖަހަމުންދާ ހިތާއި، އިހުސާސްތަކަކީ އެހެނިހެން އިންސާނުންނެކޭ އެއްފަދައިން ތަފާތު އެކިއެކި ހާލަތްތަކުގައި ބަލިކަށިކަމާއި ގަދަފަދަކަން އިހުތިޔާރުކުރާނެ ތަކެއްޗެވެ. އެވަގުތު ޒާހިޔާއަށް ބަލިކަށިކަން އިހުސާސްކުރެވުނީ އަމިއްލަ އުފަން ދަރިފުޅުގެ ޙާލަތު އިންގޮތް އެނގި ހާމަވެގެން ދިޔުމުންނެވެ. މައިވަންތަކަމުގެ ލޮބުވެތި ފިރުމުންތަކަށް ފެންބޮވައިގެންފައިވާ ނިރާޝާ ޒާހިޔާގެ އުނގުގައި ބޯއަޅައިގެން ދެލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލަފުހެލަ އޮތެވެ. މިކަމާމެދު ޒާހިޔާގެ ހިތުގައި އަމިއްލަ ދަރިފުޅާމެދުގައި އޮތް މައިވަންތަކަމުގެ ގުޅުމުގެ ސަބަބުން، ދަރިފުޅުގެ އިހުސާސްތައް ދެނެގަތެވެ. އަދި މިކަމަކީ އެމީހުންގެވެސް އިޙުމާލުގައި ވެފައިވާ ކަމެއްކަން ވިސްނުނެވެ. އެހެންނަމަވެސް މޫސައަކަށް އެކަހަލަ އެއްވެސް އިހުސާސެއް ނުކުރެވެއެވެ. އޭނާގެ ވިސްނުން ނުވަތަ ސަމާލުކަން މިދުވަސްވަރުގައި ހުރީ ހަމައެކަނި ކެމްޕެއިންއަށެވެ. ރައްޔިތުންގެ މަޖިލީހުގެ ލ އަތޮޅުދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށެވެ.
   މޫސަގެ ރުޅިގަނޑު މައިތިރިކުރުމަށް ޒާހިޔާ މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަންވެންދިޔައީގެ ފޫނެއް ފަޔަށް ފެންފުރުން ފަދަކަމެކެވެ. ނިރާޝާއާދިމާއަށް ހަޅޭއްލަވައި އަނިޔާ ކުރަންފެށިއެވެ. އަދި ސުކޫލަށް ކިޔަވަން ނުފޮނުވައި ގެއިން ބޭރަށް ނުނިކުތުމަށް އަމުރުކުރިއެވެ. އެވަރަކުން ފުދުނީއަކީއެއް ނޫނެވެ. ނިރާޝާގެ ފޯނުވެސް އަތުލިއެވެ. ނުވިތާކަށް އިންޓަރނެޓްވެސް ކަނޑާލިއެވެ. ނަޢުޝާދުއާއި ގުޅެން ހުރި ހުރިހާ މަގެއް ބަންދުކޮށްލީއެވެ. އަދި ކެމްޕެއިންގެ ކަންތައްތައް ނިމުނުހާއަވަހަކަށް ނިރާޝާގެ އެބޯރޝަން ހެދުމަށް ނިންމިއެވެ. އެދުވަހަށްފަހު ޖަލުގައި ކުއްވެރިއަކު ގެންގުޅޭފަދައިން މޫސަ ނިރާޝާ ގެންގުޅެމުންދިޔައެވެ.
( 3 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ... )

No comments:

Post a Comment

Comment