Tuesday, March 6, 2012

Introducing "MY STUDENTS" page..


ދިވެހި މުޖުތަމަޢުގައި ހުރި ޢިޖުތިމާއީ މައްސަލަތައް

ލިޔުނީ: ފާތިމަތު ނިޝާ / ތިޔަރަމާގެ، އދ.ކުނބުރުދޫ  (ގްރޭޑް 9، ކުނބުރުދޫ ސްކޫލް)
ކުށް އިސްލާޙުކޮށް ޝާއިޢުކުރީ: (މުޙައްމަދު ޝާހީން (ޝާންޓޭ)  -ބްލޮގްގެ މަސްޢޫލުވެރިޔާ-

          ކޮންމެ މުޖުތަމައަކީވެސް އިޖުތިމާޢީ މައްސަލަތަކެއް ހުންނާނެ މުޖުތަމައެކެވެ. އެހެނަސް އެކި ޖުމުތަމަޢުތަކުގައި އިޖުތިމާޢީ މައްސަލަތައް ހުންނަނީ އެކި މިންވަރަށެވެ. ކުރިއާ ޚިލާފަށް މިދިވެހި މުޖުތަމަޢުގައި ދުވަހުން ދުވަހަށް މިދަނީ އިޖުތިމާޢީ މައްސަލަތައް އިތުރުވެ ކުއްކުރުން އާންމުވަމުންނެވެ. މިފަދަ މައްސަލަތަކަށް ޚައްލު ހޯދައި، އަމާން މަންޒިލަކަށް ވާސިލްވުމަށް މަސައްކަތްކުރުމީ ކޮންމެ ދިވެއްސަކަށްވެސް އިންތިޙާއަށް މުޙިންމުވެފައިވާ ކަމެކެވެ. މިދެންނެވުނުފަދަ ޙައްލެއް ހޯދޭނީ، މިމުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަކީ ކޮބައިތޯ ބަލާ ދެނެގަނެގެންނެވެ.

         އިޖުތިމާޢީ ބޮޑެތި މައްސަލަތަކެއް މިދިވެހި މުޖުތަމަޢުގައި ފެންމަތިވެ، އިތުރުވަމުން ދާއިރު އެންމެ ބޮޑު މައްސަލައެއްކަމުގައި ބެލެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ހަމަބުއްދި ފިލާ ދިއުމުގެ ވަބާއެވެ. މަސްތުވާތަކެއްޗަކީ އޭގެ ސަބަބުން ސިކުނޑި އޭގެ ހަގީގީ ބޭނުމުން ދުރުކޮށް މީހާގެ ހަމަ ބުއްދި ގެއްލުވާލާ އެއްޗެކެވެ. މިކަމުގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި ކުށްތަކަށް، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަންނަނީ އަރައިގަންނަމުންނެވެ. މިފަދަ މީހުންގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އެތަކެއް މީހުންގެ ޙައްޤުތައް ގެއްލި، އުފާތަކުން މަޙުރޫމުވެ އުމުރު ދުވަހުގައި ހިތްދަތިކަމުގައި އުޅެންޖެހިފައިވާ މީހުންދަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންނެވެ. ވީއިރު އަމިއްލަ ޢާއިލާ ގޮވައިގެން ހަމަޖެހޭ ފުއްދުންތެރި ދިރިއުޅުމެއް އުޅުމަށް އެފަދަ މީހުންވަނީ ނުކުޅެދިފައެވެ.

        އިޖުތިމާޢ އެންމެ ބޮޑު މައްސަލައެއްކަމުގައި މަސްތުވާތަކެތީގެ މައްސަލަ ބެލެވިފައިވާއިރު، އެއާ ގުޅިގެން ދެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ މާރާމާރީ އިންތިހާއަށް އިތުރުވަމުން ދިއުމެވެ. މާރާމާރީގެ ސަބަބުން މިކުޑަކުޑަ މުޖުތަމަޢުގައި އުޅެންދާ މަދު މީސްކޮޅުގެ ތެރެއިން ކުށެއްނެތް އެތައް ފުރާނައެއް ދަނީ މިދުނިޔެއާ ވަކިވަމުންނެވެ. މިފަދަ ކަންކަމުގެ ސަބަބުން ދަރިން ޔަތީމުވެ އަބިން ހުވަފަތްވަމުންދަނީ މަދަކުންނޫނެވެ. މިފަދަ ގޮތްތަކަށް ދަރިން ޔަތީމުވުމުގެ ސަބަބުން، އެދަރިންގެ މުސްތަޤުބަލް ގެއްލި މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދިއުންވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.

