Dip.DLT 2011



ވަފާތެރި ބޭވަފާތެރިޔާ

ނޯޓް: މިއީ ދިވެހިބަސް ކިޔަވައިދިނުމުގެ ޑިޕްލޮމަރ ކޯސް 2011 ގެ ދަރިވަރުން ކުލާހުގައި ގްރޫޕްތަކުގައި ކުރި މަސައްކަތުގެ ތެރެއިން، ގްރޫޕަކުން ލިޔެފައިވާ ވާހަކައެކެވެ.

             ދުވަހުގެ އިރު ފެނުން ތޮޅިލުމާއެކު އެންމެން މަސައްކަތައިގެން ހޭލަމޭލަވާންފެށިއެވެ. ގޯތިތެރެ ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރެވެމުން ދިޔައެވެ. ކައިވެނީގެ ހަފްލާއަށް ގެ ތައްޔާރު ކުރެވެމުން ދިޔައިރު ރީމާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. ހެނދުނުއްސުރެ އޭނާއަށް އިންތިޒާރު ކުރެވެމުންދަނީ އެވަގުތަށެވެ. ދާއިމަށް ނިޔާޒުގެ ހިމާޔަތުގެ ދަށަށް ދާނޭ ހިނދުކޮޅަށެވެ. އެހަށިގަނޑުގެ ހޫނުން ހިތާއި މެއަށް ދިރުން ގެނެސްދޭނޭ ދުވަސްތަކެއްގެ ފެށުމަށެވެ. އާދެހެވެ. ކައިވެނީގެ ހަފްލާއަށެވެ.
             އެދުވަހުގެ އިރު ދުނިޔެއަށް އަލްވަދާއުކީ ރީމާއާއި ނިޔާޒުގެ ހަޔާތުގެ އާސަފްހާއެއް ފަށައިދެމުންނެވެ. ދެމަފިރިންގެ ގޮތުގައެވެ. ކައިވެނީގެ މިއުފަލުގައި ބޭއްވި ހަފްލާ ވެގެން ދިޔައީ ދެމީހުންގެ މިއާހަޔާތުގެ، އާފެށުމަށް ގެނުވި އުފާވެރިކަމަކަށެވެ. އެއުފާވެރި ހަފްލާ ނިމުނުއިރު ރީމާ އާއި ނިޔާޒުގެ ހަށިގަނޑަށްވަނީ ވަރުބަލިކަން ވެރިކުރުވާފައެވެ. އެހެނަސް ރީމާ އިންތިޒާރު ކުރަމުން ދިޔައީ އަލަތުކައިވެނީގެ ފުރަތަމަ ރޭގެ އުފާވެރިކަމަށެވެ. ނިޔާޒުގެ އޯގާތެރި ބީހުންތަކަށެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ ރީމާ ހީކުރިގޮތަކަށް ނޫނެވެ. ނިދުނު އިރުވެސް ނިޔާޒުގެ ފަރާތުން އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. ކައިވެނީގެ ފުރަތަމަރޭ ނިމިގެން ދިޔައީ ނިދުމުގެ ކުރިން ނިޔާޒު ލޯތްބާއެކު ބުނެލި ދެތިން ބަހަކުންނެވެ.
              ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށޭ ބުނާހެން އުފަލާއި ހިންހަމަޖެހުމެކޭ އެއްފަދައިން ހިތާމައާއި ހިތްދަތިކަންވެސް ގެނުވަމުންނެވެ. ނިޔާޒާއި ރީމާގެ ކައިވެންޏަށް 3 އަހަރުވެގެން ދިޔައިރު ރީމާގެ ހިތުގައި އޮތް އުފާވެރިކަންވަނީ ހިތާމައަށް ބަދަލުވެފައެވެ. ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން ރީމާގެ ހިތްވަނީ މިލާމޯޅިވެފައެވެ. ވާނުވާނޭނގި ފެންނަމުންދާ ބަދަލުތަކުންނެވެ. ދެދަރިން ލިބިފައިވީނަމަވެސް ނިޔާޒުގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ރީމާ ބޭނުންވާފަދައިން ލިބެމުން ނުދިއުމެވެ. ގިނަރޭރޭ ނިޔާޒު ނިދަން އަންނަނީވެސް ދަންވަރު ދޭއް، ތިނެއް ޖަހާއިރުއެވެ. އަންބެއްގެ އިޙުސާސްތައް ނިޔާޒުއަށް ނޭނގޭ ކަހަލައެވެ. ނިޔާޒުއަކީ ސަރުކާރުގެ އިސްމަގާމެއްގައި ވަޒީފާ އަދާކުރަމުންދާ "ބޮޑުމުސާރަވެރި" އެކެވެ. އެހެންކަމުން ވަގުތު ނުދެވެނީ އުޅެން ޖެހޭލެއް ބުރަކުން ކަމަށްވެސް ވެދާނެއެވެ.
                ދެދަރިންގެ ހައްޤުގައި ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވި ނަމަވެސް ރީމާއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ފައިސާގެ ދަތިކަމެވެ. ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް ނިޔާޒުގެ އަތުގައި އާއިލީ ބޭނުންތަކަށް ޚަރަދުކުރާނޭ ފައިސާނެތުމެވެ. އެހެނަސް ނިޔާޒުގެ ރައްޓެހިން ބުނާގޮތުގައި އޭނާ ބޭކާރު ޚަރަދެއް ކުރާކަން އެނގިފައެއް ނެތެވެ. އަދި ހަމަމިއާއެކު އީސައަކީ ވަޒީފާގައިވެސް ހަރުދަނާ ހީވާގި މަސައްކަތްތެރި މީހެއްކަމަށް އެމީހުން ގަބޫލުކުރެއެވެ. ވާނުވާނޭނގި ހިތްދަތިކަމުގައި ދުވަސްތައް ވޭތުކުރަމުން ދިޔަ ރީމާއަށް ނިޔާޒު ކައިރީގައި އެއްވެސް ކަމަކާ ޝަކުވާކުރާކަށް ނުކެރެވެ.
                ރޭގަނޑުގެ އިރާކޮޅުގެ ވަގުތެވެ. ދެދަރިން ގޮވައިގެން ރީމާ އިނީ ޚަބަރު ބަލާށެވެ. ކިޔަމުން ދިޔަ ޚަބަރާއެކު ފެންނަމުންދިޔަ މަންޒަރުން ރީމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަންހެނެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. އޭނަގެ ފިރިމީހާ ނިޔާޒުއަކީ އެފަދަ މީހަކަށް ވާނޭކަމަކަށް ރީމާއަށް ގަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ. ނަމަވެސް ހަގީގަތް ޖެހޭނީ ގަބޫލުކުރާށެވެ. " ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި މާލޭގައި ސްޕާތަކުގެ ނަމުގައި ހިންގަމުންދާ ނާސިގެތަކެއް ހޯދައިފި " ޓީވީން ކިޔަމުން ދިޔަ މިޚަބަރާއެކު އެނާސިގެތަކުން އަތުލައިގަތް ފަރާތްތަކުގެ ނަން ފޮޓޯއާއެކު ގެނެސްދެމުން ދިޔަ މަންޒަރު ރީމާގެ މޫނުމަތީގައި ފަށްފަށްވަމުން ދިޔައެވެ.
               ނާސިގެތަކުގައި ފާހިޝް އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް ކުށްސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރެވުނު މީހުންގެ ތެރޭގައި ނިޔާޒުވެސް ހިމެނުނެވެ. ރީމާ ވޭތުކުރަމުން އައި ހިތާމަވެރި ޚަޔާތް އެއަށްވުރެ ހިތާމަވެރިވީއެވެ. ދަރިންކޮޅު ނިކަމެތިވީއެވެ. ދިރިއުޅުމަށްޓަކާ ގަނަތެޅެން ރީމާއަށް މަޖުބޫރުވީއެވެ. ރީމާގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. ރީމާ ކައިވެނި ކުރީ އޭނާ ދެކެ އިންތިޙާއަށް ލޯބިވާ، ފައިސާވެރިއަކާއެވެ. ތަނަވަސް އުފާވެރި ދިރިއުޅުމަކަށް އުންމީދުކޮށްގެންނެވެ. ނަމަވެސް ރީމާއަށް ވަފާތެރި ނިޔާޒުއަކީ ފާހިޝް އަމަލު ހިންގާ މީހަކަށްވުމުން ނޭނގި ހުރެ ބޭވަފާތެރިއަކަށް ވީއެވެ.
              


