Saturday, September 3, 2011

ކަޅު ވިލާގަނޑު


ކަޅު ވިލާގަނޑު



ލިޔުނީ: އާމިނަތު ނާޒުނީން / ތ.ހިރިލަންދޫ



       އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާ ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ. 


އޭގެ ފޮނިކަމާއި މީރުވަހުން، ދިރިއުޅުމަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމުގެ ފޮނި އުންމީދުގައެވެ. އަދި ހަމަ އެހެންމެ، މަލެއް ފޮޅި ފުރިހަމަ ވުމަށް އެޅިދާނެ ކޮންމެ ހުރަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ތައްޔާރުވެގެން ތިބޭ ހާލުގައެވެ. ނަމަވެސް އެ މާ ފަރިނުވަނީސް ފިޔަތައް މިލާ މޯޅިވެދާނެކަމަށް ހީކުރީ ކާކު ހެއްޔެވެ؟
       އަހަރެންގެ އުމުރުން ބާރަ އަހަރުގައި އަމިއްލަ ރަށް ދޫކޮށް، އަހަންނާއި އަހަރެންގެ އާއިލާ ދެވަނަ ވަޒަނެއް ޚިޔާރު ކުރަން ޖެހުނީ، ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދުމަށްޓަކައެވެ. މައިންބަފައިން އަހަންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން ބޭނުންވާތީއެވެ. އެކަމަށްޓަކައި އެމީހުން އެތަކެއް ޤުރުބާނީއެއް ވިއެވެ. ކިޔެވުމާއި ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި މަންމައާއި ބައްޕަވެސް ވަޒީފާ އަދާކުރިއެވެ. ނަމަވެސް ދެމީހުން ވަޒީފާއަށް ދާ ވަގުތު އަހަރެން ސްކޫލަށް ދާ ވަގުތާއި ދިމާވާތީ، ގޭގައި އެކަނިވެފައި ހުންނާކަށް ނުޖެހެއެވެ. މަންމަމެން އެކަމަށް ތަނެއްވެސް ނުދޭނެއެވެ. މި ހުރިހާ ކަމަކާއި އެކުވެސް، ގޭތެރޭގައި އަހަންނާ އެއް ފުރައިގެ އެހެން އެއްވެސް ކުއްޖަކު ނުހުންނަ ކަމުގެ އިޙްސާސް ބައެއް ފަހަރު ކުރަން ޖެހެއެވެ.
       ގޭތެރޭގެ މާޙައުލުގެ އިތުރުން، އަބަދުވެސް ދުވަސް ފެށިގެން ނިމެމުން އަންނަ ގޮތް ބަދަލުވެގެން ދިޔައީ، ގެއަށް އައި އިތުރު މެހެމާނެއްގެ ސަބަބުންނެވެ. އެއީ ދެބެންގެ ދެދަރި ބޭބެއެކެވެ. އަހަރެން ކިޔާ ގޮތުންނަމަ ޝާހުބެއެވެ. ބޭބެއެއްގެ ލޯތްބާއި އެކުގައި، މަޖާކޮށް ސަކަރާތް ޖަހާ ހަދާނެ މީހަކު ލިބުނީކަމަށް އަހަރެން ހީކުރީމެވެ. ރަށުގައި އުޅުނުއިރު ތަޖުރިބާ ކުރެވުނު ޝާހުބެގެ ސަކަ މިޒާޖާއި، ލޯތްބާއި އެހީތެރިކަމަކީ،  އަހަރެން ދިރިއުޅެމުން އައި އާ މާޙައުލަށް ހިތުގެ އަޑިން ބޭބެއަށް މަރުޙަބާ ކިޔަން ބޭނުންވި އެންމެ ބޮޑު އެއް ސަބަބެވެ.
