Sunday, August 7, 2011

ނުބައި ނަންބަރެއް


 ނުބައި ނަންބަރެއް


ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)



ފުރަތަމަ ބައި


        ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު ކުއްލި ލަތްކަކާއެކު ސައިކަލު ބާރު ސްޕީޑްގައި ދުއްވާލީމެވެ. ފަހަތުގައިއިން އެކުވެރިޔާއަށް ލިބުނު ސިހުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އުފަލަކަށެވެ. ހިންހަމަޖެހުމަށެވެ. ހިނިގަނޑެއް ޖަހާލީމެވެ. ފުލުފުލުން އީނާޒު އާއި ކަމާލް ފަހަތުގައި ދެއެކުވެރިން ލައިގެން ސައިކަލުގައި ނައްޓާލިއެވެ. އަހަރެމެންގެ މިސްރާބުހުރީ ޑައިނަމޯއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާބައެއްފަދައިން އަހަރެމެން ސައިކަލް ދުއްވަމުން ދިޔައީ އިންތިހާދަރަޖައަށް ބާރު ސްޕީޑެއްގައެވެ.

         މިއީ އަހަރެން ކޮންބޭނުމަކު ކީއްކުރަން ކުރާހާ ކަމެއް ހެއްޔެވެ؟ ބޭނުމެއްނެތް ގޮތުގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވުމެވެ. އެކުވެރިންނާއެކު ނަންމަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. މިއީ އޭރު އަހަރެންގެ ހިތަށް އެރި ސުވާލުތަކެއް ނޫނެކެވެ. ވިސްނި ކަންތައްތަކެއްވެސް ނޫނެވެ. އެރޭގެ އެވަގުތުގައިވެސް އަހަރެން ވިސްނުމަށް އައިކަންތައްތަކެއް ނޫނެކެވެ.
         އެކުވެރިންތަކާއެކު ޑައިނަމޯގެ ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލާ ސަކަރާތާ މަޖަލުގައި ވަގުތު ހޭދަކުރަން ފަށައިފީމެވެ. އެހެން މީހުންނަށް ވާނޭ އުނދަގުލަކަށް ބެލުމެއްނެތިއެވެ. ހަމަހިމޭން ކަމަކީ އަހަރެން ފޫހިވާ ކަމެވެ. މަޑުމައިތިރިކަމަކީ އަހަރެން ނުރުހޭ ސިފައެކެވެ. ސަކަރާތްޖެހުމާ މަޖާކުރުން ނޫންކަމެއް އަހަރެންގެ ދިރިއުޅުމުގައެއް ނުވެއެވެ. މިހުރިހާ ކަމެއްވެސް އަހަރެން ކުރަމުންއައީ ރައްޓެހިންނަށްޓަކައެވެ. ރައްޓެހިންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. އެމީހުންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ކެރޭ މީހަކަށް ވުމަށްޓަކައެވެ.
         ކެއުމަށް އިންސާފުކުރަމުން އަހަރެމެން ދައްކަމުންދިޔަ ވާހަކައަށް ހަމަހިމޭންކަން ވެރިކުރުވީ އަހަރެންގެ ފޯނެވެ. " ތިދެން ކިހާބޮޑު އުނދަގުލެއް... ތިފޯނު ސައިލެންޓަށް ލާފަ ބާއްވަބަލަ... " އަހަރެންނަށް ފޯނު ޖީބުން ނުނެގިގެން އުޅެނިކޮށް އެކުވެރިންގެ ޝަކުވާތައް އޮހެން ފެށިއެވެ. " ބިޓުންގެ ކޯލް މާގިނައިން އަންނަ މީހެއްކަމަށް ދެއްކެން ވެގެން އުޅޭގޮތޭ ". އާކަމެއް ނޫންކަމުން އެމީހުންގެ ވާހަކަތަކަށް ސަމާލުކަމެއްނުދީ އަހަރެން ފޯނުނަގައި ސްކްރީނަށް ބަލައިލީމެވެ. " ނުދަންނަ ނަންބަރެއް " އަހަރެންނަށް ބުނެލެވުނެވެ.
         " އޭ. ކޮއްކޯ ކޮންތާކުތަ؟... އަވަހަށް .. އަވަހަށް އާދޭ.. ވަރަށް ސީރިއަސް " ފޯނުނަގައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އިވުނީ ހާސްކަމުން ފުރިގެންވާ އަޑެކެވެ. ރައްޓެހިންގެ ތެރޭގައި ހޭދަކުރަމުންއައި މަޖާވަގުތުގެ ގޮތުން އަހަރެންނަށް އެމީހާގެ އަޑުގައިހުރި ނާއަވަސްކަމާއި، ހާސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކާމެދު ވިސްނާލާނެހާ ބާރެއް ނުލިބުނެވެ. " އާނ... މިދަނީ " ސްޕީކަރ އޮންކޮށްފައިވާ އަހަރެންގެ މޯބައިލްފޯނުން އިވުނުއަޑަށް ޖަވާބުދާރީވާނޭ ގޮތެއްގެ އިންތިޒާރުގައިތިބި އަހަރެންގެ ރައްޓެހިންގެ ކުރިމަތީގައި، ނުފޫޒުހުރި މީހަކަށްވުމަށް އަހަރެން އެމީހާއަށް އިތުރު އޮޅުމެއް ނާރާނޭ، ފަދައިން ރަނގަޅަށް އޮޅުވާލީމެވެ. ފޯނުކުރި މީހާ ފޯނު ކަނޑާލުމާއެކު އިވިގެންދިޔައީ ނުލަފާ ވައްތަރަށް ރައްޓެހިންތައް އެއްފަހަރާ ހީގެންއަޑެވެ. އަހަރެން އެމީހުންނާ ބައިވެރިވީމެވެ.
