Monday, March 19, 2012

Waheedh ge Riyaasy Bayaan


==================================
Source: www.presidencymaldives.gov.mv
============================== 

ރިޔާސީ ބަޔާން 2012


بسـم اللَّه الرّحـمٰـن الـرّحيـم

اَلحْمْـدُ لِلّـهِ رَبّ العَـالَمِـينوَالصّـلاة وَالسّلام علـى محـمَّدٍوعلى آلـه وصحبـه أجمعـين.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް،
الســّلام عليــكم ورحـمــة اللّـه وبـركاتـه،
އަޅުގަނޑު މިއަދު ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއައީ، ޤާނޫނުއަސާސީގެ 


84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ކަންތައްތައް އެކުލެވޭ ބަޔާން ދަންނަވާލުމަށް.
ޢިއްޒަތްތެރި ރައީސް،
އަޅުގަނޑު އެންމެ ބޮޑު އިސްކަމެއްދޭނީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރަމުން ގެންދިޔުމަށް. ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް އަޅުގަނޑު ނުހިންގާނެކަމުގެ ޔަގީންކަމާއި، ޢަދުލު އިންޞާފުގެ ބާރަށް އަޅުގަނޑު އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން، މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަރުވަން. ހަމައެއާއެކު ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މިނިވަންކަންދީފައިވާ އެއްވެސް މުއައްސަސާއަކަށްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން އަރުވަން. ހަމަ މިނޭވާގައި، ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެއްވެސް ފަރާތަކަށް އަމުރު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވަން.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމާއެކު، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބަޔަކު ނުކުމެ، ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތައްވަނީ ހިންގާފައި. ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގި ޙަރަކާތްތަކުގައި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ބައެއް ޢިމާރާތްތަކުގައި ހުޅުޖަހައި، ވަރަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައި. އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އައްޑުއަތޮޅާއި ހުވަދުއަތޮޅުގައި ޝަރުޢީ ކޯޓުތަކަށާއި، ރަށު ކައުންސިލްތަކަށާއި، އެތަންތާނގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަނަށާއި، އަމިއްލަ މީހުންގެ މުދަލަށާއި ގެދޮރަށާއި ފުލުހުންގެ އިދާރާތަކަށް ލިބުނު ގެއްލުންތަކުގެ މާލީ އަގު، ސަތޭކަ އަށްޑިހަ މިލިއަނަށްވުރެ މައްޗަށް އަރާނެކަމަށް އަންދާޒާ ކުރެވޭ. އަދި އިޢާދަ ނުކުރެވޭނެފަދައަކުން ގެއްލިގެން ގޮސްފައިވާ އައްޑުއަތޮޅު ރައްޔިތުންގެ ޝަރުޢީ އަރުޝީފުގެ ގެއްލުމުގެ އަގަކީ، މާލީ އެއްވެސް ހިސާބަކުން ވަޒަން ކުރެވޭނޭ ގެއްލުމެއް ނޫން.
މި ދެންނެވި ޢިމާރާތްތައް އަލުން ޢިމާރާތް ކުރެވެންދެންވެސް ވަގުތީ ޢިމާރާތްތަކުގައި ވީހާވެސް އަވަހަކަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކުރުމަށް މިގެންދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު މާގިނަ ދުވަސްތަކެއްނުވެ، އެތަންތަން އަލުން ޢިމާރާތް ކުރުމުގެ މަސައްކަތްތައް ފެށޭނެ.
ޢިއްޒަތްތެރި ރައީސް،
2008 ވަނަ އަހަރު ދިވެހިރައްޔިތުން ބަލައިގަތް ޤާނޫނުއަސާސީގެ ފައިދާ، ދިވެހިރާއްޖެއަށް ކުރާނީ އެ ޤާނޫނުއަސާސީ ތަންފީޛު ކުރެވޭ މިންވަރަކުން. ޤާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތައް ހަރުދަނާކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އުސޫލުތައް ނެގެހެއްޓުމާއި، އެ އުސޫލުތައް ދަމަހައްޓަން އުފައްދަންޖެހޭ މީހުން ތަމްރީނުކުރުމާއި، ޤާނޫނުއަސާސީ ތަންފީޛުކުރުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމުގެ މަސައްކަތުގެ ބޮޑު ބައި އޮތީ ކުރަން ޖެހިފައި. ވީމާ، މި ހުރިހާ ކަމެއް ހިމެނޭގޮތުން، ޑިމޮކްރަސީ ހަރުދަނާކުރުމުގެ މައި މަޝްރޫޢެއް މިހާރުވަނީ އެކުލަވައިލާފައި. އަދި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު މި ކަންކަން ތަންފީޛު ކުރުމުގެ މަސައްކަތް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަށާނަން.
ޢިއްޒަތްތެރި ރައީސް،
ޤައުމުގެ ސިޔާސީ މަސްރަޙުގައި، އިންތިޚާބެއްގެ ވާހަކައަކީ ދެކެވެމުންދާ ވާހަކައެއް. އެހެންނަމަވެސް، އިންތިޚާބެއް ބޭއްވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. މިގޮތުން، ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ރައްޔިތުންގެ ހަމަޖެހުން އިސްކުރަން އެބަޖެހޭ.
އެހެންކަމުން، މިވަގުތަކީ އަޅުގަނޑުމެން އެންމެން އެއްބައިވެގެން، އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ވަގުތު. ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވާ ކަންތައްތަކުގައިވެސް މަޝްވަރާގެ މޭޒުދޮށަށް އައިސް، ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރުމުގެ ވަގުތު. ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ އަވަހަށްވެސް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ، 2013 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި. އެއަށްވުރެ އަވަސް ތާރީޚެއްގައި ރިޔާސީ އިންތިޚާބެއް ބާއްވަން ބޭނުންވާނަމަ، އެކަން ކުރެވޭނީ، ރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން. އެކަމާމެދު ވާހަކަ ދެއްކުމަށް ސިޔާސީ ލީޑަރުން، އެއްމޭޒުދޮށަށް ގެނައުމަށް އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން.
ޢިއްޒަތްތެރި ރައީސް،
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ. ހަމައެއާއެކު، އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް، އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމެއް.
ހަމައެއާއެކު، ދިވެހިންގެ ޤައުމީ ރޫޙު އާލާކޮށް، ދިވެހިންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރުވައި، ދިވެހިންގެ ޤައުމިއްޔަތު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވޭނެ.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައްވަނީ އެތައް ތަނަކުން މައްޗަށް ގޮސްފައި. މިގޮތުން، މިއަހަރުގެ ޑެފިސިޓްގެ ގޮތުގައިވަނީ 3.086 ބިލިއަން ރުފިޔާ. 

