Friday, August 12, 2011

ނުބައި ނަންބަރެއް 2


 2 ނުބައި ނަންބަރެއް


ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)

        

ފުރަތަމަ ބައިގެ ތެރެއިން....    

     
    ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައިތިބި އަހަރެންގެ މަންމައާ ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ.. ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ. އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ. " މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން " ސުވާލާ ގުޅުމެއްނެތް 


އަހަރެންގެ އަދަބުކުޑަ ޖަވާބެވެ. " އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ " އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލާ ކޮޓަރިއަށްގޮސް އެދުގައި ޖައްސާލީމެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މިފަހަރު އަހަރެން ގާތަށް ރުޅިއަހިސްފިއެވެ. " ކިހިނެއްތަ ވެގެން ތިއުޅެނީ؟ " ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް " ރުއިމާ ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާޙުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޙްތިޔާރުގައި އަހަރެންނަށް ފޯނު ކަނޑާލެވުނެވެ. އަހަރެން މުޅިން ހާސްވެއްޖެއެވެ. ނުތަނަވަސް ވެއްޖެއެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ.

ދެވަނަ ބައި

           އެތަކެއް އިރެއްވާންދެން ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. މީއަހަރެންނަށް ކުރިން ވީގޮތެއް ނޫނެކެވެ. މީހަކު ބުނާއެއްޗަކުން ދައްކާ ވާހަކައަކުން ސިހުންވެ ޖެހިލުންވެ، ހާސްކަމާ ނުތަނަވަސްކަމުގައި ވިސްނަން ވަގުތު ނަގާލުމަކީ އަހަރެން ނުކުރާކަމެވެ. އެކަމަކު މިވަގުތު އަހަރެންގެ ކަންފަތުގައި އެއަޑު ގުގުމަމުން ދަނީއެވެ. " ކަލޭގެ ސަބަބުން އަހަރެންގެ ދަރިފުޅު އެއޮތީ މަރުވެފައޭ.. މަރުވެފައޭ.. ތީޤާތިލެއް.. ޤާތިލެއް " އެއަޑުން އަހަރެންގެ ހިތް ނުތަނަސް ކުރުވަމުންދަނީއެވެ. ކިތަންމެ ފަހަރަކުވެސް އެނަންބަރަށް އަލުން ގުޅަން ހިތްބުނެއްޖެއެވެ. އަހަރެން އެމީހަކު ނުދަންނަކަމާއި، އޭނާ އެދައްކާ ވާހަކަތަކާ އަހަރެންނާ ގުޅުމެއް ނެތްކަން ބުނަން ބޭނުން ވެއެވެ. އެކަމަކު ކުރިން ދުވަހަކުވެސް އެއްވެސް ކަމެއްގާ ނުވި ފިނޑިއެއް މިއަދަކު އަހަރެން މިވަނީ ކީއްވެގެން ހެއްޔެވެ؟