=======================================

މަޢާފް
( ދެވަނަ ބައި )
ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )             
                            
   މޫސަ އައިސް އެންމެ ފުރަތަމަ ވާހަކަދެއްކީ ނަޢުޝާދު އާއެވެ. "މީގެފަހުން މަގޭ ދަރިފުޅާއެކު ހުއްޓައި ފެނިއްޖެނަމަ ދުވަސް ދުއްވާލާނަން. ހަނދާންކުރާތި! އަދި ނިރާޝާއަކީ ނަޢުޝާދުގެ ހަޔާތުގައި ދިމާވެފައިވާ މީހެއްކަންވެސް ހަނދާން ނައްތާލުން ބުއްދިވެރި." މިހެންބުނުމަށްފަހު ނިރާޝާގެ އާދޭސްތަކަށް ބީރުކަންފަތެއްދެމުން، މޫސަ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ އަތުގައިހިފާ ރަނބިކޫއްތަމުން ކަހަލަގޮތަކަށް ގެންގޮސް ގެއަށް ވެއްދިއެވެ.
 އެދުވަހަށްފަހު ދެމީހުންގެ ބައްދަލުވުންތައް މުޅިންހެން މެދުކެނޑިގެން ދިޔައެވެ. އެހެންނަމަވެސް ފޯނުގެ އެހީގައި ދެމީހުންވެސް އެކަކު އަނެކެއްގެ ހާލުއަހުވާލު ބަލަމުން ގެންދެއެވެ. ކެމްޕެއިންގެ ފޯރި ގަދަވަމުން ދިޔަ ދުވަސްވަރެވެ. މޫސައާއި ޒާހިޔާ ލ. އަތޮޅަށް ދިޔުމުގެ ތައްޔާރީތައް ވަމުންދިޔައެވެ. އެހެންނަމަވެސް ނިރާޝާ ގޭގައި ގެންގުޅޭ ނޯކަރު މީހުންނާއި ހަވާލުކޮށްފައި ދާން ޖެހިލުންވިއެވެ. އެހެނަސް އެނޫންގޮތެއް މިއަދު އެދެމަފިރިންނަކަށް ނެތެވެ. މޫސަގެ އާއިލާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. އަދި ޒާހިޔާގެ އާއިލާ ދިރިއުޅެނީ ލ.އިސްދޫގައެވެ. ޒާހިޔާގެ ބައްޕައަކީ އިސްދޫއަށް އުފަންމީހެކެވެ.
  މޫސަގެ ދެމަފިރިން ލ.އިސްދޫއަށް ހިނގައްޖެއެވެ. މިހާރުގޭގައި އުޅެނީ ނިރާޝާއާއި އެގޭގައި ގެންގުޅޭ ނޯކަރުންނެވެ. އެހެންކަމުން މިއީ ނިރާޝާއާއި ނަޢުޝާދުއަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ. އެދުވަހުންފެށިގެން ދެލޯބިވެރިން އެއްވެސް ބިރެއްނެތި ނިރާޝާގެ ގޭގައި ބައްދަލުކުރަމުން ދިޔައެވެ. މިގޮތުގައި ދުވަސްތައް ފާއިތުވެގެން ދާގޮތްވެސް އެދެ ލޯބިވެރިންނަކަށް ނޭގެއެވެ. އެކުގައި ގިނަވަގުތުތައް ހޭދަކުރުމަށް ފުރުޞަތުތައް ފަހިވެގެން ދިޔައީއެވެ. އެހެންކަމުން ނަޢުޝާދު ގިނަވަގުތު އުޅެމުންދަނީވެސް ނިރާޝާގެ ގޭގައެވެ. ނިރާޝާއާއެކުގައެވެ. ސުކޫލަށް ގޮސްއުޅެނީ އެކުގައެވެ. ހިތްހަމަ ޖައްސާލުމުގެ ގޮތުން ރެސްޓޯރެންޓްތަކާއި ޕާރކުތަކަށްވެސް ދެމީހުން އެކުގައި ގޮސް އުފަލުގައި ދުވަސްތައް ގުނަމުން ދިޔައެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެން އަންނާއެޔޭ ބުނާބީދައިން ނިރާޝާއާއި ނަޢުޝާދުގެ ހަޔާތުގައި ކަންތައްތައް ހިނގަމުންދިޔައެވެ.
  މޫސަގެ ދެމަފިރިން އެބުރި މާލެއައީ އޭގެ ދެހަފްތާ ފަހުންނެވެ. އެބުރިއައި އިރު ނިރާޝާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރިކަން ދެމީހުންނަށްވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި ގޭގައި އުޅޭ ނޯކަރުންގެ ގާތުގައި އަހާ އޮޅުމެއްވެސް ނުފިލުވައެވެ. އެއީ ނިރާޝާގެ މޫނުމަތިން ފެންނަށް އެހުރި ހިނިތުންވުމުގެ ސިއްރަކީ ކޮބައިކަން އެދެމަފިރިންނަށް ރަނގަޅަށް އެނގޭތީއެވެ.
   އޭގެ ދެހަފްތާފަހުން އަނެއްކާވެސް މޫސަގެ ދެމަފިރިން ލ. އަތޮޅަށް ދާން ފުރައިފިއެވެ. ނިރާޝާއާއި ނަޢުޝާދުއަށް ބަހާރުމޫސުން އަލުން އައީއެވެ. ކުރިއެކޭ އެއްފަދައިންނެވެ. މިފަހަރު މޫސަގެ ދެމަފިރިން ލ. އަތޮޅުގައި މަހެއްހާ ދުވަސް ހޭދަކުރިއެވެ. އެއަސްފަހު އެނބުރިއައިއިރު ކުރިން ފެނުނު އުފާވެރިކަން މިފަހަރުވެސް ފެންނަށް ހުއްޓެވެ. ސަބަބު އެނގޭތީ މިފަހަރުވެސް އެކަމާއި ގުޅޭ ގޮތުން ކުރިއެކޭ އެއްފަދައިން އެކަކުވެސް ސުވާލެއް ނުކުރެއެވެ.
  ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނިރާޝާއަށް ގޮތްތަކެއް ވާހެން ހީވާންފަށައިފިއެވެ. ކާއެއްޗެއްގައި މީރުރަހައެއް ނުލުމާއި ، މޭނުބައި ކުރުމާއި ، ބޯއެނބުރުމާއި ، ހޮޑުލެވުމުގެ އިތުރުން، ހުތް އެއްޗެހި މާގިނައިން ކެވެން ފަށައިފިއެވެ. އެހެންކަމުން މިވާހަކަތައް އެންމެ ފުރަތަމަ ނިރާޝާ ކިޔައިދީފައިވަނީ ނަޢުޝާދު އަށެވެ. ތަޞައްރަފު ފުރިފައިވާ ދެމީހުންކަމަށް ވުމާއެކު މިވާގޮތްތަކަކީ ކޮބައިކަން ނިރާޝާއަށްވަމުންދާ ގޮތްތަކުން ދެކުދިންނަށްވެސް ދެނެގަނެވުނެވެ. ސުކޫލުން ދިމާވާ ހުރިހާ ވަގުތުތަކެއްގައި ދެމީހުން އެކުގައި މިކަމާގުޅޭ ގޮތުން ތަފާތު އެކިގޮތްގޮތަށް މަޝްވަރާ ކުރެވުނެވެ. އެހެންނަމަވެސް