Monday, November 21, 2011

Nethidhiumah fahugae 2


ނެތިދިޔަފަހުންނެވެ...
(ދެވަނަ ބައި)

ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)


             އެރޭ އީނާޝްއާ ބައްދަލުކުރުމަށްފަހު ހައިޝަމް ގެއަށް އައިއިރު އޭނާއަށް ގޮތްނޭނގޭ ވަހުމްތަކެއް ކުރެވި އެތައް ސުވާލުތަކަކުން ސިކުނޑިއަށްވަނީ ބަރުވެފައެވެ. ކުރިން ގެއިން ލިބެމުންއައި ނުތަނަވަސް ކަމުގެ ބަދަލުގައި މިހާރު އެހެން ނުތަނަވަސްކަމެއް އިތުރުވެއްޖެއެވެ. ހައިޝަމް އަށް ތަކުރާރުކޮށް ވިސްނެމުންދިޔައެވެ. އީނާޝްއާ ފުރަތަމަ ވާހަކަ ދެއްކި ދުވަހު އީނާޝް ދެއްކި އާދަޔާ ޚިލާފު ވާހަކަތަކާމެދުގައެވެ. ރައްޓެހިވެގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ކަންތައް ވަމުން އައި އާދަޔާ ޚިލާފު ގޮތްތަކާމެދުއެވެ. ފުރަތަމަ 