11
ނޮވެމްބަރ 2008 ގައި ދައުލަތުގެ ޖުމްލަ ދަރަނި 9.9 ބިލިއަން ރުފިޔާގައި ހުރިއިރު، 2011 ވަނަ އަހަރު ނިމުނުއިރު، މި އަދަދަށް 13.3 ބިލިއަން ރުފިޔާ އިތުރުވެގެން ގޮސްފައިވޭ. މިގޮތުން، 2011 ވަނަ އަހަރުގެ ނިޔަލަށް ބޭރުގެ އެކިފަރާތްތަކަށާއި، ރާއްޖޭގެ އެކި ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ޖުމްލަ ދަރަންޏަކީ 23.2 ބިލިއަން ރުފިޔާ.
ޢިއްޒަތްތެރި ރައީސް،
2011 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބުރަވެ، 2012 ވަނަ އަހަރަށް އަންދާޒާކުރާ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްގެ ކަރަންޓް އެކައުންޓުގެ ދަރަނި، 2011 ވަނަ އަހަރާ އަޅާބަލާއިރު، 11 އިންސައްތަ މައްޗަށްދާނެ ކަމަށް ލަފާކުރެވޭ. ޖީ.ޑީ.ޕީ.ގެ ނިސްބަތުން ކަރަންޓް އެކައުންޓްގެ ދަރަނި، 2011 ވަނަ އަހަރު ހުރި 26 އިންސައްތައިން 2012 ވަނަ އަހަރު 28 އިންސައްތައަށް މަތިވާނެ ކަމަށް ލަފާކުރެވޭ. މީގެ މައިގަނޑު ސަބަބަކީ، 2012 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ނިސްބަތް އިތުރުވެ، މިކަމަށް ކުރެވޭ ހޭދަވެސް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވުން.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ހަރުދަނާ ކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ފަށާފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދުގައި މިފަދަ ވިޔަފާރިތަކުގެ ބައިވެރިވުމާއި ދައުރު ފުޅާކުރުމަށް މަސައްކަތް ކުރުމަކީ، ސަރުކާރުގެ މައިގަނޑު އެއް އަމާޒު.
ބޭރުގެ ބާޒާރުގައި، މަހުގެ އަގު ހުރި މިންވަރަށް ބަލައި، އެންމެ ރަނގަޅު އަގު، މަސްވެރިންނަށް ހޯދައިދިނުމަކީ، ސަރުކާރުގެ އެއް އަމާޒު. ދޮށީގެ މަސްވެރިކަމުގައި ބާނާމަހަށް މިހާރަށްވުރެ ބޮޑު އަގު ހޯދައިދިނުމަށްޓަކައި އެ މަސްވެރިކަމަށް މެރިން ސްޓިވަރޑްޝިޕް ކައުންސިލުގެ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް މިހާރު ހިނގަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.
ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިބިދިނުމަށްޓަކައި ވޭތުވެދިޔަ އަހަރު ދަނޑުވެރިކަމުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގިފައިވޭ.
ހައްދުންމަތީ ގަމުގައި ދަނޑުވެރިކަމުގެ ދިރާސާތައްކޮށް ދަނޑުވެރިން ތަމްރީނުކުރާނެ ޚާއްޞަ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވުމުން.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރު ކަމަށްވާއިރު، މިއަހަރު ފެށިގެން މިދިޔައީ، ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމާއެކުގައި. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ބައެއް ޤައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރުމުގެ ސަބަބުން މިވޭތުވެދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު، ބޭރުގެ ފަރާތްތަކަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށްޓަކައި ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރު މި ޞިނާޢަތަށް ހަމަޖެހުން ލިބެމުންދާކަން ފާހަގަކުރަން.