ކުރެވިފައިވާ ފާފަ ދުނިޔެއަށް ފާޅުނުކޮށް ހުއްޓުވުމަށްޓަކައި އިތުރުއެހެން ފާފައެއް ކުރުމަށް ދެކުދިން އެއްގޮތަކަށްވެސް ނޭދެއެވެ. ނަޢުޝާދުއާއި ނިރާޝާއަށް ކައިވެނި ނުކުރެވުނު ކަމުގައިވިޔަސް އެދެމީހުންގެ މިލޯބީގެ ނިޝާން ދުނިޔެއަށް އުފަންކޮށް އެދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ނިންމިއެވެ. އަދި މިފަދަކަމެއް ނިރާޝާގެ ބައްޕަގެ ކެމްޕެއިން ދުވަސްވަރާއި ދިމާކޮށް ކުރިމަތިވުމުން، މިގުޅުމާމެދު ފަހަރުގައި ރުހިދާނެ ކަމަށްވެސް ދެމީހުން ޤަބޫލުކުރިއެވެ. އެހެންނަމަވެސް މިވާހަކަތައް ނިރާޝާގެ މައިންބަފައިންނަށް ކިޔައިދޭނެ ހިތްވަރެއް އޭނާގެ ގަޔަކުނެތެވެ. އެހެންކަމުން އެވާހަކަތައް މިދުވަސްވަރުގައި ކިޔައިނުދީ މަޑުކުރީއެވެ. ނިރާޝާގެ މައިންބަފައިންނަށް އޭނާގެ ކިބައިން ތަފާތު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެމުންދިޔައެވެ. މާގިނަވަގުތު ކޮޓަރީގައި އެކަނި ހޭދަކުރުމާއި، ކެއުމާއި ދުރުހެލިވުންފަދަ އެތައްކަންތައްތަކެއް ފާހަގަކުރެވެމުންދިޔައެވެ. ނަމަވެސް ، މިދެމެދުގައިވާ ގުޅުން މިހާރުވަނީ ވަރަށް ދުރުވެފައެވެ. ކުރީގައި އުޅެމުންދިޔަ ގޮތަށް އެއާއިލާތެރޭގައި އެއްވެސްކަމެއް ނުހިނގައެވެ. މައިންބަފައިންނާއި ދަރިފުޅާދެމެދު ކުރިން އޮތްގުޅުން މުޅީންހެން ހީނަރުވެއްޖެއެވެ.
  ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔަވަގުތެވެ. އެއްވެސްމީހެއްގެ ދުލުން ލަފުޒެއްގެ މިންވަރުވެސް ބޭރުނުވެއެވެ. ކުއްލިއަކަށް ނިރާޝާއަށް އޯކަށް ދެމޭކަހަލަ ގޮތެއްވާހެން ހީވުމުން ދެފަޔަށް ބާރުލާ ދުވެފައި ދިޔައީ ފާޙަނާއާދިމާއަށެވެ. އެވަގުތު މޫސަގެ ދެމަފިރިން ނިރާޝާއަށް ގޮވަމުން އޭނާގެ ފަހަތުން ދުވެފައި ދިޔައީ ސުވާލުންފުރިގެންވާފަދަ ގޮތަކަށެވެ. ނިރާޝާ ފާޙާނައިން ނުކުތުމުން ޒާހިޔާ އޭނާގެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ރަހުމުންފުރިގެންވާފަދަ އޯގާތެރި ގޮތަކަށް ފިރުމާލީ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ފަހުންނެވެ. އެވަގުތު ނިރާޝާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. މަންމާއޭ ކިޔާ ޒާހިޔާގެ ގައިގައި އޮޅުލައިގަނެ، މަޢާފް ކޮށްދިނުމަށް އެދެމުންދިޔައެވެ.
  ކޮންމެ މީހެއްގެ އެތެރެހަށީގައި ވިންދުޖަހަމުންދާ ހިތާއި، އިހުސާސްތަކަކީ އެހެނިހެން އިންސާނުންނެކޭ އެއްފަދައިން ތަފާތު އެކިއެކި ހާލަތްތަކުގައި ބަލިކަށިކަމާއި ގަދަފަދަކަން އިހުތިޔާރުކުރާނެ ތަކެއްޗެވެ. އެވަގުތު ޒާހިޔާއަށް ބަލިކަށިކަން އިހުސާސްކުރެވުނީ އަމިއްލަ އުފަން ދަރިފުޅުގެ ޙާލަތު އިންގޮތް އެނގި ހާމަވެގެން ދިޔުމުންނެވެ. މައިވަންތަކަމުގެ ލޮބުވެތި ފިރުމުންތަކަށް ފެންބޮވައިގެންފައިވާ ނިރާޝާ ޒާހިޔާގެ އުނގުގައި ބޯއަޅައިގެން ދެލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލަފުހެލަ އޮތެވެ. މިކަމާމެދު ޒާހިޔާގެ ހިތުގައި އަމިއްލަ ދަރިފުޅާމެދުގައި އޮތް މައިވަންތަކަމުގެ ގުޅުމުގެ ސަބަބުން، ދަރިފުޅުގެ އިހުސާސްތައް ދެނެގަތެވެ. އަދި މިކަމަކީ އެމީހުންގެވެސް އިޙުމާލުގައި ވެފައިވާ ކަމެއްކަން ވިސްނުނެވެ. އެހެންނަމަވެސް މޫސައަކަށް އެކަހަލަ އެއްވެސް އިހުސާސެއް ނުކުރެވެއެވެ. އޭނާގެ ވިސްނުން ނުވަތަ ސަމާލުކަން މިދުވަސްވަރުގައި ހުރީ ހަމައެކަނި ކެމްޕެއިންއަށެވެ. ރައްޔިތުންގެ މަޖިލީހުގެ ލ އަތޮޅުދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށެވެ.
   މޫސަގެ ރުޅިގަނޑު މައިތިރިކުރުމަށް ޒާހިޔާ މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަންވެންދިޔައީގެ ފޫނެއް ފަޔަށް ފެންފުރުން ފަދަކަމެކެވެ. ނިރާޝާއާދިމާއަށް ހަޅޭއްލަވައި އަނިޔާ ކުރަންފެށިއެވެ. އަދި ސުކޫލަށް ކިޔަވަން ނުފޮނުވައި ގެއިން ބޭރަށް ނުނިކުތުމަށް އަމުރުކުރިއެވެ. އެވަރަކުން ފުދުނީއަކީއެއް ނޫނެވެ. ނިރާޝާގެ ފޯނުވެސް އަތުލިއެވެ. ނުވިތާކަށް އިންޓަރނެޓްވެސް ކަނޑާލިއެވެ. ނަޢުޝާދުއާއި ގުޅެން ހުރި ހުރިހާ މަގެއް ބަންދުކޮށްލީއެވެ. އަދި ކެމްޕެއިންގެ ކަންތައްތައް ނިމުނުހާއަވަހަކަށް ނިރާޝާގެ އެބޯރޝަން ހެދުމަށް ނިންމިއެވެ. އެދުވަހަށްފަހު ޖަލުގައި ކުއްވެރިއަކު ގެންގުޅޭފަދައިން މޫސަ ނިރާޝާ ގެންގުޅެމުންދިޔައެވެ.
( 3 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ... )