ފަހަރަށް ހައިޝަމް އީނާޝްގެ އަތުގައި ބީހިލި ރޭގައި އީނާޝްއަށް ލިބުނު ޝޮކާއި އޭނާގެ މޫނުމަތީން ފެނުނު ބިރުގަތުމުގެ ކުލަވަރެވެ. އެކަން އެތައް ފަހަރެއްގެ މަތީން ތަކުރާރު ވެފައިވާ ވުމާމެދުގައެވެ. އަދި މިހުރިހާ ކަމަކާއެކު މިރޭ އީނާޝްގެ ބައްޕަގެ ފަރާތުން ފެނުނު މަންޒަރުތަކުން ހައިޝަމްއަށް އިތުރަށް ވިސްނެމުން ދިޔައެވެ. ޝައްކު ކުރަން ބޭނުން ނޫނަސް، ނުބައި ޝައްކެއް ހިތުގައި އަށަގަނެއްޖެއެވެ. ޖަވާބު ހޯދުމަށް ހައިޝަމް އީނާޝްއާ ކުރިހާ ސުވާލެއްވީ ބޭކާރެވެ. އެންމެ ފަހުން ހައިޝަމް އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ..
             އިރުއޮއްސި އަނދިރިވެއްޖެއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިރޭގެ މިވަގުތު ހައިޝަމް ހޭދަކުރަމުން ގެންދިޔައީ އެނދެއްގެ ދަށުގައެވެ. ތުނޑީގައެއް ނޫނެވެ. އެންމެ ލޯބިވާ އީނާޝްގެ ކޮޓަރީގައެވެ. ދޮރު ހުޅުވާލުމަށްފަހު އީނާޝް ކޮޓަރިއަށް ވަނެވެ. އަދި ފާޚާނާއަށް ވަނުމަށްފަހު ނުކުމެ އެނދުގައި އިށީންނިއެވެ. އެއާއެކު އިތުރު މީހަކު ދޮރު ހުޅުވާލިއެވެ. އީނާޝްގެ ދެލޯ ބޮޑުވެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. "ބައްޕާ ހެޔޮ ނުވާނެ... އަހަރެންނަށް ތިހެން ނުހަދާ" އީނާޝްގެ އަޑު ގިސްލުމުގެ ތެރެއިން އިވިގެން ދިޔައެވެ. "މާގިނަ ވާހަކަ ނުދައްކާ. ކަލޭ ހީކުރީ ވައްތަރެއްގެ މީހާ ގަނޑަކާ ރައްޓެހިވެގެން މަގޭ ކައިރިން ސަލާމަތް ވެވޭވޭ ކަމަށްތަ" އޭގެ ރައްދުގައި އިވިގެން ދިޔައީ ގާދިރު ހަރުކަށި އަޑެވެ.
             ތަޅުދަނޑި ވަގަށް ނަގައިގެން ކޮޓަރިއަށްވަދެ އެނދު ދަށުގައިއޮތް ހައިޝަމްއަށް މަންޒަރެއް ނުފެނުނަސް ސާފުކޮށް އަޑު އިވެމުން ދިޔައެވެ. ކެއްތެރިކަން ކޮޅުން ލުމާއެކު އެނދުދަށުން ތެދުވެ ހަޅޭއްލަވައިގަތެވެ. "މިހިރަ ހަޔާތްކުޑަ މީހާ ގަނޑާ.. ހަމަ މިހާރު ދުރައްދޭ". ހައިޝަމްގެ އަޑަށް ގާދިރާއި އީނާޝްއަށް އެކުއެކީގައި ބަލައިލެވުނެވެ. ދެމީހުންގެ މޫނަށްވެސް ވެރިކުރުވީ ހައިރާންކަމެވެ. ކަންތައް ގޯސް ވުމުން އިތުރަށް ވިސްނުމަކާ ނުލާ ގާދިރު ހައިޝަމް އަށް ކުއްލިއަކަށް ހަމަލާދިނެވެ. ހައިޝަންގެ ކަރުގައި ހިފައި ފާރާދިމާއަށް ކޮއްޕާލިއެވެ. އެދިޔަ ބާރުމިނުގައި ފާރުގައި ޖެހުމާއެކު ހައިޝަމްގެ ބޯފަޅައިގެން ގޮސް ލޭއަންނަން ފެށިއެވެ. އެހެން ނަމަވެސް ގާދިރު ތަކުރާރުކޮށް ހައިޝަމްއަށް އަނިޔާ ކުރަމުން ދިޔައެވެ. ގާދިރު ހަމައަކަށް އެޅުނީ އެނބުރެމުންދިޔަ ފަންކާ ހުއްޓުމަކަށް އައުމާއެކު އިވުނު ވޭނީ އާޙުގެ އަޑުންނެވެ. ތެޅިގެންފައި ފަހަތް ބަލައިލެވުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަންކާގައި އޮޅާލާފައިހުރި ބެޑުޝީޓުގައި ދަންޖެހި މަރުވެފައި އެހުރީ އީނާޝްއެވެ. އޭރު ހައިޝަމްގެ ކަޅިވަނީ ހުއްޓިފައެވެ. ފުރާނަވަނީ މިކެހިވެރި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.
             ކަންތައްތައް ވެގެންދިޔަގޮތުން ގާދިރަށް އެއްވެސް ކަމެއް ފޮރުވޭގޮތެއް ނުވިއެވެ. އެތައް އަހަރުތަކެއް ވާންދެއް ގާދިރު ހިންގަމުން އައި ޖަރީމާ މުޅިރަށަށް ފަޅައަރާ ބޭޒާރުވީއެވެ. ގާދިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޙުޤީޤަށްފަހު އިންސާފުގެ ކުރިމައްޗަށް ހާޟިރުކުރެވި ޙައްޤު އަދަބު ދެވުނެވެ. އިންސާފު ޤާއިމް ކުރެވުނެވެ. ނަމަވެސް ކުށެއްނެތް މަޢުސޫމް ދެފުރާނަ މިކެހިވެރި ދުނިޔޭގެ އަނިޔާގައި ނެތިދިޔަ ފަހުންނެވެ.

ނޯޓު:  އަމިއްލައަށް މަރުވުމަކީ ކުފުރުގެ މަރެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެފަދަ މީހަކު ދާނީ ނަރަކަށް ކަމުގައިވެސް ވިދާޅުވެއެވެ. މިވާހަކައިގައި ހިތާމަތަކަށް ކެއްނުކުރެވިގެން އަމިއްލަ މަރުވާކަމަށް ގެނެސްދީފައިވަނީ އެއްވެސް ހާލެއްގައި އެފަދަކަމަށް ބާރުދީ ހިތްވަރުދީ ނުވަތަ އެއީ ރަނގަޅުކަމެއް ކަމަށް ބަޔާންކުރުމުގެ ބޭނުމުގައެއް ނޫނެވެ. އަދި އެއީ އޮތް ހައްލެއްވެސް ނޫނެވެ. މިއީ ހަމައެކަނި އައި ޚިޔާލެއްގެ މައްޗަށް އުފައްދާފައިވާ ވާހަކައަކަށް ވީތީ އެފަދައިން ގެނެސްދީފައިވަނީއެވެ.
... ނިމުނީ ...

No comments:

Post a Comment

Comment