       ޝާހުބެއަކީ އަބަދުވެސް އެއްޗެހި ކުރަހާ ޑިޒައިން ކުރުމަށް ވަރަށް މޮޅު، އެ ހުނަރު ލިބިފައިވާ މީހެކެވެ. ރަށުގައިވެސް އަހަރެންގެ ސްކޫލް މަސައްކަތްތަކުގައާއި، އެހެންވެސް ކުރެހުމުގެ މަސައްކަތްތަކުގައި ޝާހުބެ އަބަދުވެސް އެހީތެރިވެދެއެވެ. ބޭބެ މާލެ ބަދަލުވީ އެ ދާއިރާއިން ކޯހެއް ހެދުމަށެވެ. މިކޮޅަށް އައުމުންވެސް އަހަރެން އުންމީދު ކުރި ފަދައިން، ޝާހުބެގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އޭގެ އިތުރުން، އެކުގައި ވަރަށް މަޖާކޮށް ސަކަރާތް ޖެހުމަކީ ކުރިއެކޭ އެއްގޮތަށް އާދައަކަށް ވިއެވެ. ނަތީޖާއަކަށްވީ ގޭތެރޭގައި ކުރިން އޮންނަ އެކަނިވެރިކަން ފިލައި، ގެއަށް އުފާވެރިކަން ވެރިވުމެވެ.
       އަހަރެންގެ މައިންބަފައިން ޝާހުބެ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ބޭބެދެކެ ވަރަށް ލޯބިވެއެވެ. ފިރިހެން ދަރިއަކު ނުހުންނާތީ ކަމަށްވެސް ވެދާނެއެވެ. އަހަންނަށް ދިން ކޮންމެ އުފަލެއް ބޭބެއަށް ދިނެވެ. އަހަންނަށް ހޯދައިދިން ކޮންމެ އެއްޗެއް ޝާހުބެއަށް ހޯދައިދިނެވެ. މި މަކަރުވެރި ދުނިޔޭގެ މަޅިތަކުން ސަލާމަތް ކުރުމަށް އަހަރެން ޝާހުބޭގެ ރައްކާތެރި ކަމުގައި ބައިންދައެވެ. ގެއިން ބޭރަށް ނުކުތުމުގެ ކުރިން މަންމަ އަބަދުވެސް ބުނެއުޅޭ ދެ ވާހަކައެއް އަދިވެސް ހަނދާން ހުރެއެވެ. އަހަރެންނަށް ބަސް އެހުމަށާއި ޝާހުބެއަށް ބުނަނީ މަންމަގެ ދަރިފުޅު ރަނގަޅަށް ބެލުމަށެވެ. މަންމަ އަބަދުވެސް ބުނާ ފަދައިން، ޝާހުބެ އަހަރެން ވަރަށް ރަނގަޅަށް ބަލައެވެ. އަހަރެން ހިތުގައި ނުޖައްސައެވެ. ފޫހިވާނެ ކުޑަވެސް ވަގުތުކޮޅެއް ނުދެއެވެ. ހުރިހާ ކަމެއްގައިވެސް ނުހަނު އެހީތެރިވެދެއެވެ. ނަމަވެސް އެ ޝާހުބެ އަހަންނަށް ގެއްލުނީ އެއްރެއެއްގައި ކޮމްޕިއުޓަރުން ބޭބެ ބެލި ވީޑިއޯއަކަށް ފަހުގައިކަން އަހަންނަށް ޔަޤީނެވެ.
      އާނއެކެވެ. އެއީ މަންމައާއި ބައްޕަ ޕާޓީއަކަށް ދިޔުމަށް ތައްޔާރު ވަމުން ދިޔަ ރެއެކެވެ. އަހަރެންވެސް ޕާޓީއަށް ދާން ބޭނުންވިއެވެ. އެރޭ ބޮޑާ ހާކަމުން މަންމަގެ ފަހަތުން ހިނގި ހަނދާން މާ ރަނގަޅަށްވެސް ހުރެއެވެ. ނަމަވެސް އެރޭވެސް ކުރި ލިބުނީ މަންމައާއި ބައްޕަގެ ކޮޅަށެވެ. އޮފީސް ބައެއްގެ ޕާޓީއެއް