Thursday, November 10, 2011

Ma'aaf 1

މަޢާފް
( ފުރަތަމަ ބައި )

ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް ) 
            
 ބުރުހަމަ ހަނދާއި ތަރިތަކުގެ ރިހި ދޯދިން ދުނިޔެ ގިރިޓީ ކުރަމުންދަނީ ކަނޑުގެ ލޮނުގަނޑުގައި ރިހި ދޫލައެއް އަޅަމުންނެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއެކު ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ މިޔުޒިކުގެ އިތުރުން، މުޅި މާހައުލުގައިވާ ފަތްތަކުގައި ލުއިލުއި ނެށުމެއް އުފައްދާފައިވެއެވެ. އެހެންނަމަވެސް ރުއްފާތެރޭގައި ހުރި ޖޯލިފަތީގައި އިށީންދެއިން ޒާހިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އެއީ ކޮންމެވެސްކަހަލަ ބޮޑު މުސީބާތެއް ދިމާވެފައިވާ މީހެއްކަން ހާމަވަމުންދާ ކަހަލައެވެ.
 އެއީ މީގެ ތިރީހަކަށް އަހަރު ކުރިއެވެ. މޫސައާއެކުގައި ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ދުވަސްތަކެކެވެ. ޒާހިޔާއަކީ އެންމެ ޅައުމުރުން ފެށިގެންވެސް ތަނަވަސް ދިރިއުޅުމަކަށް ލޯބިކުރާ އަދި އެފަދަދިރިއުޅުމެއްގެ އިންތިޒާރުގައި ހުރި މީހެކެވެ. މާލޭގެ އެންމެ ފާހަގަކޮށްލެވޭ މަދަރުސާތަކުން ތަޢުލީމު ހާޞިލުކުރުމަށްފަހު 