ފަތުރުވެރިކަމުގެ ޞިނާޢަތަށް މިހާރު ކުރމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށާއި، މިދާއިރާގެ ސިޔާސަތު ކަނޑައެޅުމަށް އަޅުގަނޑު ގަސްދުކުރަނީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށް.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގެ ތަޢުލީމީ ޙާލަތު މިހާރަށްވުރެ ރަނގަޅުކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި ހިނގަމުންދާނެ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައިދީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހި މުސްލިމް ޝަޚްޞިއްޔަތެއް ބިނާކޮށް، ތަޢުލީމު ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އަޅުގަނޑު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، ރާއްޖޭގެ ރައްޔިތުންނަށް އަރުވަން. އަދި ޤައުމީ މަންހަޖު ތަންފީޛު ކުރުމަށްޓަކައި މުދައްރިސުން ހުނަރުވެރިކުރުވައި، އުނގެނުމުގެ ވެށި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެވޭނެ ވާހަކަވެސް ދަންނަވަން.
ޤައުމީ އުފެއްދުންތެރިކަމާއި ފަރުދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިގަނެވޭނެ ފުރުޞަތު ފުޅާކުރުމަށްޓަކައި، މަދަރުސީ ތަޢުލީމާއި، މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުތައް ހަރުދަނާ ކުރެވޭނެ. ހަމައެއާއެކު، މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި ފޯރުވައިދެވޭ ލޯނު އެހީއާއި ސްކޮލަރޝިޕްތައްވެސް ދަމަހައްޓާނެ ކަމަށް ދަންނަވަން.
ޢިއްޒަތްތެރި ރައީސް،
ޞިއްޙީ ޚިދުމަތްތަކުގެ ޚަރަދުތައް ހަމަޖައްސައިދެވޭނެ ޤައުމީ ނިޒާމެއް އޮތުމަކީ، ސަރުކާރުން މިހާރު އެންމެބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ އެއްކަންތައް. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުރެވިފައިވާ އިންޝުއަރެންސްގެ ތަޖުރިބާތަކަށް ބިނާކޮށް އަދި އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ޞިއްޙީ އިންޝުއަރެންސް އިތުރަށް ހަރުދަނާކޮށް، މި ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ދަނީ މަސައްކަތްތައް ކުރެވެމުން.
ކޯޕަރޭޓް އުސޫލުން ޞިއްޙީ ޚިދުމަތް ދިނުމުގެ މަސައްކަތްތަކާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތާބެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާއަށް ބަލައި، ޞިއްޙީ ޚިދުމަތްތައް، އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެ.
ޢިއްޒަތްތެރި ރައީސް،
ޒުވާނުންނާއި ކުޅިވަރު ތަރައްޤީ ކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގަޔާއި، މާލޭގައި ޤާއިމު ކުރެވިފައިވާ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފެމުން ނުދާތީ، އެކަމަށްވެސް މިއަދު ޚާއްޞަ ސަމާލުކަމެއްދޭންވަނީ ޖެހިފައި. ހަމައެއާއެކު، ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ޒުވާނުންގެ މެދުގައި ކުށްކުރުން މަދުކުރުމަށް އިތުރު ޙަރަކާތްތަކެއް މިއަހަރު ހިންގޭނެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ފާސްވުމާ ގުޅިގެން، މަސްތުވާތަކެތީގެ ވަބާއިން މުޅިޤައުމު ސަލާމަތް ކުރުމަށްޓަކައި މުޅިން އާ ނިޒާމެއް މިއަހަރު ޤާއިމު ކުރެވިގެންދާނެ.
ޢިއްޒަތްތެރި ރައީސް،
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 1957 ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އަދި މިހާތަނަށް ނުފެށި ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްވެސް ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ.
ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ހުއްޓާނުލާ މިއަހަރުވެސް ކުރިއަށް ގެންދެވޭނެ. ހަމައެއާއެކު، އިތުރަށް ފެށުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުތައް، ބޭރުގެ އެހީއާއެކު ކުރިއަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރެވެމުން.