=======================================



މަޢާފް

( ފުރަތަމަ ބައި )

ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )
             
 ބުރުހަމަ ހަނދާއި ތަރިތަކުގެ ރިހި ދޯދިން ދުނިޔެ ގިރިޓީ ކުރަމުންދަނީ ކަނޑުގެ ލޮނުގަނޑުގައި ރިހި ދޫލައެއް އަޅަމުންނެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއެކު ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ މިޔުޒިކުގެ އިތުރުން، މުޅި މާހައުލުގައިވާ ފަތްތަކުގައި ލުއިލުއި ނެށުމެއް އުފައްދާފައިވެއެވެ. އެހެންނަމަވެސް ރުއްފާތެރޭގައި ހުރި ޖޯލިފަތީގައި އިށީންދެއިން ޒާހިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އެއީ ކޮންމެވެސްކަހަލަ ބޮޑު މުސީބާތެއް ދިމާވެފައިވާ މީހެއްކަން ހާމަވަމުންދާ ކަހަލައެވެ.
 އެއީ މީގެ ތިރީހަކަށް އަހަރު ކުރިއެވެ. މޫސައާއެކުގައި ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ދުވަސްތަކެކެވެ. ޒާހިޔާއަކީ އެންމެ ޅައުމުރުން ފެށިގެންވެސް ތަނަވަސް ދިރިއުޅުމަކަށް ލޯބިކުރާ އަދި އެފަދަދިރިއުޅުމެއްގެ އިންތިޒާރުގައި ހުރި މީހެކެވެ. މާލޭގެ އެންމެ ފާހަގަކޮށްލެވޭ މަދަރުސާތަކުން ތަޢުލީމު ހާޞިލުކުރުމަށްފަހު ، ރާއްޖޭންބޭރުގެ ޔުނިވަރސިޓީތަކުންވެސް މަތީތަޢުލީމު ޙާސިލުކޮށްފައިވެއެވެ. އެއަށްފަހު، ޒާހިޔާ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ވެގެންދިޔައީ މޫސަ ފަދަ ތަނަވަސް އާއިލާއެއްގެ ކުއްޖަކާއި ކައިވެނީގެ މާތް ގުޅުމަކުން ގުޅިގެން ދިޔުމަށްފަހުގައެވެ. އެއީ ޒާހިޔާގެ ނަޞީބު އައިސް އަތުގައިހިފި ދުވަހެވެ. އާއިލާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރެވުނު މިކައިވެންޏަށްފަހު ޒާހިޔާއާއި މޫސަ އުޅެމުންދިޔައީ ވަރަށް އުފަލުގައެވެ. އެދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅު، ނިރާޝާ ބަލާބޮޑުކޮށްފައިވަނީ ދުނިޔޭގެ އެންމެ މުއްސަދިންގެ ދަރިންނާ އެއްދަރަޖައެއްޖައެވެ. އެދަރިފުޅު ބޭނުންވާ ހުރިހާކަމެއް ބުނިގޮތަކަށް ބުނިވަގުތަކު އެންމެ ހިތްހަމަޖެހޭގޮތަށް ކޮށްދީގެންނެވެ. ޒާހިޔާ އުޅުނު ދަރަޖައަށްވުރެ މަތީ ފަންތިއެއްގައެވެ. 
   މި އުފާވެރިަކަމުގައި މޫސަގެ އާއިލާ ދިރިއުޅެމުންދިޔައެވެ. މިއަހަރަކީ މޫސައަށް ވަރަށް މުޙިއްމު އަހަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ލ. އަތޮޅު ދާއިރާއަށް ކުރިމަތިލާފައިވާތީ މޫސަގެ ދެމަފިރިން ތައްޔާރުވަމުންދަނީ އެކަން ކާމިޔާބުކުރުމަށްޓަކައެވެ. އެގޮތުން ވޭތުވެދިޔައަހަރުން ފެށިގެން ކެމްޕެއިން ކުރަންފަށާފައިވެއެވެ. އެހެންނަމަވެސް އެއީ މާލޭގައެވެ. މިއަހަރަކީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ކެމްޕެއިންގެ ކަންކަމުގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރުމަށް ނިންމާފައިވާ އަހަރެކެވެ.  ހަމައެހެންމެ މިއަހަރަކީ ނިރާޝާގެ މަތީޡާނަވީ ތައުލީމުވެސް ނިމޭ އަހަރެވެ. ސެންޓަރ ފޯރ ހަޔަސެކަންޑްރީ އެޑިޔުކޭޝަންގެ ގުރޭޑު ބާރައިގެ ފަހު އިމްތިހާނު ނިންމާ އަހަރެވެ. މިދެކަންތައްވެސް އިއްތިފާގުން ދިމާވެފައި ވަނީ އެއްއަހަރެއްގައެވެ. މިކަމާ ނިރާޝާގެ މައިންބަފައިން ކިތަންމެ ދެރަވެފައި ތިބިކަމުގައިވިޔަސް ނިރާޝާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު އަބަދުމެ ފެންނަން ހުރެއެވެ. ދުވަސްކޮޅަކަށް ނަމަވެސް ބައްޕަމެން ވަކި މާހައުލަކަށް ދާންއުޅޭތީއެވެ. އަދި ލޯބިވެރިޔާއާ އެއްވެސް ހާސްކަމެއްނެތި ބައްދަލުކުރެވޭނެ ފުރުޞަތު ފަހިވެގެން ދާނެތީއެވެ.
   ނިރާޝާއާއި ނަޢުޝާދު ފުރަތަމަ ބައްދަލުވީ ސީ.އެޗް.އެސް.ސީގެ ގުރޭޑު އެގާރައަށް ވަނުމަށް އޮރިއެންޓޭޝަން ބޭއްވި ދުވަހުއެވެ. މި ބައްދަލުވުން ވެގެންދިޔައީ ދެ މީހުންނަށް ދުވަހަކުވެސް ހަނދާނުން ފުހެލަން ދަތިވި ދުވަހަކަށެވެ. އެގޮތުން އެދުވަހު ކަންތައްތައް ހިގިގޮތް ދެމީހުންގެ ސިކުނޑީގައި މިހާރުވެސް އިއްޔެ ހިނގައިދިޔަ ކަމެއްހެން ހަނދާނުގައި ހަރުލާފައިވެއެވެ. ނިރާޝާ އޭނާގެ ބައްޕަގެ ކާރު ސުކޫލުގެ ގޭޓުކުރިމަށްޗަށް މަޑުކޮށްލުމުން އަވަސްއަރުވާލައިފައި ބޭރަށް ނުކުތުމަށްޓަކައި ކާރުގެ ދޮރުހުޅުވާލި ވަގުތެވެ. ނަޢުޝާދުވެސް ސުކޫލަށް ވަންނަން ގޭޓުގެ ދޮރުން އެތެރެއަށް މިސްރާބުޖެހި ވަގުތެވެ. ނިރާޝާ ކާރުން ފޭބުމުގެ ގޮތުން ބޭރަށް އެޅިފުރަތަމަ ފިޔަވަޅު އެޅީ ކާނުގަނޑުމައްޗަށެވެ. ކަންދިމާކުރިގޮތުން ، އަރާފައި ހުރި ބޫޓުގެ ފުންނާބު ކާނުގަނޑުގައި ތާށިވެ ، މީހާ އަރިއަޅައިގެން ވެއްޓެން އުޅުނު މަންޒަރު  އެންމެ ގާތުން ފެނުނީ ނަޢުޝާދުއަށެވެ. އެހެންކަމުން އެވަގުތު ނައުޝާދު ކުޑަކަކޫ މައްޗަށް ތިރިވެ ކަހަލަގޮތަކަށް ނިރާޝާ ބިންމައްޗަށް ނުވެއްޓެނީސް ހިފެހެއްޓިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ އެވަގުތުއެވެ. އަނގައިން ބަހެއް ބޭރުކޮށްލަންވެސް ނޭނގިފައި އެކަކު އަނެކެއްގެ މޫނަށް ބަލަހަށްޓައިގެން ތިބެވުނީ ކިހާ ވަގުތަކުކަމެއްވެސް ނޭގުނެވެ. ނިރާޝާއަށް މޭރުންވެގެން ދިޔައީ އަމީނިއްޔާ ސުކޫލުގައި އޭނާއާއެކު އެންމެ އެކުވެރިކޮށް އުޅުނު ޒިހުނާއަށް އެމަންޒަރު ފެނި ނިރާޝާ އޭ ކިޔާ ވަރަށް ބާރަށް ގޮވާލުމުންނެވެ.