         މަސްތުވާތަކެތީގެ މައްސަލައާއި މާރާމާރީ މިމުޖުތަމަޢުގައި ޙައްދުފަހަނަ އަޅާފައިވާއިރު، ފާޙިޝް އަމަލުތައް ކުރުންވެސް މިދިވެހި މުޖުތަމަޢުގައި ދަނީ ހަލުވިކަމާއެކު ފެތުރޭ ރޯގާއެއްފަދައިން ފެތުރެމުންނެވެ. ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަޔަށް އަރަމުންދާއިރު ﷲ ގެ ގަދަފަދަ އަޒާބު އެމުޖުތަމަޢަކަށް ހުށަހެޅިގަތުމަކީވެސް ދުރުގައިވާކަމެއް ނޫނެވެ. އަދި މިފަދަ ހުތުރުކަން ބޮޑުވެގެންވާ އަމަލުތަށްކުރެވި، ބޭޒާރުވެ މުޖުތަމަޢުން އެކަހެރިވެ ބާކީވުމުން، ހިތްހަމަނުޖެހުމުގެ ސަބަބުން ދަންޖެހި މަރުވުމާއި، ދެމަފިރިން އެކަކު އަނެކަކަށް އޮންނަ އިތުބާރުގެއްލި ޝައްކުކުރުން އިތުރުވެއެވެ. ހަމައެފަދައިން ފާހިޝް އަމަލުތައް އިތުރުވެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެނޫންވެސް ނުބައި އަމަލުތައް އިތުރުވެގެންގޮސް، ތަފާތު ވައްތަރުގެ ބަލިތައް ޖެހުމާއި، ޒިންމާ ނަގޭނެ ފަރާތެއްނެތް ކުދިން މުޖުތަމަޢުގައި އިތުރުވެ އެފަދަ ކުދިންގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ދަނީ ފިތުނަ ފަސާދަ އުފެދެމުންނެވެ.

        އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިޖުތިމާޢި މައްސަލަތަކެއް އިތުރުވަމުން ދާއިރު އެންމެ ބޮޑު މައްސަލަތަކެއްކަމަށް ފާހަގަކުރެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލައާއި މާރާމާރީއާއި، ފާޙިޝް އަމަލުތަކުގެ މައްސަލައެވެ. މިފަދަ ބޮޑެތި ޖަރީމާތައް މިދިވެހި މުޖުތަމަޢުގައި ޙައްދުފަހަނައަޅާ ދާއިރު އަޅާނުލާ ތިބުމަކީ  އިޖުތިމާޢީ މައްސަލަތައް އިތުރުވާނޭކަމެކެވެ. ވީއިރު ހުރިހާ އެންމެން އެކުގާ އަތުގުޅާލައިގެން، މިފަދަ ބޮޑެތި މައްސަލަތައް ހުއްޓުވަން މަސައްކަތްކުރުމަކީ އިޖުތިމާޢީ މައްސަލަތައް ޙައްލުވާނޭކަމެކެވެ.
                                                       
                       -- ނިމުނީ –

ނޯޓް: މިއީ އަޅުގަނޑު މުޅިން އަލަށް މުދައްރިސްކަމުގެ ތަމްރީނު ލިބިގެން އަހިސް ދިވެހިބަސް ކިޔަވައިދޭން ފެށުމަށްފަހު، އަޅުގަނޑު އުނގަންނައިދޭ ދަރިވަރުންގެ ލިޔުންތައް ހިމެނުމަށް އަޅުގަނޑުގެ ބްލޮގުން ޚާއްސަކޮށްލި ޕޭޖުގައި ހިމަނާ ފުރަތަމަ ލިޔުމެވެ. ކުރިއަށް އޮތްތާނގައި މިފަދަ ލިޔުންތައް ގެނެސްދެވޭނެއެވެ. އަޅުގަނޑުގެ މިމަސައްކަތަށް ކުނބުރުދޫ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ފަރާތުން ލިބޭ އެހީތެރިކަމާ އެއްބާރުލުމަށް އެދަރިވަރުންނަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. މާތް ﷲ އެދަރިވަރުންނަކީ ވިސްނުންތޫނު، ހުނަރުވެރި ދަރިވަރުންތަކެއް ކަމުގައި ލައްވަވާ ކާމިޔާބީ މިންވަރު ކުރައްވާށި.. އާމީން.



No comments:

Post a Comment

Comment