، ރާއްޖޭންބޭރުގެ ޔުނިވަރސިޓީތަކުންވެސް މަތީތަޢުލީމު ޙާސިލުކޮށްފައިވެއެވެ. އެއަށްފަހު، ޒާހިޔާ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ވެގެންދިޔައީ މޫސަ ފަދަ ތަނަވަސް އާއިލާއެއްގެ ކުއްޖަކާއި ކައިވެނީގެ މާތް ގުޅުމަކުން ގުޅިގެން ދިޔުމަށްފަހުގައެވެ. އެއީ ޒާހިޔާގެ ނަޞީބު އައިސް އަތުގައިހިފި ދުވަހެވެ. އާއިލާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރެވުނު މިކައިވެންޏަށްފަހު ޒާހިޔާއާއި މޫސަ އުޅެމުންދިޔައީ ވަރަށް އުފަލުގައެވެ. އެދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅު، ނިރާޝާ ބަލާބޮޑުކޮށްފައިވަނީ ދުނިޔޭގެ އެންމެ މުއްސަދިންގެ ދަރިންނާ އެއްދަރަޖައެއްޖައެވެ. އެދަރިފުޅު ބޭނުންވާ ހުރިހާކަމެއް ބުނިގޮތަކަށް ބުނިވަގުތަކު އެންމެ ހިތްހަމަޖެހޭގޮތަށް ކޮށްދީގެންނެވެ. ޒާހިޔާ އުޅުނު ދަރަޖައަށްވުރެ މަތީ ފަންތިއެއްގައެވެ. 
   މި އުފާވެރިަކަމުގައި މޫސަގެ އާއިލާ ދިރިއުޅެމުންދިޔައެވެ. މިއަހަރަކީ މޫސައަށް ވަރަށް މުޙިއްމު އަހަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ލ. އަތޮޅު ދާއިރާއަށް ކުރިމަތިލާފައިވާތީ މޫސަގެ ދެމަފިރިން ތައްޔާރުވަމުންދަނީ އެކަން ކާމިޔާބުކުރުމަށްޓަކައެވެ. އެގޮތުން ވޭތުވެދިޔައަހަރުން ފެށިގެން ކެމްޕެއިން ކުރަންފަށާފައިވެއެވެ. އެހެންނަމަވެސް އެއީ މާލޭގައެވެ. މިއަހަރަކީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ކެމްޕެއިންގެ ކަންކަމުގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރުމަށް ނިންމާފައިވާ އަހަރެކެވެ.  ހަމައެހެންމެ މިއަހަރަކީ ނިރާޝާގެ މަތީޡާނަވީ ތައުލީމުވެސް ނިމޭ އަހަރެވެ. ސެންޓަރ ފޯރ ހަޔަސެކަންޑްރީ އެޑިޔުކޭޝަންގެ ގުރޭޑު ބާރައިގެ ފަހު އިމްތިހާނު ނިންމާ އަހަރެވެ. މިދެކަންތައްވެސް އިއްތިފާގުން ދިމާވެފައި ވަނީ އެއްއަހަރެއްގައެވެ. މިކަމާ ނިރާޝާގެ މައިންބަފައިން ކިތަންމެ ދެރަވެފައި ތިބިކަމުގައިވިޔަސް ނިރާޝާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު އަބަދުމެ ފެންނަން ހުރެއެވެ. ދުވަސްކޮޅަކަށް ނަމަވެސް ބައްޕަމެން ވަކި މާހައުލަކަށް ދާންއުޅޭތީއެވެ. އަދި ލޯބިވެރިޔާއާ އެއްވެސް ހާސްކަމެއްނެތި ބައްދަލުކުރެވޭނެ ފުރުޞަތު ފަހިވެގެން ދާނެތީއެވެ.
   ނިރާޝާއާއި ނަޢުޝާދު ފުރަތަމަ ބައްދަލުވީ ސީ.އެޗް.އެސް.ސީގެ ގުރޭޑު އެގާރައަށް ވަނުމަށް އޮރިއެންޓޭޝަން ބޭއްވި ދުވަހުއެވެ. މި ބައްދަލުވުން ވެގެންދިޔައީ ދެ މީހުންނަށް ދުވަހަކުވެސް ހަނދާނުން ފުހެލަން ދަތިވި ދުވަހަކަށެވެ. އެގޮތުން އެދުވަހު ކަންތައްތައް ހިގިގޮތް ދެމީހުންގެ ސިކުނޑީގައި މިހާރުވެސް އިއްޔެ ހިނގައިދިޔަ ކަމެއްހެން ހަނދާނުގައި ހަރުލާފައިވެއެވެ. ނިރާޝާ އޭނާގެ ބައްޕަގެ ކާރު ސުކޫލުގެ ގޭޓުކުރިމަށްޗަށް މަޑުކޮށްލުމުން އަވަސްއަރުވާލައިފައި ބޭރަށް ނުކުތުމަށްޓަކައި ކާރުގެ ދޮރުހުޅުވާލި ވަގުތެވެ. ނަޢުޝާދުވެސް ސުކޫލަށް ވަންނަން ގޭޓުގެ ދޮރުން އެތެރެއަށް މިސްރާބުޖެހި ވަގުތެވެ. ނިރާޝާ ކާރުން ފޭބުމުގެ ގޮތުން ބޭރަށް އެޅިފުރަތަމަ ފިޔަވަޅު އެޅީ ކާނުގަނޑުމައްޗަށެވެ. ކަންދިމާކުރިގޮތުން ، އަރާފައި ހުރި ބޫޓުގެ ފުންނާބު ކާނުގަނޑުގައި ތާށިވެ ، މީހާ އަރިއަޅައިގެން ވެއްޓެން އުޅުނު މަންޒަރު  އެންމެ ގާތުން ފެނުނީ ނަޢުޝާދުއަށެވެ. އެހެންކަމުން އެވަގުތު ނައުޝާދު ކުޑަކަކޫ މައްޗަށް ތިރިވެ ކަހަލަގޮތަކަށް ނިރާޝާ ބިންމައްޗަށް ނުވެއްޓެނީސް ހިފެހެއްޓިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ އެވަގުތުއެވެ. އަނގައިން ބަހެއް ބޭރުކޮށްލަންވެސް ނޭނގިފައި އެކަކު އަނެކެއްގެ މޫނަށް ބަލަހަށްޓައިގެން ތިބެވުނީ ކިހާ ވަގުތަކުކަމެއްވެސް ނޭގުނެވެ. ނިރާޝާއަށް މޭރުންވެގެން ދިޔައީ އަމީނިއްޔާ ސުކޫލުގައި އޭނާއާއެކު އެންމެ އެކުވެރިކޮށް އުޅުނު ޒިހުނާއަށް އެމަންޒަރު ފެނި ނިރާޝާ އޭ ކިޔާ ވަރަށް ބާރަށް ގޮވާލުމުންނެވެ.