          ކެއުމަށް އިންސާފުކުރަމުން މަޖަލުގައި ވަގުތުތައް ހޭދަކުރުމަށްފަހު އަހަރެމެން އެތަނުން ނުކުތީ، ދާނޭވަކި މަންޒިލެއް އޮވެގެނެއް ނޫނެކެވެ. ވަކި މަންޒިލެއް ކަނޑައަޅައިގެނެއްވެސް ނޫނެކެވެ. އަހަރެން އަތުގައިވާ ގަޑިއަށް ބަލައިލީމެވެ. އެއަށްފަހު ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު، އަހަރެންގެ ސައިކަލް ފަހަތުގައިއައި ވިލްދާން ސައިކަލަށް އެރިއެވެ. " ކޮންތާކަށްދާނަމޭ ހިތާތަ ތި އެރީ ؟ " ލާނެތް ފާޑަކަށް އަހަރެންގެ ސުވާލު އޭނަޔާ އަމާޒުކުރީމެވެ.  " ކިހިނެއްވީ؟ ". ހައިރާންކަމާއެކު ވިލްދާންވެސް ކުރީ ސުވާލެކެވެ. " މަ ދެންދާނީ ގެއަށް. މިރޭ މިހާރުއެބަ ބޮލުގައި ވަރަށްބޮޑަށް ރިއްސާ.. ނެތް އިތުރުތާކަށް ދާން މޫޑެއް.. އެހެންވެ. ކަލޭ ރައްޓެހި ގޮލަޔަކަށް ގުޅައިގެން ނައްޓާލާ. ". އޭނާކުރި ސުވާލަށް އަހަރެންނަށް ދެވުނު ޖަވާބު ކިތަންމެ ރަނގަޅަކަށްވެސް ފުދިއްޖެކަން އެނގުނެވެ. އިތުރު އެއްޗެކޭނުބުނެ ސައިކަލުން ފޭބިއެވެ. ހިންހަމަ ނުޖެހިފައިކަން އެނގޭތީވެ އިތުރަށް އެހެން މީހެއްގެ މޫނަށް ބެލުމަކާނުލާ، އެއްޗެކޭވެސް ނުބުނެ އަހަރެން ސައިކަލް ދުއްވާލީމެވެ.
         ގެއާ ހިސާބަށް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް މަގުގެ އެއްފަރާތަށް ސައިކަލް މަޑުކޮށްލަން ޖެހިއްޖެއެވެ. ފޫހިކަމާ ހިންހަމަ ނުޖެހުމާއެކު ވައިބްރޭޓް ވޭވޭއޮތް ފޯން ޖީބުން ނެގީމެވެ. އަޖައިބެކެވެ. އަހަރެން ހަނދާނުގައިވެސް މިފޯން ރިންގް އޮފް ވެފައި އޮތް މިއީ ފުރަތަމަ ފަހަރެވެ. ފޯނު ސްކްރީނުން ފެންނަނީ ނުދަންނަ ނަންބަރެކެވެ. ނޫނެކެވެ. ގުޅަނީ ކާކުކަން ނޭނގުނަސް ނަންބަރު އެނގިއްޖެއެވެ. އަދި މައްސަލައަކީ " ތިޔަ ގުޅިގެން އުޅެނީ ނުބައި ނަންބަރަކަށޭ " އެމީހާއަށް ކުރިން ބުނެ ނުދެވުން ކަންވެސް ވިސްނިއްޖެއެވެ. އެމީހަކު ގުޅަން އުޅުނު ނަންބަރުނޫން ނަންބަރަކަށް ތަކުރާރުކޮށް ގުޅިފައިހުރިކަން ވިސްނުމަށް އައުމާއެކު ލާނެތް ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިކުރުވިއެވެ. ވިސްނުމަށް އިބިލީސް ސަވާރުވެއްޖެއެވެ. " މިދަނީއޭ ". ފޯނުނެގިގޮތަށް އަހަރެން ޖަވާބު ދިނީމެވެ. ޖަވާބުގައި ވަރަށް އާދޭހާއެކު އަވަހަށް އަންނާށޭ ބުނެފުއްދާލިއެވެ. އެއަޑުގައި އެކުލެވިގެންވީ ރިހުމާ ކެކުޅުމުގެ އަސަރު އަހަރެންގެ ކަންފަތަށް އެވަގުތު ނަގައިނުގަނެވުނީ ކީއްވެ ހެއްޔެވެ؟
         ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައިތިބި އަހަރެންގެ މަންމައާ ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ.. ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ. އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ. " މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން " ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބުކުޑަ ޖަވާބެވެ. " އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ " އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލާ ކޮޓަރިއަށްގޮސް އެދުގައި ޖައްސާލީމެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މިފަހަރު އަހަރެން ގާތަށް ރުޅިއަހިސްފިއެވެ. " ކިހިނެއްތަ ވެގެން ތިއުޅެނީ؟ " ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް " ރުއިމާ ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާޙުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޙްތިޔާރުގައި އަހަރެންނަށް ފޯނު ކަނޑާލެވުނެވެ. އަހަރެން މުޅިން ހާސްވެއްޖެއެވެ. ނުތަނަވަސް ވެއްޖެއެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ.
         = ނުނިމޭ =

             ....This Story is also in "My stories and Articles" page of this Blog

=========================================================================

No comments:

Post a Comment

Comment