            ގިނަ ވަގުތުތަކަކު ވިސްނުމަށްފަހު އެނަންބަރަށް ގުޅީމެވެ. " މިހާރު ކޮންބޭނުމަކު ތިގުޅީ؟ " އަނެއްކާވެސް އެވޭނީ އަޑެވެ. " ބޭބޭ.. އަހަރެންނަށް މާފުކުރޭ. އަހަރެންނަކަށް ނޭނގޭ ބޭބެތީކާކު ކަމެއްވެސް.. އަހަރެން ނުވެސް ދަންނަން ތި ނަންބަރެއްވެސް.. އެވަގުތު އަހަރެން އެގޮތަށް ޖަވާބުދިނީ މަޖަލަކަށް " ވަރަށް ހިތްވަރުން އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނެ ނިންމާލީމެވެ. ހަމަހިމޭންކަމާއެކު ވަގުތު ކޮޅެއް ހޭދަވުމަށްފަހު ދެންއިވުނީ ހައިރާންކަން ދޭހަވާފަދަ އަޑެކެވެ. " ތީ ނާފިޒުއެއް ނޫންތަ؟ ތީ މިރޭ އަހަރެންގެ ދަރިފުޅުގެ އޮޕަރޭޝަން ކުރަންޖެހުމުން ލޭދޭންއައި މީހާއެއް ނޫންތަ؟ ކަލެއެއް ނޫންތަ ލޭޓެސްޓް ކޮށްފައި، ލޭ ނަގަން ބޭނުންވެގެން ޑޮކްޓަރުން ބުނެފިނަމަ އަހަރެންނަށް ގުޅާށޭ، މިދަނީ މިތާކައިރި ހޮޓަލަކަށޭ ކިޔާފާ މިނަންބަރު އަހަރެންނަށް ދިނީ؟ " ހުސް ސުވާލެވެ. އަހަރެންނަށް ތެދުވެރިކަމާއެކު ޖަވާބުދާރީވީމެވެ. " އާނ!. އަހަރެންނެއް ނޫން. ތިވާނީ ބޭބެއަށް ނުބައިކޮށް ނަންބަރު ސޭވް ކުރެވުނީކަމަށް ".. އަހަރެންގެ ޖަވާބުން އެމީހާއަށް އޮޅުންފިލައިފި. އެކަމަކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. " ރަނގަޅު.. ވަރަށް ރަނގަޅު. އަޅެ އެންމެ ފަހަރަކުވެސް އަހަރެން ގުޅީމާ ތިޔަ ގުޅުނީ ނުބައި ނަންބަރަކަށޭ ބުނެ އެވަގުތު ތިކަން އަހަރެންނަށް އޮޅުން ފިލުވައިދިންނަމަ. އަހަރެން އެމީހާގެ އިންތިޒާރުގައިހުރެ ލޭނުލިބި ސީރިއަސް ހާލަތުގައި އަހަރެންގެ ދަރި މަރުވެގެންނޭ އެދިޔައީ.. ކޮންކަހަލަ އިންސާނުންނެތްތަ ތިޔައީ" އަހަރެން އެރޭ އަޑުއެހީމެވެ. އެމީހާގެ އެޝަކުވާތައް ހިތުން ރުހުމުން ޤަބޫލުކުރީމެވެ. އަހަރެންނަކީ ކުއްވެރިއެކެވެ.
           އެމަރުޙޫމްގެ މޫނު ދެކިލަން ދިއުމުން އަހަރެންނަށް ލިބުނީ އިތުރު ޝޮކެކެވެ. އެ މައުސޫމް އަންހެން ކުއްޖާއަކީ ތެލެސީމީއާ ކެރިއަރަކަށްވުން އެއީ ކުށެއްކަމަށް ހަދައި އަހަރެން އެކުއްޖަކު ބާކީކޮށްލި، މީގެ ދުވަސްކޮޅެއް ކުރީގެ އަހަރެންގެ ލޯބީގެ ބައިވެރިޔާއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އާއެކެވެ. ދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ކުށެއް ނެތެވެ. ކުރާނޭ ޝަރީއަތެއްވެސް ނެތެވެ. އެކަމަކު އަހަރެންގެ ސަބަބުން މިކެހިވެރި ދުނިޔެއާ އޭނާ އެވަކިވެ ދިޔައީއެވެ. އަހަރެންނަކީ ކުއްވެރިއެކެވެ. ކުށަކީ މަކަރުހެދުމާ އޮޅުވާލުމާ އެހެންމީހުންނަށް ޖެއްސުންކޮށް އުޅުން އުފަލެއްކަމުގައި ދެކެވުމެވެ. އެއުފާ އަހަރެން ޤާތިލަކަށް ހަދައިފިއެވެ. އާނއެކެވެ. އަހަރެންގެ ނަންބަރަކީ މީހަކު އޮޅިގެންވެސް ގުޅަން ހެޔޮނުވާވަރުގެ ނުބައި ނަންބަރެކެވެ. ނުބައި ނުލަފާ މީހެއްގެ ނުބައި ނަންބަރެކެވެ.

-ނިމުނީ-


No comments:

Post a Comment

Comment