     ދެލޯބިވެރިންގެ ގުޅުން އިތުރަށް ބަދަހި ވެގެން ދިޔައީ އިއްތިފާގުން ދެމީހުނަށްވެސް އެއްކުލާހަކަށްދެވި ، އުފެދެމުންދިޔަ އެކުވެރިކަމަށްފަހުގައެވެ. ދެމީހުން އެކުގައި ހޭދަކުރެވޭ ވަގުތުތައް އިތުރުވަމުން ދިޔައެވެ. އެކަކު އަނެކަކުގެ ހިތް އެދޭ ކަންތައްތަކާއި ހިތްނޭދޭ ކަންތައްތައް ހިއްސާކުރެވެމުންދިޔައެވެ. މިގޮތުގައި އެއްއަހަރު ފާއިތުވިއިރު ދެމީހުންނަށްވެސް ވަނީ އެކަކު އަނެކަކާ ނުލައި އުޅެން އުނދަގޫ ކަމަކަށް ވެފައެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެކުގައި ގިނަވަގުތު މީހަކާއެކު ހޭދަކުރެވި އެމީހެއްގެ މިޒާޖުގައި ހިތްކިޔާކަހަލަ ގޮތްތަކެއް އެކުލެވިގެންވާނަމަ އެމީހަކާމެދު ފިކުރު ނުކޮށް ހުރުމަށް އުނދަގޫތަކަކާއި ކުރިމަތި ކުރުވާކަމީ ޝައްކެތްވެސް އޮތްކަމެއްނޫނެވެ. އެހެންނަމަވެސް ލޯތްބަކީ ބައެއްފަހަރު ލޯކަނު އެއްޗެއް ކަމުގައިވެސް މީހުން ބުނާތީ އަޑުއަހަމެވެ. ނިރާޝާއަށްވެސް ވެފައިވަނީ އެހެންނެވެ. ނަޢުޝާދު އަކީ ކިތަންމެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުގައި ވީނަމަވެސް އޭނާގެ ކިބައިގައިވާ އާދަޔާ ޚިލާފު ސިފަތަކުން ނިރާޝާގެ ހިތްވަނީ ލަންބުވާލައިފައެވެ. ނަޢުޝާދުގެ ހެދިހުރި ހަށިގަނޑާއި ރިވެތި އަޙުލާޤާއި ތެދުވެރިކަމާއި އީމާންތެރިކަމަކީ އޭނާގެ ކިބައިގައިވާ އެންމެ ފުރިހަމަ ސިފަތަކެވެ. އޭރު ނަޢުޝާދުގެ އަތުގައި ނިރާޝާއަށް ދެވޭނެ ހަމައެކަނި އެއްޗަކީ ލޯތްބެވެ. 
   ފުރަތަމަ ނިރާޝާގެ  އާއިލާއަށް ސިއްރުން މިގުޅުން ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް ދެމީހުންގެ މަޝްވަރާއާއެކު މައިންބަފައިންނާއި މިކަން ހިއްސާކުރުމަށް ނިންމިއެވެ. އެގޮތުން މިގުޅުމުގެ ވާހަކަ ނިރާޝާ އޭނާގެ މައިންބަފައިންގެ ގާތުގައި ބުނުމުން އެކަމާމެދު އިންކާރުކޮށް އެގުޅުން އިތުރަށް ކުރިއަށް ނުގެންދިޔުމަށް އެންގިއެވެ. އެގުޅުމާމެދު މައިންބަފައިންގެ ފަރާތުން ނުރުހޭކަން އެނގިފައިވާ ނަމަވެސް އެގުޅުން ހުއްޓާކަށް ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ. އެއަށްވުރެ ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެއެވެ. މިފަދަގޮތަކަށް ނިރާޝާގެ އާއިލާގެ ފަރާތުން ހުރަސްއަޅަމުން ދިޔަކަމުގައިވީ ނަމަވެސް ، ދެމީހުން ބައްދަލުކޮށް އުޅެނީ  މައިންބަފައިންނަށް ނޭނގޭ ގޮތަށެވެ. ސިއްރުންނެވެ.
    އެގޮތުން މިއަދަކީ ދެލޯބިވެރިން ބައްދަލުވުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. ނަޢުޝާދު ހުރީ ނިރާޝާމެންގޭގެ ވަލުދޮރާށި ކައިރީގައި ނިރާޝާގެ އިންތިޒާރުގައެވެ. އެތައް ވަގުތެއްގެ ދިގު އިންތިޒާރަކަށްފަހު ނިރާޝާ ނަޢުޝާދުއާއި ބައްދަލުކުރުމަށް ނުކުތެވެ. ނިރާޝާއަށް ނަޢުޝާދު ފެނުމާއެކު ވީއުފަލުން ދުވެފައިގޮސް ނަޢުޝާދުގެ ތަނަވަސް މޭމަތީގައި ބޯއަޅާލުމަށްފަހު ، ދުނިޔޭގެ އެއްވެސް ބާރަކަށް އެދެމެދަށް ނުވަދެވޭހާ ވަރަށް ނަޢުޝާދުގެ ގައިގައި ބައްދާލިއެވެ. އެވަގުތު ދެމީހުންގެ ލޮލުންވެސް ބޭއިޚްތިޔާރުގައި ކަރުނަ ފާއްދާލިއެވެ. ދެމީހުންގެ ލޯބިވެތި ފިރުމުންތަކަށްފަހު އިސްނަގައި ވާހަކަ ދައްކަންފެށީ ނިރާޝާއެވެ. " ނަޢުޝާދް. ވަރަށް ގިނައިރު ވެއްޖެ ދޯ މިތާ އިންތިޒާާާާރުގަ ހުންނަތާ! އަޅެ ސޮރީ އިނގޭ ވަރަށް ބޮޑަށް " ނަޢުޝާދު ނިރާޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލަމުން ބުންޏެވެ. " އެއީ އެއްވެސް ކަމެއްނޫން . ނިރާޝާގެ އިންތިޒާރުގައި އެއްއަހަރު ދުވަހު ހުންނަން ޖެހުނަސް އަހަރެން ހުންނާނަން..." އެވަގުތު ދުރުގައި މިމަންޒަރުތައް ބަލަހަށްޓައިގެންހުރި ނިރާޝާގެ ބައްޕަ މޫސަގެ ރުޅިގަނޑު އުތުރިއަރަމުންދިޔައެވެ. އައިސްފައިހުރި ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން ނިރާޝާ އޭ ކިޔާ އަޑުގެ ނެތްވަރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ނިރާޝާއާއި ނަޢުޝާދުއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.