ކަމަށާއި، ކުޑަކުދިންނަށް ބައިވެރިވެވެން  ނެތްކަން އޯގާތެރިކަމާއެކު މަންމަ ވިސްނައިދިނެވެ. މިފަހަރުވެސް އަހަރެން ގާތުގައި ބަސް އެހުމަށް ބުންޏެވެ. އަދި އެނބުރި އަންނައިރު އައިސްކްރީމް ތަށްޓެއް ގެނަސްދިނުމަށް ވަޢުދުވިއެވެ. މަންމަގެ ދެވަނަ ބަސްކޮޅު ޝާހުބެއަށް އަމާޒުކުރި ހަނދާންވެސް ވެއެވެ. ކޮމްޕިއުޓަރަށް ގެއްލިފައި އިން ޝާހުބެއަށް ޖަވާބުގައި ބުނެވުނީ ހަމައެކަނި 'ހޫނ' އެކެވެ.
      މަންމަމެން ނުކުމެގެން ދިޔަ މަންޒަރު ބަލަން، ގެއްލިފައި އިރުކޮޅަކު އަހަންނަށް އިނދެވުނެވެ. އެވަގުތު ގޮތް ނޭނގޭ އިޙްސާސެއް ކުރުވިއެވެ. ސަބަބެއް ނޭނގޭ ހިތް ނުތަނަވަސް ވުމެއް ވެރިވިއެވެ. އިރުގަނޑަކު އެހެން އިނުމަށްފަހު، އަހަރެން ޝާހުބެ ގާތަށް ދިޔައީ ފޫހިވާތީއެވެ. ނަމަވެސް ބޭބެގެ ސަމާލުކަން އަހަންނަށް ލިބޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރުވެސް ހަމަ އެގޮތަށް މަސައްކަތް ކުރީމެވެ. އަދި ޝާހުބެއާއެކު ކޮމްޕިއުޓަރު ކުޅެން ބޭނުންވާ ވާހަކަ ބުނީމެވެ. އަހަރެންގެ މަސައްކަތް ކާމިޔާބު ނުވާނެކަން އަހަންނަށް ޔަޤީންވީ، ކޮމްޕިއުޓަރުން އެވަގުތު ޝާހުބެ ބަލަމުން ދިޔައީ ކުޑަކުދިން ބަލާ ކަހަލަ އެއްޗެއް ނޫން ކަމަށާއި، ދެން ނިދަން ދިޔުމަށް ޝާހުބެ ބުނުމުންނެވެ. އެވަގުތު ތަފާތު ގިނަ ސުވާލުތަކެއް ހިތު ތެރޭގައި އުފެދުނެވެ. ޝާހުބެ އެހެން އެބުނީ ކީއްވެ ހެއްޔެވެ؟ ކުޑަކުދިން ވީމައި ނުބަލަންވީ އެއްޗެއް އޮވޭ ހެއްޔެވެ؟ އެހެންނަމަ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ނިދަން ދިޔައިރު މި ހުރިހާ ސުވާލުތަކެއް ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ.
       އެރޭ ނިދާފައި އޮވެފައި، އަހަންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުނެވެ. އެވަގުތު ހައިރާން ކުރުވަނިވި ދެކަމެއް ފާހަގަ ކުރެވުނެވެ. އާދަޔާ ޚިލާފަށް އަހަރެން ހިއްލާފައި ހުރި ދަލާއި، ކޮޓަރި ތެރެއިން އެއްވެސް އެއްޗެއް ނުފެންނަ ކަމެވެ. ނިދުމުގެ ކުރިން ނިދާ ބޮކި ދިއްލުމަކީ، ދުވަހަކުވެސް އަހަރެން ހަނދާން ނެތުނު ކަމެއް ނޫނެވެ. ވީއިރު، އެރޭ ކޮޓަރިތެރެ އަނދިރިކޮށް އޮންނަންވީ ސަބަބެއް ނޭނގުނެވެ. ދެން އަހަންނަށް ވިސްނާލެވުނީ، ހޭލެވުމުގެ ކުރިން އަހަންނަށް ފެނުނު ހުވަފެނާއި