ރަށް ގިރުމާއި، ރާޅުއެރުމާއި، ފެން ބޮޑުވުމުގެ ގެއްލުމުން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ ރަށްތަކަށް އެންމެ އެކަށޭނަ، ތިމާވެށްޓާ ރައްޓެހި ފެންހިންދާ ނިޒާމަކާއި، ރަށް ގިރުމުން ސަލާމަތްކުރެވޭ ނިޒާމެއް ފަރުމާ ކުރުމުގެ މަސައްކަތް ދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ، މިއަހަރު ބައެއް ރަށްރަށުގައި އެ ނިޒާމް ތަންފީޛު ކުރެވޭނެ.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެރީގެ ޚިދުމަތްދޭ ފެރީތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްދަނީ ކުރިއަށް.
ސަރަޙައްދީ ވައިގެ ބަނދަރުތައް، އެކަށީގެންވާ ގޮތަށް ބެލެހެއްޓެމުން ނުދާތީ، ކޮންމެ ވައިގެ ބަނދަރަކަށް ވަކި ކުންފުންޏެއް އުފެއްދުމުގެ ބަދަލުގައި، ސަރުކާރުން އުފައްދާ އެއް ކުންފުންޏެއްގެ ދަށަށް ހުރިހާ ވައިގެ ބަނދަރުތައް ގެނެސް، ވައިގެ ބަނދަރު ނެތް ސަރަޙައްދުތަކަށް ސީ ޕްލޭންގެ ޚިދުމަތް ތަޢާރުފު ކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ވަނީ ފެށިފައި.
މާލެއެކޭ އެއްފަދައިން، އަތޮޅުތަކުގެ ރަށްތަކަށްވެސް އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައިދީ، އެ ޚިދުމަތް ފުޅާކުރުމަށް ސަބްމެރިން އޮޕްޓިކަލް ފައިބަރ ނެޓްވަރކެއް ޤާއިމުކޮށްގެން، އަތޮޅުތަކަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް، ހެޔޮ އަގެއްގައި ޚިދުމަތް ދެވޭނެ.
ޢިއްޒަތްތެރި ރައީސް،
ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދާއި، އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ބަލަހައްޓައި، އެތެރެއާއި ބޭރުން ޤައުމަށް ކުރިމަތިވެދާނެ ކޮންމެ ކަމަކުން ދިވެހިރާއްޖެ ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެވޭނެ. ސަރުކާރުގެ ދިފާޢީ ސިޔާސަތުގެ އަލީގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިންގުން އިތުރަށް ހަރުދަނާކުރެވި، އޭރިޔާ ކޮމާންޑްތަކުގެ އެހީގައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ.
ޑިފެންސް ޑިޕްލޮމެސީގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން، އެކުވެރި ޤައުމުތަކާއެކު ބަދަހި ގުޅުމެއް ޤާއިމުކުރެވި، މަޢްލޫމާތު ބަދަލުކުރުމަށާއި، ތަމްރީނާއި ވަސީލަތްތަކުގެ އެހީތައް ހޯދުމަށާއި، މި ސަރަޙައްދުގައި ޓެރަރިޒަމް، ޕައިރަސީ، ޕޯޗިންގ، ޑްރަގް ޓްރެފިކިންގ އަދި އިލީގަލް އާރމްސް ސްމަގްލް ކުރުންފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރެވޭނެ.
ޢިއްޒަތްތެރި ރައީސް،
ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް ކުރިއަރުވައި، ރާއްޖޭގެ އިސްލާމީ ވަޙުދަތު ދެމެހެއްޓުން. ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކޮށް، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އިސްކަންދޭނެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ، އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ރާއްޖެއިން ބޭރުން ފުރުޞަތުތައް ތަނަވަސްކޮށްދިނުން.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ކުރާ ކުދި އަދި ޖަޒީރާ ޤައުމުތަކުން އެދޭ ކަންތައްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް ރާއްޖެއިން ބާރުއަޅާނެ. ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކުގައި އެ ޤައުމުތަކުގެ ފަރާތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއިން އަބަދުވެސް އަޑުއުފުލާނެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ރާއްޖެއަކީ އެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރާނެ. އެގޮތުން، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި، ނަގަންޖެހޭ ޒިންމާތައް ނަގާނެ. 