( 2 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ...



=======================================



ކަޅު ވިލާގަނޑު

ލިޔުނީ: އާމިނަތު ނާޒުނީން / ތ.ހިރިލަންދޫ

       އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާ ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ. އޭގެ ފޮނިކަމާއި މީރުވަހުން، ދިރިއުޅުމަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމުގެ ފޮނި އުންމީދުގައެވެ. އަދި ހަމަ އެހެންމެ، މަލެއް ފޮޅި ފުރިހަމަ ވުމަށް އެޅިދާނެ ކޮންމެ ހުރަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ތައްޔާރުވެގެން ތިބޭ ހާލުގައެވެ. ނަމަވެސް އެ މާ ފަރިނުވަނީސް ފިޔަތައް މިލާ މޯޅިވެދާނެކަމަށް ހީކުރީ ކާކު ހެއްޔެވެ؟
       އަހަރެންގެ އުމުރުން ބާރަ އަހަރުގައި އަމިއްލަ ރަށް ދޫކޮށް، އަހަންނާއި އަހަރެންގެ އާއިލާ ދެވަނަ ވަޒަނެއް ޚިޔާރު ކުރަން ޖެހުނީ، ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދުމަށްޓަކައެވެ. މައިންބަފައިން އަހަންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން ބޭނުންވާތީއެވެ. އެކަމަށްޓަކައި އެމީހުން އެތަކެއް ޤުރުބާނީއެއް ވިއެވެ. ކިޔެވުމާއި ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި މަންމައާއި ބައްޕަވެސް ވަޒީފާ އަދާކުރިއެވެ. ނަމަވެސް ދެމީހުން ވަޒީފާއަށް ދާ ވަގުތު އަހަރެން ސްކޫލަށް ދާ ވަގުތާއި ދިމާވާތީ، ގޭގައި އެކަނިވެފައި ހުންނާކަށް ނުޖެހެއެވެ. މަންމަމެން އެކަމަށް ތަނެއްވެސް ނުދޭނެއެވެ. މި ހުރިހާ ކަމަކާއި އެކުވެސް، ގޭތެރޭގައި އަހަންނާ އެއް ފުރައިގެ އެހެން އެއްވެސް ކުއްޖަކު ނުހުންނަ ކަމުގެ އިޙްސާސް ބައެއް ފަހަރު ކުރަން ޖެހެއެވެ.
       ގޭތެރޭގެ މާޙައުލުގެ އިތުރުން، އަބަދުވެސް ދުވަސް ފެށިގެން ނިމެމުން އަންނަ ގޮތް ބަދަލުވެގެން ދިޔައީ، ގެއަށް އައި އިތުރު މެހެމާނެއްގެ ސަބަބުންނެވެ. އެއީ ދެބެންގެ ދެދަރި ބޭބެއެކެވެ. އަހަރެން ކިޔާ ގޮތުންނަމަ ޝާހުބެއެވެ. ބޭބެއެއްގެ ލޯތްބާއި އެކުގައި، މަޖާކޮށް ސަކަރާތް ޖަހާ ހަދާނެ މީހަކު ލިބުނީކަމަށް އަހަރެން ހީކުރީމެވެ. ރަށުގައި އުޅުނުއިރު ތަޖުރިބާ ކުރެވުނު ޝާހުބެގެ ސަކަ މިޒާޖާއި، ލޯތްބާއި އެހީތެރިކަމަކީ،  އަހަރެން ދިރިއުޅެމުން އައި އާ މާޙައުލަށް ހިތުގެ އަޑިން ބޭބެއަށް މަރުޙަބާ ކިޔަން ބޭނުންވި އެންމެ ބޮޑު އެއް ސަބަބެވެ.
       ޝާހުބެއަކީ އަބަދުވެސް އެއްޗެހި ކުރަހާ ޑިޒައިން ކުރުމަށް ވަރަށް މޮޅު، އެ ހުނަރު ލިބިފައިވާ މީހެކެވެ. ރަށުގައިވެސް އަހަރެންގެ ސްކޫލް މަސައްކަތްތަކުގައާއި، އެހެންވެސް ކުރެހުމުގެ މަސައްކަތްތަކުގައި ޝާހުބެ އަބަދުވެސް އެހީތެރިވެދެއެވެ. ބޭބެ މާލެ ބަދަލުވީ އެ ދާއިރާއިން ކޯހެއް ހެދުމަށެވެ. މިކޮޅަށް އައުމުންވެސް އަހަރެން އުންމީދު ކުރި ފަދައިން، ޝާހުބެގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އޭގެ އިތުރުން، އެކުގައި ވަރަށް މަޖާކޮށް ސަކަރާތް ޖެހުމަކީ ކުރިއެކޭ އެއްގޮތަށް އާދައަކަށް ވިއެވެ. ނަތީޖާއަކަށްވީ ގޭތެރޭގައި ކުރިން އޮންނަ އެކަނިވެރިކަން ފިލައި، ގެއަށް އުފާވެރިކަން ވެރިވުމެވެ.
       އަހަރެންގެ މައިންބަފައިން ޝާހުބެ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ބޭބެދެކެ ވަރަށް ލޯބިވެއެވެ. ފިރިހެން ދަރިއަކު ނުހުންނާތީ ކަމަށްވެސް ވެދާނެއެވެ. އަހަންނަށް ދިން ކޮންމެ އުފަލެއް ބޭބެއަށް ދިނެވެ. އަހަންނަށް ހޯދައިދިން ކޮންމެ އެއްޗެއް ޝާހުބެއަށް ހޯދައިދިނެވެ. މި މަކަރުވެރި ދުނިޔޭގެ މަޅިތަކުން ސަލާމަތް ކުރުމަށް އަހަރެން ޝާހުބޭގެ ރައްކާތެރި ކަމުގައި ބައިންދައެވެ. ގެއިން ބޭރަށް ނުކުތުމުގެ ކުރިން މަންމަ އަބަދުވެސް ބުނެއުޅޭ ދެ ވާހަކައެއް އަދިވެސް ހަނދާން ހުރެއެވެ. އަހަރެންނަށް ބަސް އެހުމަށާއި ޝާހުބެއަށް ބުނަނީ މަންމަގެ ދަރިފުޅު ރަނގަޅަށް ބެލުމަށެވެ. މަންމަ އަބަދުވެސް ބުނާ ފަދައިން، ޝާހުބެ އަހަރެން ވަރަށް ރަނގަޅަށް ބަލައެވެ. އަހަރެން ހިތުގައި ނުޖައްސައެވެ. ފޫހިވާނެ ކުޑަވެސް ވަގުތުކޮޅެއް ނުދެއެވެ. ހުރިހާ ކަމެއްގައިވެސް ނުހަނު އެހީތެރިވެދެއެވެ. ނަމަވެސް އެ ޝާހުބެ އަހަންނަށް ގެއްލުނީ އެއްރެއެއްގައި ކޮމްޕިއުޓަރުން ބޭބެ ބެލި ވީޑިއޯއަކަށް ފަހުގައިކަން އަހަންނަށް ޔަޤީނެވެ.
      އާނއެކެވެ. އެއީ މަންމައާއި ބައްޕަ ޕާޓީއަކަށް ދިޔުމަށް ތައްޔާރު ވަމުން ދިޔަ ރެއެކެވެ. އަހަރެންވެސް ޕާޓީއަށް ދާން ބޭނުންވިއެވެ. އެރޭ ބޮޑާ ހާކަމުން މަންމަގެ ފަހަތުން ހިނގި ހަނދާން މާ ރަނގަޅަށްވެސް ހުރެއެވެ. ނަމަވެސް އެރޭވެސް ކުރި ލިބުނީ މަންމައާއި ބައްޕަގެ ކޮޅަށެވެ. އޮފީސް ބައެއްގެ ޕާޓީއެއް ކަމަށާއި، ކުޑަކުދިންނަށް ބައިވެރިވެވެން  ނެތްކަން އޯގާތެރިކަމާއެކު މަންމަ ވިސްނައިދިނެވެ. މިފަހަރުވެސް އަހަރެން ގާތުގައި ބަސް އެހުމަށް ބުންޏެވެ. އަދި އެނބުރި އަންނައިރު އައިސްކްރީމް ތަށްޓެއް ގެނަސްދިނުމަށް ވަޢުދުވިއެވެ. މަންމަގެ ދެވަނަ ބަސްކޮޅު ޝާހުބެއަށް އަމާޒުކުރި ހަނދާންވެސް ވެއެވެ. ކޮމްޕިއުޓަރަށް ގެއްލިފައި އިން ޝާހުބެއަށް ޖަވާބުގައި ބުނެވުނީ ހަމައެކަނި 'ހޫނ' އެކެވެ.