މެދުގައެވެ. މަންމައާއި ބައްޕައާއި އެކު، އަހަރެން އަތިރިމަތީގައި ހިނގަމުން ދިޔައީމެވެ. އެވަގުތު ލޮލުގައި އަޅައިގަތީ، ދުވަހަކުވެސް ނުދެކޭފަދަ ރީތި، އެކި ކުލަކުލައިން ދަޅައަރާ ބޮއްޔެކެވެ. އަހަރެން މަޑުޖެހިލީ އެ ބޮލި ނެގުމަށްޓަކައެވެ. ކުއްލިއަކަށް އެއިން ފައިތަކެއް ނިކުމެ އަހަރެންގެ އަތުގައި ތަތްކޮށްލިއެވެ. އަދި ވެލިގަނޑުގެ ތެރެއަށް އަހަރެން ދަމައިގަތެވެ. މަޑު ހިނގުމެއްގައި މަންމައާއި ބައްޕަ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައިރު، އެމީހުންނަށް އެކަމުގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން ވެލިގަނޑުގެ ތެރެއަށް ވަންނަމުން ގޮސް، އިރުކޮޅެއް ފަހުން ނޭވާ ހާސްވާން ފެށިއެވެ. ހޭލެވުނުއިރު ހިއްލާފައި ހުރި ދަލުގެ އަސްލަކީ، އެ ހާސްކުރުވަނިވި ބިރުވެރި ހުވަފެންކަން އެވަގުތު ވިސްނުނެވެ.
      އެހެން ރެއެކެވެ. ޖަހާލި ބާރު ގުގުރިއާއެކު، އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ދެލޮލުން ނިދީގެ އަސަރު މުޅިން ކެނޑިގެން ދިޔައެވެ. ކުރިން ރެއެކޭ އެއްގޮތަށް އެރޭވެސް ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. މެދު ކެނޑުމެއްނެތި ފުރާޅުން އިވެމުން ދިޔަ އަޑުން، ވާރޭ ވެހެމުން ދާކަން އަންގައި ދިނެވެ. މުޅި ގޭތެރެވަނީ އެ އަޑުން ގުގުމާލާފައެވެ. ކުއްލިއަކަށް ވިދާލި އަލިގަދަ ވިދުވަރާއެކު، އަލަމާރި ކައިރިން މީހެއްގެ ސޫރަ ސިފަވިހެން ހީވިއެވެ. ގަތް ބިރުން އިން ތަނުން ތެދުވާކަށް ނުކެރުނެވެ. އިރުކޮޅަކު އެހެން އިންދާ، އަނެއްކާވެސް މީހެއްގެ ހިލަމެއް ވީހެން ހީވިއެވެ. އަހަރެންގެ މޭގަނޑު ތެޅެން ފެށިއެވެ. ގައި ހުރި ވަރެއް ލާފައި، އަޑުގެ ނެތް ތަނަށް ހަޅޭއްލަވަން އަނގަ ހުޅުވާލިތަނާ، އެ މީހަކު އައިސް އަހަރެންގެ އަނގަމަތީގައި ވަރަށް ބާރަށް އަތް އެޅިއެވެ.
       ނޭފަތުގައި ޖެހުނު ސެންޓުގެ ވަހާއި އެމީހެއްގެ އަތުގެ ބީހުމުން، އެއީ ކާކުކަން އަހަންނަށް މާ ރަނގަޅަށްވެސް ޔަޤީންވިއެވެ. އާނއެކެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެންގެ ޝާހުބެއެވެ. ބޭބެގެ އެ އާދަޔާ ޚިލާފު، ހައިރާން ކުރުވަނިވި ހަރަކާތުން އަަހަރެންގެ ހިތަށް ނޭނގޭ ކަހަލަ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. މެއަށް ފިނިވާން ފެށިއެވެ. ކުރާނެ ކަމެއް އަދި ހަދާނެ ގޮތެއްވެސް އަހަރެންގެ އެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ.