ޢިއްޒަތްތެރި ރައީސް،
ޤައުމުގެ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ ތަރައްޤީގައި ތިޔަ ޢިއްޒަތްތެރި މަޖިލީހަކީ، ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރު. ތިންބާރު ވަކިވެފައިވާ މި ނިޒާމުގައި، ޤާނޫނު ހެދުމުގެ ބާރަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުން ފޯރުވައިދޭނެ. އަދި ހަމައެއާއެކު، ޤައުމުގެ އެކިއެކި މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޤައުމީ ޙަޔާތް ކުރިއަށް ގެންގޮސް، އެއްދުވަހުން އަނެއް ދުވަހަށް ފަސޭހަ އަދި ހަމަޖެހިފައިވާ ވެށްޓެއް ބިނާކުރުމަށްޓަކައި، މުހިންމު ޤާނޫނުތަކެއް ތިޔަ ޢިއްޒަތްތެރި މަޖިލީހަށްވަނީ ހުށަހެޅިފައި. ވުމާއެކު، މި ޤާނޫނުތައް ފާސްވެ ތަންފީޛު ކުރުމުގެ މުހިންމުކަމުގެ ވާހަކަ، ޢިއްޒަތްތެރި މެންބަރުންގެ ސަމާލުކަމަށް ދަންނަވާލަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަކީ، ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރާ ބަޔަކު ކަމުގައި ލެއްވުން. ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު އިސްކޮށް، ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން.
މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި ފައިތިލަ ސާބިތުކޮށްގެން ތިބެ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކުރުމުގެ ހިތްވަރާއި، ކެރުމާއި ސާބިތުކަން އަޅުގަނޑުމެންނަށް ދެއްވުން. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.

No comments:

Post a Comment

Comment