      މަންމަމެން ނުކުމެގެން ދިޔަ މަންޒަރު ބަލަން، ގެއްލިފައި އިރުކޮޅަކު އަހަންނަށް އިނދެވުނެވެ. އެވަގުތު ގޮތް ނޭނގޭ އިޙްސާސެއް ކުރުވިއެވެ. ސަބަބެއް ނޭނގޭ ހިތް ނުތަނަވަސް ވުމެއް ވެރިވިއެވެ. އިރުގަނޑަކު އެހެން އިނުމަށްފަހު، އަހަރެން ޝާހުބެ ގާތަށް ދިޔައީ ފޫހިވާތީއެވެ. ނަމަވެސް ބޭބެގެ ސަމާލުކަން އަހަންނަށް ލިބޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރުވެސް ހަމަ އެގޮތަށް މަސައްކަތް ކުރީމެވެ. އަދި ޝާހުބެއާއެކު ކޮމްޕިއުޓަރު ކުޅެން ބޭނުންވާ ވާހަކަ ބުނީމެވެ. އަހަރެންގެ މަސައްކަތް ކާމިޔާބު ނުވާނެކަން އަހަންނަށް ޔަޤީންވީ، ކޮމްޕިއުޓަރުން އެވަގުތު ޝާހުބެ ބަލަމުން ދިޔައީ ކުޑަކުދިން ބަލާ ކަހަލަ އެއްޗެއް ނޫން ކަމަށާއި، ދެން ނިދަން ދިޔުމަށް ޝާހުބެ ބުނުމުންނެވެ. އެވަގުތު ތަފާތު ގިނަ ސުވާލުތަކެއް ހިތު ތެރޭގައި އުފެދުނެވެ. ޝާހުބެ އެހެން އެބުނީ ކީއްވެ ހެއްޔެވެ؟ ކުޑަކުދިން ވީމައި ނުބަލަންވީ އެއްޗެއް އޮވޭ ހެއްޔެވެ؟ އެހެންނަމަ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ނިދަން ދިޔައިރު މި ހުރިހާ ސުވާލުތަކެއް ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ.
       އެރޭ ނިދާފައި އޮވެފައި، އަހަންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުނެވެ. އެވަގުތު ހައިރާން ކުރުވަނިވި ދެކަމެއް ފާހަގަ ކުރެވުނެވެ. އާދަޔާ ޚިލާފަށް އަހަރެން ހިއްލާފައި ހުރި ދަލާއި، ކޮޓަރި ތެރެއިން އެއްވެސް އެއްޗެއް ނުފެންނަ ކަމެވެ. ނިދުމުގެ ކުރިން ނިދާ ބޮކި ދިއްލުމަކީ، ދުވަހަކުވެސް އަހަރެން ހަނދާން ނެތުނު ކަމެއް ނޫނެވެ. ވީއިރު، އެރޭ ކޮޓަރިތެރެ އަނދިރިކޮށް އޮންނަންވީ ސަބަބެއް ނޭނގުނެވެ. ދެން އަހަންނަށް ވިސްނާލެވުނީ، ހޭލެވުމުގެ ކުރިން އަހަންނަށް ފެނުނު ހުވަފެނާއި މެދުގައެވެ. މަންމައާއި ބައްޕައާއި އެކު، އަހަރެން އަތިރިމަތީގައި ހިނގަމުން ދިޔައީމެވެ. އެވަގުތު ލޮލުގައި އަޅައިގަތީ، ދުވަހަކުވެސް ނުދެކޭފަދަ ރީތި، އެކި ކުލަކުލައިން ދަޅައަރާ ބޮއްޔެކެވެ. އަހަރެން މަޑުޖެހިލީ އެ ބޮލި ނެގުމަށްޓަކައެވެ. ކުއްލިއަކަށް އެއިން ފައިތަކެއް ނިކުމެ އަހަރެންގެ އަތުގައި ތަތްކޮށްލިއެވެ. އަދި ވެލިގަނޑުގެ ތެރެއަށް އަހަރެން ދަމައިގަތެވެ. މަޑު ހިނގުމެއްގައި މަންމައާއި ބައްޕަ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައިރު، އެމީހުންނަށް އެކަމުގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން ވެލިގަނޑުގެ ތެރެއަށް ވަންނަމުން ގޮސް، އިރުކޮޅެއް ފަހުން ނޭވާ ހާސްވާން ފެށިއެވެ. ހޭލެވުނުއިރު ހިއްލާފައި ހުރި ދަލުގެ އަސްލަކީ، އެ ހާސްކުރުވަނިވި ބިރުވެރި ހުވަފެންކަން އެވަގުތު ވިސްނުނެވެ.
      އެހެން ރެއެކެވެ. ޖަހާލި ބާރު ގުގުރިއާއެކު، އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ދެލޮލުން ނިދީގެ އަސަރު މުޅިން ކެނޑިގެން ދިޔައެވެ. ކުރިން ރެއެކޭ އެއްގޮތަށް އެރޭވެސް ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. މެދު ކެނޑުމެއްނެތި ފުރާޅުން އިވެމުން ދިޔަ އަޑުން، ވާރޭ ވެހެމުން ދާކަން އަންގައި ދިނެވެ. މުޅި ގޭތެރެވަނީ އެ އަޑުން ގުގުމާލާފައެވެ. ކުއްލިއަކަށް ވިދާލި އަލިގަދަ ވިދުވަރާއެކު، އަލަމާރި ކައިރިން މީހެއްގެ ސޫރަ ސިފަވިހެން ހީވިއެވެ. ގަތް ބިރުން އިން ތަނުން ތެދުވާކަށް ނުކެރުނެވެ. އިރުކޮޅަކު އެހެން އިންދާ، އަނެއްކާވެސް މީހެއްގެ ހިލަމެއް ވީހެން ހީވިއެވެ. އަހަރެންގެ މޭގަނޑު ތެޅެން ފެށިއެވެ. ގައި ހުރި ވަރެއް ލާފައި، އަޑުގެ ނެތް ތަނަށް ހަޅޭއްލަވަން އަނގަ ހުޅުވާލިތަނާ، އެ މީހަކު އައިސް އަހަރެންގެ އަނގަމަތީގައި ވަރަށް ބާރަށް އަތް އެޅިއެވެ.
       ނޭފަތުގައި ޖެހުނު ސެންޓުގެ ވަހާއި އެމީހެއްގެ އަތުގެ ބީހުމުން، އެއީ ކާކުކަން އަހަންނަށް މާ ރަނގަޅަށްވެސް ޔަޤީންވިއެވެ. އާނއެކެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެންގެ ޝާހުބެއެވެ. ބޭބެގެ އެ އާދަޔާ ޚިލާފު، ހައިރާން ކުރުވަނިވި ހަރަކާތުން އަަހަރެންގެ ހިތަށް ނޭނގޭ ކަހަލަ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. މެއަށް ފިނިވާން ފެށިއެވެ. ކުރާނެ ކަމެއް އަދި ހަދާނެ ގޮތެއްވެސް އަހަރެންގެ އެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ.
       ޝާހުބޭގެ އަތް އަހަރެންގެ ހަށިގަނޑުގެ އެތަން މިތާނގައި ހަރަކާތްކުރަން ފެށިއެވެ. ވާން އުޅެނީ ރަނގަޅު ކަމެއް ނޫންކަން އަހަރެންގެ ހިތަށް ޔަގީންވިއެވެ. ޖެހިފައިވާ މަޅިން ސަލާމަތެއް ހޯދުމަށް ގަދަކަން ދައްކާލި ހިނދު، ޝާހުބޭގެ މޫނުމަތިން އެފެނުނު ކުލަވަރު އެއީ އޭގެ ކުރިން ދުވަހެއްގައިވެސް  ފެނުނުކަމެއް ނޫނެވެ. ރުޅިވެރިކަމާއި ނަފުރަތު އޭނާގެ މޫނުމަތިން ކެކި އަރަނީއެވެ. ހަމަ އެވަގުތު ބޭބެގެ އަމަލުތައް ވަލު ޖަނަވާރެއް ފަދައިން ހަރުކަށި ވެގެންދިޔައެވެ. ގުޑާލަންވެސް ނުކެރިފައި، މަރުވެފައިވާ މައްޔިތެއް ފަދައިން އެނދުމަތީގައި އަހަރެން އޮތީމެވެ. ޝާހުބެ އަހަރެންގެ ހަށިގަނޑަށް ޝިކާރަވީ ރަޙުމު ކުޑަ ބާޒެއް ފަދައިންނެވެ. އޭގެ ވަކިތަކުން އަހަރެންގެ ހަށިގަނޑުގެ ގުނަވަންތައް ޝިކާރަކުރަމުން އޭގެ ފައިދާ ލިބިގަންނަމުން ދިޔައެވެ. ވެހެމުން ދިޔަ ވާރެއާއި ޖަހަމުން ދިޔަ ބާރު ގުގުރީގައި އަހަރެންގެ ހަޅޭކުގެ އަޑު ވައިގެ ތެރެއަށް ފަނޑުވެގެން ދިޔައެވެ. ނަމަވެސް އަހަރެންގެ ނަފްސާއި ޖިސްމު އެ ވޭނީ އާހުގައި އަނދަމުން ދިޔައެވެ.
      އެއީ އަހަރެންގެ ޝާހުބެއެވެ. މަންމަމެން ދަރިއެއް ކަމުގައި ދެކުނު އަދި އަހަރެން ބޭބެއެއް ފަދައިން ލޯބިވި ޝާހުބެއެވެ. ލޯބީގެ ބަދަލު ލޯބިން ނުލިބެނީ ކީއްވެ ހެއްޔެވެ؟ ވަފާތެރިކަމުގެ ބަދަލު ވަފާތެރިކަމުން ނުލިބެނީ ކީއްވެ ހެއްޔެވެ؟ މަންމަ ޝާހުބެއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ. އެ ތޫފާނީ ރޭގައި އަހަރެންގެ އިއްޒަތާއި އަބުރު ނަގާލިއިރު، ބޭބެގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. އެ ބިރުވެރިކަން އަހަރެންގެ ހިތުން ދުވަހަކުވެސް ފިލާ ނުދާނެއެވެ. ޙަޔާތުގައި ޖެހުނު ކަޅު ލައްގަނޑެއް ފަދައިން މުޅި އުމުރުގައިވެސް އޭގެ ހިތި ރަޙަ ދެމި ހުންނާނެއެވެ. އެ ކަޅު ވިލާގަނޑުން އަހަރެންގެ ދިރިއުޅުން ބަނަވީ، ދެން ދުވަހަކުވެސް އިރުގެ އަލިކަމެއް ނުލިބޭނެ ފަދައިންނެވެ.