       ޝާހުބޭގެ އަތް އަހަރެންގެ ހަށިގަނޑުގެ އެތަން މިތާނގައި ހަރަކާތްކުރަން ފެށިއެވެ. ވާން އުޅެނީ ރަނގަޅު ކަމެއް ނޫންކަން އަހަރެންގެ ހިތަށް ޔަގީންވިއެވެ. ޖެހިފައިވާ މަޅިން ސަލާމަތެއް ހޯދުމަށް ގަދަކަން ދައްކާލި ހިނދު، ޝާހުބޭގެ މޫނުމަތިން އެފެނުނު ކުލަވަރު އެއީ އޭގެ ކުރިން ދުވަހެއްގައިވެސް  ފެނުނުކަމެއް ނޫނެވެ. ރުޅިވެރިކަމާއި ނަފުރަތު އޭނާގެ މޫނުމަތިން ކެކި އަރަނީއެވެ. ހަމަ އެވަގުތު ބޭބެގެ އަމަލުތައް ވަލު ޖަނަވާރެއް ފަދައިން ހަރުކަށި ވެގެންދިޔައެވެ. ގުޑާލަންވެސް ނުކެރިފައި، މަރުވެފައިވާ މައްޔިތެއް ފަދައިން އެނދުމަތީގައި އަހަރެން އޮތީމެވެ. ޝާހުބެ އަހަރެންގެ ހަށިގަނޑަށް ޝިކާރަވީ ރަޙުމު ކުޑަ ބާޒެއް ފަދައިންނެވެ. އޭގެ ވަކިތަކުން އަހަރެންގެ ހަށިގަނޑުގެ ގުނަވަންތައް ޝިކާރަކުރަމުން އޭގެ ފައިދާ ލިބިގަންނަމުން ދިޔައެވެ. ވެހެމުން ދިޔަ ވާރެއާއި ޖަހަމުން ދިޔަ ބާރު ގުގުރީގައި އަހަރެންގެ ހަޅޭކުގެ އަޑު ވައިގެ ތެރެއަށް ފަނޑުވެގެން ދިޔައެވެ. ނަމަވެސް އަހަރެންގެ ނަފްސާއި ޖިސްމު އެ ވޭނީ އާހުގައި އަނދަމުން ދިޔައެވެ.
      އެއީ އަހަރެންގެ ޝާހުބެއެވެ. މަންމަމެން ދަރިއެއް ކަމުގައި ދެކުނު އަދި އަހަރެން ބޭބެއެއް ފަދައިން ލޯބިވި ޝާހުބެއެވެ. ލޯބީގެ ބަދަލު ލޯބިން ނުލިބެނީ ކީއްވެ ހެއްޔެވެ؟ ވަފާތެރިކަމުގެ ބަދަލު ވަފާތެރިކަމުން ނުލިބެނީ ކީއްވެ ހެއްޔެވެ؟ މަންމަ ޝާހުބެއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ. އެ ތޫފާނީ ރޭގައި އަހަރެންގެ އިއްޒަތާއި އަބުރު ނަގާލިއިރު، ބޭބެގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. އެ ބިރުވެރިކަން އަހަރެންގެ ހިތުން ދުވަހަކުވެސް ފިލާ ނުދާނެއެވެ. ޙަޔާތުގައި ޖެހުނު ކަޅު ލައްގަނޑެއް ފަދައިން މުޅި އުމުރުގައިވެސް އޭގެ ހިތި ރަޙަ ދެމި ހުންނާނެއެވެ. އެ ކަޅު ވިލާގަނޑުން އަހަރެންގެ ދިރިއުޅުން ބަނަވީ، ދެން ދުވަހަކުވެސް އިރުގެ އަލިކަމެއް ނުލިބޭނެ ފަދައިންނެވެ.

           
 This Story will also be in Dip.DLT 2011 page of this Blog.

No comments:

Post a Comment

Comment