Friday, March 2, 2012

Agehneh Loabi



އަގެއްނެތް ލޯބި


ލިޔުނީ: އާމިނަތު ނުސްރާ / ތިޔަރަމާގެ، އދ.ކުނބުރުދޫ  (2008)

 އަހަރެން ކަލާއަށް އިންތިޒާރު ކުރީމެވެ.
  ކަލާގެ ލޯތްބަށްޓަކައެވެ.
   ވަރަށްވެސް ދިގު އެހެނަސް ފޮނި އިންތިޒާރެކެވެ.


 އަހަރެންގެ އިންތިޒާރަށް ނިމުން ގެނެސްދިނީވެސް ކަލާއެވެ.
  ބަހާރު މޫސުމުގެ ފޮނި މީރުކަމެއް ފަދައިން ކަލާ އަހަރެންގެ ހަޔާތަށް ވެރިވެގަތީމު ނޫންހެއްޔެވެ؟
   އަހަރެންގެ އުންމީދުތަށް ކުލަކުލައިން ޖަރީކޮށްދޭނެ ކަމުގައި ވަޢުދުވީމު ނޫންހެއްޔެވެ؟
    ވަކިނުވާން ކަމުގައިބުނެ އަޙުދުތައް ކުރީމު ނޫންހެއްޔެވެ؟
      ލޯބިން ލޯބީގެ ބަގީޗާގައި މީރުކަން ހިއްސާ ނުކުރަން ހެއްޔެވެ؟
       ދުވަހަކުވެސް އަހަރެން ދެރަ ނުކުރާނެ ކަމުގައި ބުނީމު ނޫންހެއްޔެވެ؟

 ކަލާތީ އަހަރެންގެ ހަޔާތަށް ވެރިވެފައިވާ ކަޅު ވިލާގަނޑެއް ފަދައެވެ.
  ކަލާގެ މަކަރާއި ހީލަތް ކުރިން އެނގުނު ނަމައެވެ.
   ކަލާތީ އަހަރެންދެކެ ލޯބިވާ ވަފާތެރިއެއް ނޫންކަން އެނގުނުނަމައެވެ.
    ކަލާތީ ރަހުމުކުޑަ ބޭވަފާތެރި ޤާތިލެއްކަން އެނގުނުނަމައެވެ.
     އަހަރެންގެ ދިރިއުޅުމުން ކުޑަނަމަވެސް ޖާގައެއް ނުދިނީމުހެވެ.
      އަހަރެންގެ ކަޅާއި ހުދުގެ ހުވަފެންތަކުގައި ކަލާގެ ތަސްވީރު ނުކުރެހީމުހެވެ.

 ކަލާދެކެ އަހަރެންވީ ތެދުވެރި ލޯބީގައި ކޮޅުފައިންޖަހާ އަހަރެން ކަލާގެ ހަޔާތުން ދުރަށް ނުލީހެވެ.
  ލޯތްބަކީ ކޮންކަހަލަ ޖަޒުބާތެއްކަން ކަލާއަށް އެނގޭނަމައެވެ.
   ވަފާތެރިކަމާއި ބޭވަފާތެރިކަމުގެ ރަހަ ކަލާއަށް އެނގޭނަމައެވެ.
    ލޯބިވާ މީހުންނާއި އަމިއްލައެދުމުން ފޯވެފައިވާ މަކަރުވެރިން އެނގޭނަމައެވެ.
     އަހަރެންވީ ލޯބީގެ ބަދަލުގައި ކަލާދިން ހަދިޔާ ހެޔޮހިތުން ޤަބޫލު ކުރަމެވެ.

  ލޯބިވާއެވެ. ދެން އަހަރެން ކަލާއަކަށް އިންތިޒާރެއް ނުކުރާނަމެވެ.
   އަހަރެން ކަލާދެކެވީ މަތިވެރި އެހެނަސް އަގެއްނެތް ލޯބީގެ ހައްޤުގައި ބުނަމެވެ.
    ކަލާއަށް އެދެނީ އުފާވެރި ބާއްޖަވެރި ޙަޔާތަކަށެވެ. ފާގަތި މުސްތަޤުބަލެކެވެ.

No comments:

Post a Comment

Comment