     ދެލޯބިވެރިންގެ ގުޅުން އިތުރަށް ބަދަހި ވެގެން ދިޔައީ އިއްތިފާގުން ދެމީހުނަށްވެސް އެއްކުލާހަކަށްދެވި ، އުފެދެމުންދިޔަ އެކުވެރިކަމަށްފަހުގައެވެ. ދެމީހުން އެކުގައި ހޭދަކުރެވޭ ވަގުތުތައް އިތުރުވަމުން ދިޔައެވެ. އެކަކު އަނެކަކުގެ ހިތް އެދޭ ކަންތައްތަކާއި ހިތްނޭދޭ ކަންތައްތައް ހިއްސާކުރެވެމުންދިޔައެވެ. މިގޮތުގައި އެއްއަހަރު ފާއިތުވިއިރު ދެމީހުންނަށްވެސް ވަނީ އެކަކު އަނެކަކާ ނުލައި އުޅެން އުނދަގޫ ކަމަކަށް ވެފައެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެކުގައި ގިނަވަގުތު މީހަކާއެކު ހޭދަކުރެވި އެމީހެއްގެ މިޒާޖުގައި ހިތްކިޔާކަހަލަ ގޮތްތަކެއް އެކުލެވިގެންވާނަމަ އެމީހަކާމެދު ފިކުރު ނުކޮށް ހުރުމަށް އުނދަގޫތަކަކާއި ކުރިމަތި ކުރުވާކަމީ ޝައްކެތްވެސް އޮތްކަމެއްނޫނެވެ. އެހެންނަމަވެސް ލޯތްބަކީ ބައެއްފަހަރު ލޯކަނު އެއްޗެއް ކަމުގައިވެސް މީހުން ބުނާތީ އަޑުއަހަމެވެ. ނިރާޝާއަށްވެސް ވެފައިވަނީ އެހެންނެވެ. ނަޢުޝާދު އަކީ ކިތަންމެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުގައި ވީނަމަވެސް އޭނާގެ ކިބައިގައިވާ އާދަޔާ ޚިލާފު ސިފަތަކުން ނިރާޝާގެ ހިތްވަނީ ލަންބުވާލައިފައެވެ. ނަޢުޝާދުގެ ހެދިހުރި ހަށިގަނޑާއި ރިވެތި އަޙުލާޤާއި ތެދުވެރިކަމާއި އީމާންތެރިކަމަކީ އޭނާގެ ކިބައިގައިވާ އެންމެ ފުރިހަމަ ސިފަތަކެވެ. އޭރު ނަޢުޝާދުގެ އަތުގައި ނިރާޝާއަށް ދެވޭނެ ހަމައެކަނި އެއްޗަކީ ލޯތްބެވެ. 
   ފުރަތަމަ ނިރާޝާގެ  އާއިލާއަށް ސިއްރުން މިގުޅުން ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް ދެމީހުންގެ މަޝްވަރާއާއެކު މައިންބަފައިންނާއި މިކަން ހިއްސާކުރުމަށް ނިންމިއެވެ. އެގޮތުން މިގުޅުމުގެ ވާހަކަ ނިރާޝާ އޭނާގެ މައިންބަފައިންގެ ގާތުގައި ބުނުމުން އެކަމާމެދު އިންކާރުކޮށް އެގުޅުން އިތުރަށް ކުރިއަށް ނުގެންދިޔުމަށް އެންގިއެވެ. އެގުޅުމާމެދު މައިންބަފައިންގެ ފަރާތުން ނުރުހޭކަން އެނގިފައިވާ ނަމަވެސް އެގުޅުން ހުއްޓާކަށް ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ. އެއަށްވުރެ ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެއެވެ. މިފަދަގޮތަކަށް ނިރާޝާގެ އާއިލާގެ ފަރާތުން ހުރަސްއަޅަމުން ދިޔަކަމުގައިވީ ނަމަވެސް ، ދެމީހުން ބައްދަލުކޮށް އުޅެނީ  މައިންބަފައިންނަށް ނޭނގޭ ގޮތަށެވެ. ސިއްރުންނެވެ.
    އެގޮތުން މިއަދަކީ ދެލޯބިވެރިން ބައްދަލުވުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. ނަޢުޝާދު ހުރީ ނިރާޝާމެންގޭގެ ވަލުދޮރާށި ކައިރީގައި ނިރާޝާގެ އިންތިޒާރުގައެވެ. އެތައް ވަގުތެއްގެ ދިގު އިންތިޒާރަކަށްފަހު ނިރާޝާ ނަޢުޝާދުއާއި ބައްދަލުކުރުމަށް ނުކުތެވެ. ނިރާޝާއަށް ނަޢުޝާދު ފެނުމާއެކު ވީއުފަލުން ދުވެފައިގޮސް ނަޢުޝާދުގެ ތަނަވަސް މޭމަތީގައި ބޯއަޅާލުމަށްފަހު ، ދުނިޔޭގެ އެއްވެސް ބާރަކަށް އެދެމެދަށް ނުވަދެވޭހާ ވަރަށް ނަޢުޝާދުގެ ގައިގައި ބައްދާލިއެވެ. އެވަގުތު ދެމީހުންގެ ލޮލުންވެސް ބޭއިޚްތިޔާރުގައި ކަރުނަ ފާއްދާލިއެވެ. ދެމީހުންގެ ލޯބިވެތި ފިރުމުންތަކަށްފަހު އިސްނަގައި ވާހަކަ ދައްކަންފެށީ ނިރާޝާއެވެ. " ނަޢުޝާދް. ވަރަށް ގިނައިރު ވެއްޖެ ދޯ މިތާ އިންތިޒާރުގަ ހުންނަތާ! އަޅެ ސޮރީ އިނގޭ ވަރަށް ބޮޑަށް " ނަޢުޝާދު ނިރާޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލަމުން ބުންޏެވެ. " އެއީ އެއްވެސް ކަމެއްނޫން . ނިރާޝާގެ އިންތިޒާރުގައި އެއްއަހަރު ދުވަހު ހުންނަން ޖެހުނަސް އަހަރެން ހުންނާނަން..." އެވަގުތު ދުރުގައި މިމަންޒަރުތައް ބަލަހަށްޓައިގެންހުރި ނިރާޝާގެ ބައްޕަ މޫސަގެ ރުޅިގަނޑު އުތުރިއަރަމުންދިޔައެވެ. އައިސްފައިހުރި ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން ނިރާޝާ އޭ ކިޔާ އަޑުގެ ނެތްވަރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ނިރާޝާއާއި ނަޢުޝާދުއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.
( 2 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ...

No comments:

Post a Comment

Comment