=======================================

މާޒީގެ ފޮނި ހަނދާން

ލިޔުނީ: އާމިނަތު ނާޒުނީން / ތ.ހިރިލަންދޫ


ދުވަސް މާޒީގެ ވާ އެހަނދާން، އުޅުނު ލޯބީގެ ރަންވި ޒަމާން

          ނުވަން ދެގޮތެއް ތިލޯބީގައި، ކުރިން އުންމީދު މިލްކެއްވުން

ވިދާ ތަރިތައް އެކީ އިރު ހަނދު، އެރޭ ހެކިކޮށް ކުރީ ވަޢުދެއް

          ވެދާންދެން މަރު ތިބާއާއެކު، އުޅެން ލޯބިން ނުވާ ދެގޮތެއް

ހިތާ ޖާނާ އެކީ ހިބައިން، ކުރީ ޤުރުބާން ތި ޖާދޫގައި

          އިތާގެ މުތެއް ކަމަށް ހިތަމުން، ނުހަނު މަތިވެރިވި އިއްޒަތުގައި

ހުވާތައް އޭރުކުރި ގިނަގުނަ، ކޮބާހޭ އަދު ހަނދާން ނެތްހޭ

          ފަވާލި އެނަން މިއަދު ފަނޑުވީ، މަގޭ އެއްވެސް ކުށެށް ވޭހޭ

2 comments:

  1. This is a Lhen written by my Diploma in Teaching Dhivehi Language Course Class mate Aminath Naxnee..
    This is really a great work and thank u nax. I wish u all the best in this field.

    ReplyDelete
  2. Its really true,,,, but it shown a broken hearts voices for us................ life is soap ball..?????????????????

    ReplyDelete

Comment