This news is copied from the above link
މުއްރަތާއި ހަނާ މަރަން ހުކުމްކޮށްފި
މުއިއްޒު އިބްރާހިމް
- މުއްރަތާއި ހަނާ ކްރިމިނަލް ކޯޓަށް ގެންދަނީ -- ހަވީރު ފައިލް ފޮޓޯ
މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލިކަމުގެ ކުށުގައި މުއްރަތާއި ހަނާ މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނަޖީބު މަރާލި މައްސަލާގައި "ގަސްދުގައި މީހަކު މަރާލުމުގެ" ކުށުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ށ، ގޮއިދޫ، ރިހާބް، ފާތިމަތު ހަނާއާ މ، މަސްރޫރާ، އަހުމަދު މުއްރަތުގެ މައްޗަށެވެ. އެ ދެ މީހުންވެސް ވަނީ ނަޖީބު މަރާލި ކަމަށް އިއުތިރާފްވެ އެކަންކުރި ގޮތް ޝަރީއަތުގައި ކިޔައިދީފަ އެވެ.
އެ މައްސަލާގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ވިދާޅުވީ ނަޖީބު މަރާލިކަމަށް އެ ދެ މީހުންވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނާ އިއުތިރާފް ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ނަޖީބުގެ ހުރިހާ ވާރިސުންވެސް ބުނެފައިވަނީ ނަޖީބުގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު ކަމަށެވެ. އަދި މުއްރަތާއި ހަނާ ރައްޔިތުންގެ ކުރިމަތީގައި ގަތުލުކޮށްދިނުމަށްވެސް އެ މައްސަލާގެ އަޑުއެހުމެއްގައި ނަޖީބުގެ ވާރިސުންގެ ތެރެއިން ލަންކާގައި ހުރި ދަރިއަކު ގާޒީގެ ކިބައިން އެދިފައި ވެއެވެ.
ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ އެ ދެ މީހުންގެ ދައުވަތަކަށް އެ ދެ މީހުން ދިރިއުޅޭ މަސްރޫރާގެއަށް ނަޖީބު އައި ކަމަށެވެ. އައުމުން ގޮނޑިއެއްގައި ބެއިންދުމަށްފަހު ނަޖީބުގެ އަތާއި ފައިގައި ޓޭޕް އަޅާ ބަނދެފައިވާ ކަމަށާއި ނަޖީބުގެ ލޯ މަތީގަޔާއި އަނގަމަތީގައިވެސް ޓޭޕް އެޅި ކަމަށް ބުނެފައި ވެއެވެ. އަދި ނަޖީބު އަޑުގަދަކުރަން ފެށުމުން މުއްރަތު އައިސް ނަޖީބުގެ ކަރަށް ވަޅި ހަރާ މަރާލީ ކަމަށް ދައުވާގައި ބުނެއެވެ.
ނަޖީބު މަރާލިގޮތް ކިޔައިދެމުން އެ ދެ މީހުންވެސް ބުނެފައިވަނީ ނަޖީބު މަރާލާފައިވަނީ އެމީހުންގެ ދައުވަތަކަށް އެ ދެ މީހުން ދިރިއުޅޭ މަސްރޫރާގެއަށް ނަޖީބު އައިސް ހަނާއާ "އެހެންކަހަލަ ގުޅުންތަކެއް" ބާއްވަން އުޅޭތީ އެކަމާ ރުޅިއައިސްގެން ގޮނޑިއެއްގައި ބަނުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް ނަޖީބު މަރާލީ މުއްރަތު ކަން އެ ދެ މީހުންގެ ވާހަކަތަކުންވެސް އެނގެން އޮވެއެވެ.
މުއްރަތު ބުނެފައިވަނީ ނަޖީބު މަރާލީ އޭނާ އަޑުގަދަކުރަން ފެށުމުން އެކަމާ ރުޅިއައިސްގެން ކަމަށާއި އޭރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މަސްތުވާތަކެތި އޭނާ ބޭނުންކޮށްފައިވަނީ އަމިއްލަ އިޙްތިޔާރުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.
ހަނާ ބުނެފައިވަނީ ނަޖީބު މަރާލުމުގައި އޭނާގެ ރޯލަކީ ހަމައެކަނި ނަޖީބު ބަނުމުގައި އެހީތެރިވެދިނުން ކަމަށާއި އަދި ނަޖީބު މަރާލާފައިވަނީ އޭނާ ރާ ބޮއިގެން ނިދާފައި އޮއްވާ ކަމަށެވެ.
އެހެން ނަމަވެސް މުއްރަތު ބުނެފައިވަނީ ނަޖީބު މަރާލުމުގައިވެސް އަދި ގޮނޑީގައި ބަނުމުގައިވެސް ހަނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ ހުރިހާކަމެއް ކުރީ އޭނާ އަމިއްލައަށް ކަމަށެވެ. އެހެން ނަމަވެސް ނަޖީބު މަރުވިކަން ހަނާއަށް އެނގޭނެ ކަމަށް މުއްރަތު ބުނެފައި ވެއެވެ.
ނަޖީބު މަރާލުމުގެ ކުރިން އޭނާގެ ކޭޝް ކާޑާއި ޕިން ނަމްބަރު އަތުލި ކަމަށާއި އެއިން ދެ ފަހަރެއްގެ މަތިން 4،000ރ. ނެގި ކަމަށް މުއްރަތު ބުނެފައި ވެއެވެ. އަދި އެ ފައިސާއިން މަސްތުވާތަކެއްޗާއި ސިގިރެޓް ގަތް ކަމަށާއި އަދި ނަޖީބު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ލުމަށް ޑަސްބިނެއް ގަތީވެސް އެ ފައިސާއިން ކަމަށް މުއްރަތު ބުނެފައި ވެއެވެ.
މުއްރަތާއި ހަނާގެ ވާހަކަތަކުންވެސް އެނގޭގޮތުގައި ނަޖީބު މަސްރޫރާގެއަށް އައިސްފައިވަނީ އެ ގެ ބެހުމުގެ މައްސަލައަކާއި މުއްރަތުގެ މަންމަގެ އެކައުންޓުން ފައިސާތަކެއް މަދުވި މައްސަލައެއް ކޯޓަށް ހުށަހަޅަން މަޝްވަރާކުރަން ކަމަށެވެ.
ހަނާއާ މުއްރަތުގެ ދައުވާއަށް އިއުތިރާފްވިޔަސް ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ.
ނަޖީބުގެ މަރުގެ މައްސަލާގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވިތާ ހަ ގަޑިއިރު ނުވަނީސް ވަނީ އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާ އެ ދުވަހު ޝަރީއަތް ފަށާފަ އެވެ. ނަޖީބު މަރާލި މައްސަލާގައި ޝަރުއީ ދާއިރާއިންވަނީ ސުކޫތެއްވެސް ގެނެސްފަ އެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމާ އެކަންކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުންނާއި ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ގޮވާލާފައި ވެއެވެ.
ނަޖީބުގެ ހަށިގަނޑު ފެނިފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަސްރޫރާގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިން ނެވެ.
No comments:
Post a Comment
Comment